19:00


ސިވިލް ސާވިސްގެ ޤާނޫނު ހިންގުމަށްޓަކައި ސަރުކާރުގެ ހުރިހާ އޮފީހެއްގައިވެސް ސިވިލް ސާވިސްގެ އެންމެ އިސް މުވައްޒަފަކާ ޒިންމާދާރު އިސްވެރިއެއްގެ މަޝްއޫލިއްޔަތުތައް ހަވާލުކުރުމަށް ޕާމަނަންޓް ސެކެޓްރީންނަށް ސިވިލް ސާވިސް ކޮމިޝަނުން އަންގައިފި އެވެ.


ސިވިލް ސާވިސް ކޮމިޝަންގެ ނައިބް ރައީސް އަބްދުލް މުހްސިން މުހައްމަދު ސޮއިކުރައްވައި ނެރެފައިވާ ސާކިއުލާރގައި ބުނެފައިވަނީ ސިވިލް ސާވިސްގެ ޤަވާއިދު 2010 އަށް މިމަހުގެ އެއް ވަނަ ދުވަހުން ފެށިގެން އަމަލުކުރެވެމުންދާއިރު، ދިވެހި ސިވިލް ސާވިސްގެ ޤާނޫނުގައި މުސްތަޤިއްލުކޮށް ހިނގުމަށް ކަނޑައަޅާފައިވާ ކަންތައްތައް ހިނގުމަށާއި އެ ޤާނޫނާއި ސިވިލް ސާވިސްގެ ޤަވާއިދު ހިންގުމަށްޓަކައި، އެ ގަވާއިދުގައިވާ ގޮތުން ޒިންމާދާރު ވެރިޔަކު ކޮންމެ އިދާރާއަކަށް ވެސް ކަނޑައަޅަންޖެހޭ ކަމަށެވެ.


އެގޮތުން އެ ގަވާއިދަށް އަމަލްކުރަން ފެށުމާއެކު ސަރުކާރުގެ ކޮންމެ އޮފީހެއްގައިވެސް ހުންނަ ސިވިލް ސާވިސްގެ އެންމެ އިސްމުވައްޒަފު ޒިންމާދާރު ވެރިޔާގެ ގޮތުގައި ކަނޑައެޅިގެންދާނެ ކަމަށް އެސާކިއުލާގައިވެ އެވެ. އެގޮތުން ކޮންމެ އޮފީހެއްގައިވެސް ސިވިލް ސާވިސްގެ އެންމެ އިސް މުވައްޒަފުގެ ނުވަތަ މުވައްޒަފުންގެ ތެރެއިން ކަނޑައެޅޭ މުވައްޒަފެއްގެ ވަޒީފާ ބަޔާނުގައި ޒިންމާދާރު ވެރިޔާގެ މަސްއޫލިއްޔަތު ހިމަނައި، އެ މަސައްކަތް އެމީހަކާ ހާވާލު ކުރެއްވުމަށް ވެސް ޕާމަނަންޓް ސެކެޓްރީންނަށް ސިވިލް ސާވިސް ކޮމިޝަންގެ އެ ސާކިއުލާގައި ވަނީ އަންގާފަ އެވެ.