އަންނަ މަހުން ފެށިގެން ރީލޯޑާއި ރާސްޓަސް ކުރާ އިރު ޖީއެސްޓީއަށްވާ ފައިސާ އުނިކޮށްފައި ޖަމާ ކުރާ ގޮތަށް މީރާ (މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ) އިން ނިންމައިފި އެވެ.

އެ އޮތޯރިޓީން މިއަދު ނެރެފައިވާ ބަޔާނެއްގައި ބުނެފައި ވަނީ އަންނަ މަހުން ފެށިގެން ގެންނަން ހަމަޖައްސާފައިވާ މި ބަދަލާ އެކު ކަސްޓަމަރުން އިތުރަށް ޖީއެސްޓީ ދެއްކުމުގެ ބަދަލުގައި އެކައުންޓަށް ފައިސާ ޖަމާ ވާނީ ކަސްޓަަމަރު ދައްކާ އަދަދުން ޖީއެސްޓީގެ އަދަދު އުނިކޮށްފައިވާ ކަމަށެވެ.

މީރާ އިން ބުނެފައި ވަނީ އެ ބަދަލާ ގުޅިގެން ދިރާގާއި އުރީދޫގެ ކަސްޓަމަރުންނަށާއި ވިޔަފާރިތަކަށް ދިމާވާ ވަކިލާރީގެ މައްސަލަ އަށް ހައްލެއް ލިބި ޕްރިޕެއިޑް ކަސްޓަަރުންނަށް ރީޗާޖު ކުރުމުގައި ފަސޭހަ ވެގެން ދާނެ ކަމަށެވެ.

މުވާސަލާތީ ހިދުމަތްތަކުން ޖީއެސްޓީ ނެގުމުގައި މިފަދަ ބަދަލެއް ގެނެސްފައިވާ އިރު މި ބަދަލާ ގުޅިގެން އާންމުންނާއި ވިިޔަފާރިކުރާ ފަރާތްތައް ހޭލުންތެރި ކުރުމަށް ތަފާތު ހަރަކާތްތައް ކުރިއަށް ގެންދިއުމަށް ރާވާފައިވާ ކަމަށް ވެސް މީރާގެ ބަޔާނުގައި ބުނެފައިވެ އެވެ.