ސްކޫލް ބަންދާ ދިމާކޮށް އައިޖީއެމްއެޗް ހޮސްޕިޓަލުން ކުރިއަށްގެންދާ ހިތާނު ކުރުމުގެ ޕެކޭޖުގައި މިއަހަރު ކުރިއަށްގެންދަން ނިންމާފައިވާ ކަމަށް އައިޖީއެމްއެޗް އިން ބުނެފި އެވެ.

އައިޖީއެމްއެޗްގެ ޕަބްލިކް ރިލޭޝަންސް އަދި މީޑިއާ އޮފިޝަލު އަހުމަދު މައުސޫމް މިއަދު ވިދާޅުވީ، އެ ހޮސްޕިޓަލުގެ ހިތާނީ ޕެކޭޖުތަކުގައި އަންނަ މަހުގެ އެއްވަނަ ދުވަހުން ފެށިގެން ނަން ނޯޓު ކުރެވޭނެ ކަމަށެވެ. އަދި ވިދާޅުވީ ހިތާނުކުރުމަށް އެޕޮއިންޓްމަންޓް ހަމަޖައްސައިދެވޭނީ ނަންނޯޓު ކުރާ ތަރުތީބުން ކަމަށެވެ.

އައިޖީއެމްއެޗުގެ ހިތާނީ ޕެކޭޖަށް ނަން ނޯޓު ކުރަނީ އައިޖީއެމްއެޗްގެ ސާޖަރީ ކައުންޓަރުން އޯޕީޑީ ބަންދު ނޫން ދުވަސްތަކުގައި ހެނދުނު 8:00 އިން ހަވީރު 4:00 އަށް ކަމަށް އެ ހޮސްޕިޓަލުން ބުނެ އެވެ.

މައުސޫމް ވިދާޅުވީ، އެހެން އަހަރުތަކެކޭ އެއްގޮތަށް މިއަހަރުގެ ޕެކޭޖުގައި ވެސް ހިތާނު ކުރުމުގެ ކުރިން ހަދަން ޖެހޭ ޓެސްޓުތަކުން ފެށިގެން ހިތާނުކޮށްގެން ގެއަށް ދޫކޮށްލުމަށް ފަހު ވެސް ޑޮކްޓަރަށް ދެއްކުމުގެ ކަންތައް ހިމެނޭނެ ކަމަށެވެ.

މީގެ އިތުރުން، މިއަހަރުވެސް ދުވާލަކު ގާތްގަނޑަކަށް 15 ނުވަތަ 20 ކުދިން ހިތާނު ކުރެވޭނެ ކަމަށާއި ނަމަވެސް ހޮސްޕިޓަލުގައި މިހާރު ތަރައްގީ ކުރަމުން އަންނަ ތިއޭޓާ ކޮމްޕުލެކްސް ނިމުމުން އެ އަދަދު އިތުރުކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.