ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިންތިހާބު ވީ އެންމެ އަވަހަކަށް ބޭއްވުމަށް ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ، ފީފާއިން އެފްއޭއެމް އަށް ގޮވާލައިފިއެވެ.

ފިފާއިން އެގޮތަށް ގޮވާލީ، އެފްއޭއެމްގެ ޖެނަރަލް ސެކްރެޓަރީގެ މަގާމުން، ބައްސާމް އަދީލް ޖަލީލް ވަކިކޮށްފައިވަނީ ގަވާއިދާ ހިލާފަށް ކަމަށް ބުނެ އޭނާގެ މަގާމު އަލުން ރުޖޫއަކުރުމަށް، އެފްއޭއެމްގެ ރައީސް އަހްމަދު ތޯރިޤު (ޓޮމް) އަށް އެޑްރެސްކޮށް ފޮނުވާފައިވާ ސިޓީގައެވެ.

ފީފާއިން މިގޮތަށް އަންގާފައި ވަނީ، އެފްއޭއެމްގެ އަސާސީ ގަވާއިދުގެ އިނގިރޭސި ތަރުޖަމާއަށް ރިއާޔަތްކޮށެވެ. އެހެން ނަމަވެސް، މިއަހަރުގެ މޭ މަހުގެ 7 ވަނަ ދުވަހު ބޭއްވި އެފްއޭއެމްގެ ކޮންގްރެސްގައި ފާސްކޮށްފައިވާ އެ ޖަމިއްޔާގެ އަސާސީ ގަވާޢިދުގެ 38 ވަނަ މާއްދާގެ 3ގައި ބުނެފައި ވަނީ "ޖެނެރަލް ސެކްރެޓަރީ އައްޔަނުކުރުމާއި ވަކިކުރުމުގެ ބާރު ލިބިގެންވަނީ ހަމައެކަނި ރައީސަށް،" ކަމަށެވެ. އެހެންކަމުން ޖެނެރަލް ސެކްރެޓަރީ އައްޔަނުކުރުމާއި ވަކިކުރުމުގެ ފުރިހަމަ ބާރު، އެފްއޭއެމްގެ އަސާސީ ގަވާޢިދުން، އެޖަމިއްޔާގެ ރައީސަށް ލިބިދީފައިވެއެވެ.

ފީފާގެ ސެކެޓްރީ ޖެނަރަލް ސޮއިކުރައްވައި ފޮނުވި އެ ސިޓީގައި ބުނެފައި ވަނީ އެފްއޭއެމްގެ އަސާސީ ގަވާއިދުގައިވާ ގޮތުން އެކްސޯގައި ހިމެނޭ 50 ޕަސެންޓް މެމްބަރުން އިސްތިއުފާ ދެއްވައިފިނަމަ އަލުން އިންތިހާބެއް ބާއްވަން ޖެހޭ ކަމަށާއި އެހެންކަމުން ވީ އެންމެ އަވަހަކަށް އިންތިހާބަކަށް ގޮވާލާ ކަމަށެވެ.

މިއަހަރުގެ ކުރީކޮޅުގައި ބޭއްވި އެފްއޭއެމްގެ އިންތިހާބު، ރައްޔިތުންގެ މަޖިލީހުގެ މަހިބަދޫ ދާއިރާގެ މެމްބަރުކަންވެސް ކުރައްވާ ޠާރިޤު ކާމިޔާބުކޮށް އެކުލަވާލި އެކްސްކޯގެ ފަސް މެމްބަރަކު އިސްތިއުފާ ދެއްވީ މިމަހުގެ 19 ވަނަ ދުވަހުއެވެ. އިސްތިއުފާ ދެއްވި މައިގަނޑު ސަބަބެއްކަމަށް އެ މެންބަރުން ވިދާޅުވީ، ގަވާއިދާ ހިލާފަށް އެފްއޭއެމް ހިންގުމަށް ޠާރިޤު މަސައްކަތް ކުރެއްވުމާއި ބޮޑެތި ނިންމުންތައް ނިންމުމުގައި އެއްވެސް ވަރަކަށް އެކްސްކޯއާ މަޝްވަރާ ނުކުރެއްވުމެވެ. އޭގެ ތެރޭގައި ޖެނެރަލް ސެކްރެޓަރީގެ މަގާމުން ބައްސާމު އަދީލް ޖަލީލް ވަކިކުރެއްވުން ވެސް ހިމެނެއެވެ.

އެމައްސަލާގައި ފީފާއިން ވެސް ވަނީ ޠާރިޤު އެފްއޭއެމްގެ އަސާސީ ގަވާއިދާ ހިލާފުވެފައިވާ ކަމަށް ބުނެ ބައްސާމަށް އަލުން މަގާމް ދިނުމަށް އަންގާފައެވެ.

ބައްސާމަށް ދެން ޖެހިވަޑައިގަންނަވާނެ އެންމެ ބޮޑު އެއް މަސައްކަތަކީ އެފްއޭއެމްގެ ކޮންގްރެސްއަށް ގޮވާލައި އިންތިހާބް ބޭއްވުމެވެ.