27 Sep 2016, 13:31
އޮމާންގެ މަޖިލިސް އައްޝޫރާގެ ޗެއާމަން، ޝައިހު ހާލިދު ބިން ހިލާލް އަލް މައްވަލީ، ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ އަރިހަށް އިހުތިރާމުގެ ޒިޔާރަތެއް ކުރައްވައިފި އެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު އޮތް އެ ބައްދަލުކުރެއްވުމުގައި ރައީސް ޔާމީން ވަނީ ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި އަދި އެމަނިކުފާނުގެ އަމިއްލަ ނަންފުޅުގައި އޮމާންގެ ސަރުކާރާއި ރައްޔިތުންނަށް އަދި ހާއްސަކޮށް އޮމާންގެ ރަސްގެފާނު ސުލްޠާން ޤަބޫސް ބިން ސަޢީދަށް ތަހުނިޔާއާއި ހެޔޮ އެދުންތައް ފޮނުއްވާފައެވެ.
އެ ބައްދަލުކުރެއްވުމުގައި ރައީސް ޔާމީން ވަނީ ރާއްޖެއާއި އޮމާނާ ދެމެދުގައި ގާއިމްވެފައިވާ އަހުވަންތަ ގުޅުމަކީ ދީން ރައްކާތެރިކުރުމުގެ މައްޗަށާއި، އިސްލާމް ދީނުގެ ރިވެތި އާދަތައް ކުރިއެރުވުމުގެ މައްޗައް ބިނާވެފައިވާ މުހިއްމު ގުޅުމެއްކަން ފާހަގަކުރައްވާފައެވެ.
އެ ބައްދަލުކުރެއްވުމުގައި ދެ ބޭފުޅުން ދެއްކެވި ވާހަކަފުޅުގައި ރާއްޖެއާއި އޮމާނާ ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރެވިދާނެ ދާއިރާތަކުގެ މައްޗަށް އަލިއަޅުއްވައިލެއްވިއެވެ. އަދި، ކުރިއަށް އޮތްތާނގައި ރާއްޖޭގެ ރައްޔިތުންގެ މަޖިލީހާއި އޮމާންގެ މަޖިލިސް އައްޝޫރާއާ ދެ ފަރާތުގެ އެއްބާރުލުން އެއް ބަޔަކު އަނެއް ބަޔަކަށް ދެމުން ގެންދާނެ ކަމުގެ ޔަގީންކަން ދެބޭފުޅުން ވެސް ދެއްވިއެވެ.
މަޖިލިސް އައްޝޫރާގެ ޗެއާމަން ވަނީ އެމަނިކުފާނު ރާއްޖެ ވަޑައިގަތުމުން ދެއްވި ހޫނު މަރުހަބާއަށް ޝުކުރު އަދާކޮށް، ރާއްޖެއާއި އޮމާނާ ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިވެގެންދާނެކަމަށް އުއްމީދުކުރައްވާކަމުގައި ވިދާޅުވެފައެވެ.
އޮމާންގެ މަޖިލިސް އައްޝޫރާގެ ޗެއާމަން ވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދާވެސް ބައްދަލުކުރައްވާފައެވެ.