27 Sep 2016, 14:02
ސައުދީ އަރަބިއްޔާގެ ކޮމާޝަލް ބޭންކްތަކަށް ޖުމްލަ 5.3 ބިލިއަން ޑޮލަރު ޑިޕޮސިޓް ކުރަން ނިންމާފައިވާ ކަމަށް އެގައުމުގެ ސެންޓްރަލް ބޭންކުން ބުނެފިއެވެ.
ސައުދީގެ ސެންޓަރަލް ބޭންކުން ބުނެފައިވާ ގޮތުގައި މި ފައިސާ ޑިޕޮސިޓް ކުރަން ނިންމާފައިވަނީ ދުނިޔޭގެ މާކެޓުގައި ތެލުގެ އަގުތައް ވެއްޓުމާ ގުޅިގެން އެގައުމުގެ އިންޓަރެސްޓް ރޭޓުތައް މައްޗަށް ގޮސްފައިވާތީ އެކަން ހައްލު ކުރުމުގެ ގޮތުން، އާ ދެ "މަނީ މާކެޓް އިންސްޓްރޫމެންޓް" އެއް ތައާރަފް ކުރުމުގެ ގޮތުން ކަމަށެވެ.
ޓައިމް ޑިޕޮސިޓްސްގެ ގޮތުގައި މި ފައިސާ ކޮމާޝަލް ބޭންކުތަކަށް ޖަމާ ކުރަން ނިންމާފައިވާއިރު މި ފައިސާ ޖަމާ ކުރުމާ އެކު އެގައުމުގެ މާލީ ހާލަތު އެއް މިންވަރެއްގައި ދަށަށް ނުގޮސް ހިފެހެއްޓޭނެ ކަމަށް މަރުކަޒީ ބޭންކުން ލަފާ ކުރެއެވެ.
ތެލުގެ އަގު ދަށް ވުމާ ގުޅިގެން ސައުދީގެ ސަރުކާރަށް ލިބޭ އާމްދަނީގެ މިންވަރު ވަނީ ވަރަށް ބޮޑަށް ދަށްވެފައެވެ. އަދި ތެލުން އެގައުމުގެ ބޭންކުތަކަށް ވަންނަ ފައިސާގެ މިންވަރުވެސް ވަނީ ދަށްވެފައެވެ.
ފާއިތު އަހަރުތަކުގައި އެގައުމުގެ ކޮމާޝަލް ބޭންކުތަކަށް ވަންނަމުން އައި ފައިސާގެ އަދަދު އައީ އިތުރު ވަމުންނެވެ. ނަމަވެސް މިއަހަރުގެ ޖޫން މަހުގެ ނިޔަލަށް އެ އަދަދު ވަނީ 3.3 އިންސައްތަ ދަށްވެފައި ކަމަށް ރިޕޯޓުތައް ބުނެއެވެ. (އަލްއަރަބިއްޔާ)