27 Sep 2016, 13:27
ރޯދަމަހު ރޯދައަށް ހުރުމަށްފަހު އެއްވެސް ސަބަބަކާ ނުލައި ފެން ބޮއި ރޯދަ ދޫކޮށްލިކަން ސާބިތުވެ ހަމަސް ދުވަހަށް އަރުވާލަން ހުކުމް ކުރި ފުލުހަކަށް ވަޒީފާ ދޭން ނުޖެހޭނެ ކަމަށް ސިވިލް ކޯޓުން ނިންމައިފި އެވެ.
ރޯދަ ދޫކޮށްލިކަން ސާބިތުވާ ކަމަށް ކަނޑައަޅައި 2009 ވަނަ އަހަރު ހަމަސް ދުވަހަށް އަރުވާލަން ހުކުމް ކުރީ ރ. މަޑުއްވަރީ ސީސަންގެ އަބްދުﷲ ޖާމިއު އެވެ.
ނަމަވެސް ޖިނާއީ ކޯޓުން އޭރު ކުރި ހުކުމް ހައިކޯޓުން ވަނީ ބާތިލުކޮށްފައެވެ.
އެހެންވެ ޖާމިއު ވަޒީފާއިން ވަކިކުރި މައްސަލަ ސިވިލް ކޯޓަށް ހުށަހެޅުމުން މިމަހުގެ 21 ވަަނަ ދުވަހު ސިވިލް ކޯޓުން ކުރި ހުކުމުގައި ބުނެފައި ވަނީ މީހަކު ކުރި އަމަލެއްގެ ޖިނާއީ ކުށުގެ ބައި ސާބިތު ނުވުމަކީ އެ އަމަލުގައި ހިމެނޭ އަހުލާގީ މައްސަލައިގެ ސަބަބުން އިދާރީ ފިޔަވަޅު ނޭޅޭނެ ސަބަބެއް ނޫން ކަމަށެވެ.
އެހެންކަމުން ޖާމިއު ވަޒީފާއިން ވަކިކުރަން ޕޮލިސް ސާވިސްއިން ނިންމި ނިންމުން ބާތިލުކުރަން އަންގާނެ ތަނެއް ނެތް ކަމަށް ސިވިލް ކޯޓުން ވަނީ ހުކުމް ކޮށްފައެވެ.