27 Sep 2016, 13:03
އިސްލާމް ދީނާ ދެކޮޅު ކާޓޫނު ކުރެހި އުރުދުންގެ ލިޔުންތެރިއެއް ކަމަށްވާ ނާހިދު ހައްތާރުގެ ގަޔަށް ބަޑި ޖަހައި މަރާލި މައްސަލާގައި އުރުދުންގެ ސަރުކާރާ ދެކޮޅަށް އެގައުމުގެ ނަޞާރާ ދީނުގެ މީހުން އަޑު އުފުލައި މުޒާހަރާ ކުރަން ފަށައިފިއެވެ.
ނަޞާރާ ދީނަށް ނިސްބަތްވާ ނާހިދު ގަޔަށް ބަޑި ޖަހާފައިވަނީ އިސްލާމް ދިނާ ދެކޮޅު ކާޓޫން ކުރަހައި ސޯޝަލް މީޑިއާގައި އާންމު ކުރި މައްސަލާގައި ކޯޓަށް ހާޒިރު ކުރަނިކޮށް ކޯޓުގެ ބޭރުގައެވެ. އޭނާ ގަޔަށް ބަޑިޖެހި މީހާ ވަނީ އަމިއްލަ އަށް ފުލުހުންނާ ހަވާލުވެފައެވެ.
އުރުދުންގައި ކުރިއަށްދާ މުޒާހަރާގެ ބައިވެރިން ގޮވާލަމުން ދަނީ އެގައުމުގައި ދީނީ ހަރުކަށި ވިސްނުންތަކަށް ޖާގަ ނުދިނުމަށާއި އެފަދަ އަނިޔާވެރި ހަމަލާތަކާއި ހަމަނުޖެހުންތަކަށް ޖާގަ ނުދޭނެ ކަމަށް ބުނެ ސަރުކާރުގެ އިސްތިއުފާ އަށެވެ.
އުރުދުން އަކީ އާބާދީގައި މުސްލިމުންގެ މެޖޯރިޓީ އޮންނަ ގައުމެކެވެ. ނަމަވެސް މި ހާދިސާއާ އެކު އެގައުމުގައި ދީނުގެ ހަމަހަމަ ކަން ގެއްލިފައިވާ ކަމަށް ބުނެ ނަޞާރާއިން މުޒާހަރާ ކުރަމުން ދާއިރު މިފަދަ ހާދިސާއެއް އުރުދުންގައި މީގެ ކުރިން ހިނގާފައި ނުވެއެވެ. އެމީހުން ދެކޭ ގޮތުގައި އެ ހާދިސާގެ ސަބަބުން ދީނީ ހަނގުރާމައެއް އެގައުމައި ފެށިދާނެ ކަމުގެ ބިރު މިހާރު ވަނީ ފެތުރިފައެވެ.
"އަޅުގަނޑުމެން ޑިމާންޑު ކުރަނީ ޕްރައިމް މިނިސްޓަރުގެ އިސްތިއުފާއަށް،" މުޒާހަރާ ލީޑް ކުރަމުންދާ ނާހިދު ހައްތާރުގެ ބޭބެ ޚާލިދު ހައްތާރު ބުނެފައިވެއެވެ.