ވޮޝިންޓަން(ސެޕްޓެމްބަރު 26): ޖައްމޫ އެންޑް ކަޝްމީރު ދެމި އޮންނާނީ އިންޑިއާގެ ބައެއްގެ ގޮތުގައި ކަމަށާއި ކަޝްމީރަކީ ޕާކިސްތާނުގެ ބިމަކަށް ހެދުމުގެ ހުވަފެންތަށް ދުށުން ހުއްޓާލަން އިންޑިއާގެ ޚާރިޖީ ވަޒީރު ސުޝްމާ ސުވަރާޖް އަނެއްކާވެސް ގޮވާލައްވައިފިއެވެ.

މިދިޔަ ޖުލައި މަހު ސުޝްމާ ގޮވާލެއްވި ގޮވާލެއްވުން، އޭނާ އަނެއްކާވެސް ތަކުރާރު ކުރެއްވީ ޔޫއެންގެ ޖެނެރަލް އެސެމްބްލީގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ކަޝްމީރުގައި އިންޑިއާއިން ވެރިކަންކުރާ ފަޅީގައިވާ އިންޑިއާގެ އަސްކަރީ ބޭސްއަކަށް މިމަހުގެ 18 ވަނަ ދުވަހު ހަތިޔާރު އަޅައިގެން ތިބި ބަޔަކު ދިން ހަމަލާއެއްގައި 19 ސިފައިން މަރާލި މައްސަލައިގައި އިންޑިއާއިން ކުށްވެރި ކުރަނީ ޕާކިސްތާނެވެ.

އަދި ޕާކިސްތާނުން މީގެ ކުރިންވެސް އިންޑިއާއަށް ޓެރަރިސްޓު ހަމަލާދޭން މަސައްކަތްކޮށްފައިވާކަން ސާބިތު ކުރެއްވުމުގެ ގޮތުން ސުޝްމާ ވަނީ އިންޑިއާއިން ހައްޔަރުކޮށްފައިވާ ޕާކިސްތާނުގެ 'ޓެރަރިސްޓެއް'ގެ ނަން ހާމަކޮށްފައެވެ. ނަމަވެސް އެފަދަ ހެކި ދެއްކި ނަމަވެސް ޕާކިސްތާނުން ހެކި ގަބޫލު ނުކުރާނެ ކަމަށްވެސް ސުޝްމާ ވިދާޅުވި އެވެ.

"ޕާކިސްތާނުން ގަބޫލު ކުރަނީ ހަމަލާތައް ދިނުމުން އެގައުމުން ބޭނުންވާ ބިން ލިބޭނެ ކަމަށް. ޕާކިސްތާނަށް އަޅުގަނޑު ދޭން އޮތް މެސެޖަކީ، އެހުވަފެން ދެކުން ހުއްޓާލާށޭ. ޖައްމޫ އެންޑް ކަޝްމީރަކީ އިންޑިއާގެ ވަރަށް މުހިއްމު ބަޔެއް އަދި އެތަން އޮންނާނީ އަބަދުވެސް އެގޮތަށް،" ސުޝްމާ ވިދާޅުވި އެވެ.

މީގެ އިތުރުން، ޔޫއެން ޖެނެރަލް އެސެމްބްލީގައި ވާހަކަ ދައްކަވަމުން ސުޝްމާ ވަނީ ޕާކިސްތާނުން ދެމުންދާ ޓެރަރިސްޓު ހަމަލާތަކާ ގުޅިގެން އެހެން ގައުމުތަކުން ޕާކިސްތާނު އެކަހެރި ކުރުމަށް ގޮވާލައްވާފައެވެ. (ޓައިމްސްއޮފްއިންޑިއާ)