ފަތުރުވެރިކަން ރާއްޖޭގެ އެކި ސަރަހައްދުތަކަށް ފުޅާކުރުމަށް، ޓޫރިޒަމް މިހާރު ދަށް ހިސާބުތަކުގައި ރީޖަނަލް އެއާޕޯޓްތައް ތަރައްގީކުރުމުގެ ވިސްނުން އެބަހުރި ކަމަށް ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެއްޖެ އެވެ.

މިއަދު ދަރުބާރުގޭގައި ކުރިއަށްދާ ޓޫރިޒަމް ދާއިރާގެ އިސްބޭފުޅުންގެ ފޯރަމް ފެށުމަށް ބޭއްވި ރަސްމިއްޔާތަށްފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން މިނިސްޓަރު ޒަމީރު ވިދާޅުވީ، ފަތުރުވެރިކަން އިތުރަށް ކުރިއެރުވުމަށް ރާއްޖޭގެ ހުރިހާ ދިމާއަކަށް އެ ދާއިރާ ފުޅާކުރަން ޖެހޭ ކަމަށެވެ.

ނަމަވެސް ފަތުރުވެރިކަމުގެ ދާއިރާ ބައެއް ހިސާބުތަކަށް ފުޅާ ނުކުރެވިގެން އުޅެނީ ދަތުރުފަތުރުގައި ހުރި ބައެއް ދަތިތަކުގެ ސަބަބުން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"ހއ. ހދ. ށ. މި ހިސާބުތަކަށް ޓޫރިޒަމް ނުގޮސްގެން އުޅޭ މައިގަނޑު އެއް ސަބަބަކީ ދަތުރުފަތުރުގެ އުނދަގޫ. ގއ. ގދ. ހިސާބުގަވެސް ކޮންމެވެސް ވަރަކަށް އެބަހުރި އެއާޕޯޓްތައް ވެސް. އެހެންވީމަ އެ ސަރަހައްދުތައް ރަނގަޅު،" މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ޅ. އަތޮޅުގެ ކޮންމެވެސް ހިސާބެއްގައި އެއާޕޯޓެއް އެޅުމަށް މަސައްކަތް ކުރާނެ ކަމަށެވެ. އަދި ރ. އަތޮޅުގައި އިތުރު އެއާޕޯޓެއް އަޅައި، މާލެ އިންޓަނޭޝަނަލް އެއާޕޯޓް ނިމެންވާއިރަށް އެ ސަރަހައްދުތައް ތަރައްގީ ކުރެވިއްޖެ ނަމަ ޓޫރިޒަމް ރަނގަޅުވާނެ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ އެއާޕޯޓް ތަރައްގީ ކުރެވިއްޖެނަމަ ރޭގަނޑުވެސް ދަތުރުތައް ކުރެވޭނެ ކަމަށެވެ. ނަމަވެސް މިހާރު އޮޕަރޭޓް ކުރަނީ ސީޕްލޭން ކަމުގައިވާތީ ރޭގަނޑު ދަތުރުތައް ނުކުރެވޭ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.