އިއްޔެ ހެނދުނު ހއ. އުލިގަމުން ކަރަންޓު ދިޔަ ގޮތަށް އެ ރަށަށް ކަރަންޓުގެ ހިދުމަތް އަލުން ލިބުނީ 12 ގަޑިއިރު ފަހުން ކަމަށް އެރަށު ކައުންސިލުން މިއަދު ބުނެފި އެވެ.

އުލިގަމުން އިއްޔެ ކަރަންޓު ދިޔައީ ހެނދުނު 10:30 އެހާކަށްހާއިރު އެވެ. އަދި އެރަށަށް އަލުން އަނބުރާ ކަރަންޓުގެ ހިދުމަތް ލިބުނީ ރޭ 11:00 ޖަހާއެހާކަންހާއިރު ކަމަށް ރަށު ކައުންސިލުން ބުންޏެވެ.

އުލިގަމު ކައުންސިލުގެ ނައިބު ރައީސް އަހުމަދު ޒިޔާދު ހަސަން "ސަން"އަށް މިއަދު ވިދާޅުވީ އެ ރަށަށް އަދިވެސް ކަރަންޓު ދެމުން އަންނަނީ އެންމެ ޖަނަރޭޓަރަކުން ކަމަށެވެ.

"އަޅުގަނޑުމެން ކައުންސިލުން ވެސް ފެނަކައަށް އެދިފަ ވާނީ ކަރަންޓުގެ މައްސަލައަށް ދާއިމީ ހައްލެއް ލިބޭނެ ގޮތެއް ހަދައިދިނުމަށް. ފެނަކައިން ވެސް އެ މަސައްކަތް ކުރަމުން އަންނަނީ،" ޒިޔާދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ކުރިން އުލިގަމަކީ 24 ގަޑިއިރު ކަރަންޓު ދެމުން އަންނަ ރަށެއް ކަމަށާއި ނަމަވެސް އެންމެ ޖަނަރޭޓަރަކުން ކަރަންޓު ދޭން ފެށިފަހުން ދެ ދުވަހުން އެއް ދުވަހު ކޮންމެވެސް އެއް ވަގުތަކަށް ކަރަންޓު ކަނޑާލަން ޖެހޭ ކަމަށެވެ.