ރިޔާދް(ސެޕްޓެމްބަރު 27): ސައުދީ އަރަބިއާގެ އަންހެނުން ބައެއް އާދައިގެ ކަންތައް ކުރަން ގާތްތިމާގެ ފިރިހެނެއްގެ ހުއްދަ ހޯދަން ޖެހޭ ކަމަށް ބުނާ ގާޑިއަންޝިޕް ސިސްޓަމް އުވާލުމަށް އެދި ސައުދީ އަރަބިއާގެ 14،000 އަންހެނުން ސޮއިކޮށްފައިވާ ޕެޓިޝަނެއް ހުށަހަޅައިފި އެވެ.

ސައުދީ އަރަބިއާގައިވާ ގާނުނެއްގެ ދަށުން އަންހެނުން ގައުމުން ބޭރަށް ދަތުރު ކުރުމަށާއި އަދި ބައެއް ފަހަރު ތައުލީމު ހާސިލު ކުރަން ނުވަތަ ވަޒީފާއެއް އަދާކުރުމުގެ ކުރިން ގާތްތިމާގެ ފިރިހެނެއްގެ ހުއްދަ ހޯދަން ޖެހެ އެވެ.

އަދި ފްލެޓެއް ރެންޓު ކުރުމަށާއި، ހޮސްޕިޓަލަކުން ފަރުވާ ހޯދުމަށް ފިރިހެނެއްގެ ހުއްދަ ހޯދަން ޖެހުމުގެ އިތުރުން އަންހެނުންނަށް އަނިޔާ ކުރާ ގާޑިއަނުންނަށް މާބޮޑު އަދަބެއް ދިނުމަށް ނޯވެ އެވެ.

"އަންހެނުންނާ މެދުވެސް އަމަލު ކުރަން ޖެހޭނީ ފުރިހަމަ ރައްޔިތެއް ގޮތަށް. އެއީ ހަމައެކަނި އަންހެނުންގެ މައްސަލައެއް ނޫން، އޭގެ ސަބަބުން އާއްމު ފިރިހެނުންގެ މައްޗަށް އޮންނަ ޕްރެޝަރުވެސް ބޮޑުވޭ،" ގާޑިއަންޝިޕް ސިސްޓަމާ ދެކޮޅަށް ވަކާލާތު ކުރާ އަޒީޒާ އަލް ޔޫސުފް ބުންޏެވެ.

ސައުދީ އަރަބިއާގެ ގާޑިއަންޝިޕް ސިސްޓަމާ ދެކޮޅަށް އަޒީޒާ ފަދަ އެކްޓިވިސްޓުން މަސައްކަތް ކުރާތާ ގިނަ އަހަރުތަކެއް ވެއްޖެ އެވެ. އަދި ހިއުމަން ރައިޓްސް ވޮޗުން ނެރުނު ރިޕޯޓެއްގައި، އެސިސްޓަމަށް ގިނަ ފާޑު ކިޔުންތައް އަމާޒު ކުރުމާ ގުޅިގެން، 'އަހަންނަކީ އަހަރެންގެ އަމިއްލަ ގާޑިއަން' ކަމަށް ބުނާ ހޭޝްޓެގެއް ޓުވިޓާގައި އާއްމުވި އެވެ.

ނަމަވެސް ސައުދީ އަރަބިއާގެ ބައެއް އަންހެނުން ވަނީ އެ ކެމްޕެއިންތަކާ ދެކޮޅަށް ވާހަކަ ދައްކާފައެވެ. އަދި އެއީ އަންހެނުންނާ ދެކޮޅު ސިސްޓަމެއް ނޫން ކަމަށާއި އެ ސިސްޓަމް އުވާލުމުގެ ބަދަލުގައި ބޭނުން ވަނީ އިސްލާހުތައް ކަމަށް ބުނެފައެވެ. (ބީބީސީ)