ޓީޗަރުން ހަމަނުވެ ގިނަ ދުވަސްވުމުގެ ސަބަބުންނާއި ޕްރިންސިޕަލް ގިނަ ދުވަސްތަކެއް ވަންދެން ރަށުން ބޭރުގައި އުޅޭ ކަމަށް ބުނެ ބައެއް ބެލެނިވެރިން ނުކުމެ ބ. ކެންދޫ ސްކޫލް ބަންދުކޮށްފި އެވެ. ނަމަވެސް ފަހުން ހަމަ މިއަދު ވަނީ ސްކޫލް ހުޅުވައިފަ އެވެ.

ބެލެނިވެރިން ނުކުމެ ކެންދޫ ސްކޫލް ބަންދު ކުރިކަން އެ ރަށު ކައުންސިލުން ވަނީ 'ސަން' އަށް ކަށަވަރުކޮށްދީފައިވާ އިރު އެ ސްކޫލުގައި ކިޔެވުން ފަށައިގެން މިހާރު ކުރިއަށް އެބަ ގެންދެ އެވެ.

ކެންދޫ ކައުންސިލްގެ ރައީސް އަބްދުލް ޣައްފާރު ގާސިމް 'ސަން' އަށް ވިދާޅުވީ މިއަދު ބައެއް ބެލެނިވެރިން ނުކުމެ ސްކޫލަށް ނުވަދެވޭ ގޮތަށް ބަންދު ކުރި ކަމަށާއި ނަމަވެސް މިހާރު ސްކޫލް ހުޅުވާފައިވާ ކަމަށެވެ.

އިހުތިޖާޖު ކުރަމުން ދިޔަ ބެލެނިވެރިއަކު 'ސަން' އަށް ބުނީ މިއަދު ސްކޫލަށް ޓީޗަރުން ވަނުމަށް ފުރުސަތު ނުދިނީ ޓީޗަރުން ފަރުވާ ކުޑަ ވުމުގެ ސަބަބުންކަމެވެ. އޭނާ ބުނީ މިހާރު ކިޔަވައިދިނުމަށް ފުރުސަތު ދީފައިވާ ކަމަށެވެ.

މިއަދު ކެންދޫ ސްކޫލް ކުރިމަތީގައި ބެލެނިވެރިން އިހުތިޖާޖު ކޮށްފައިވަނީ ހިތްހަމަ ނުޖެހުންތައް ލިޔެފައިވާ ބޯޑުތަކެއް ހިފައިގެން ތިބެ އެވެ.

އެކަމާ ގުޅޭ ގޮތުން ސްކޫލުގެ ބަހެއް ހޯދާލުމަށް ޕްރިންސިޕަލަށް ގުޅާލުމުން މީޑިއާ އަށް މައުލޫމާތު ދެވެން ނެތްކަމަށް ވިދާޅުވި އެވެ.

އެކަމާ ގުޅޭ ގޮތުން އެޑިއުކޭޝަން މިނިސްޓްރީގެ މީޑިއާ އޮފިޝަލް ވިދާޅުވީ ކެންދޫ ސްކޫލު މިއަދު ހެނދުނު ބެލެނިވެރިން ނުކުމެ ބަންދު ކުރި ކަމަށާއި ނަަމަވެސް ވާހަކަ ދައްކައިގެން އެކަން ހައްލު ކޮށްފައިވާ ކަމަށެވެ.

ސްކޫލުގެ ޓީޗަރުން މިދުވަސްކޮޅު ފުދޭ ވަރަކަށް ސަލާމް ބުނާ ކަމަށާއި މިނިސްޓްރީން ބެލި ބެލުމުން އެއީ އެ ރަށުގައި މިހާރު އުޅޭ ހުމެއްގެ ސަބަބުން ވާކަމެއް ކަމަށް ވިދާޅުވި އެވެ.

"އެރަށުގައި ހުމެއް އެބަ އުޅޭ. އިއްޔެ ވެސް ގާތްގަނޑަކަށް ތިރީހަކަށް ކުދިން ސްކޫލަށް ނާދެ. ދެން ހަމަ އެގޮތަށް ސްކޫލުގެ ޓީޗަރުން ވެސް ފުދޭވަރަކަށް ސަލާމް ބުނާ ދުވަސްކޮޅެއް މީ،" އޮފިޝަލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެ ސްކޫލަކީ ހުރިހާ ފެސިލިޓީއެއް ވެސް ހަމަ ޓީޗަރުން ވެސް ހަމައަށް ތިބި ސްކޫލެއް ކަމަށެވެ.