27 Sep 2016, 10:46
މި އަހަރު ނިމުމުގެ ކުރިން އަލަށް އިތުރު ނުވަ ރިސޯޓެއް ހުޅުވިގެންދާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުއް ގައްޔޫމް ވިދާޅުވެއްޖެ އެވެ.
މިއަދު ފާހަގަކުރާ ދުނިޔޭގެ ފަތުރުވެރިކަމުގެ ދުވަހުގެ މުނާސަބަތުގައި ރާއްޖޭގެ ރައްޔިތުންނަށް ތަހުނިޔާ ފޮނުއްވައި ދެއްވި ހިތާބުގައި ރައީސް ވިދާޅުވީ، ރާއްޖޭގެ ފަތުރުވެރިކަން ފުޅާ ދާއިރާއެއްގައި ތަރައްގީކޮށް ކުރިއެރުވުމަށް ޓަކައި ހާއްސަ މަސައްކަތްތަކެއް ސަރުކާރުން ކުރައްވަމުން ގެންދަވާ ކަމަށެވެ.
އެގޮތުން ރާއްޖެ އަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށް ހިދުމަތް ފޯރުކޮށްދިނުމަށް މި އަހަރު ހަތަރު ރިޒޯޓެއް ހުޅުވާފައިވާ އިރު އިތުރު ނުވަ ރިޒޯޓެއް މިއަހަރު ނިމުމުގެ ކުރިން ހުޅުވިގެންދާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ރައީސް ވިދާޅުވި އެވެ.
އަދި ވިދާޅުވީ، ރާއްޖޭގެ މައި އެއާޕޯޓް އިބްރާހީމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓު އިތުރަށް ތަރައްގީ ކުރުމުގެ މަޝްރޫއު ކުރިއަށްދާއިރު، އެ މަޝްރޫއު ނިމުމުން އަހަރެއްގެ މައްޗަށް 7.5 މިލިއަން ދަތުރުވެރިންނަށް އެ ވައިގެ ބަނދަރުން ހިދުމަތް ފޯރުކޮށްދެވިގެންދާނެ ކަމަށެވެ.
ދުނިޔޭގެ ފަތުރުވެރިކަމުގެ ޖަމިއްޔާ އިން މި އަހަރުގެ ފަތުރުވެރިކަމުގެ ދުވަހުގެ ޝިއާރެއް ކަމަށް ކަނޑައަޅާފައި ވަނީ، "ފަތުރުވެރިކަން - އެންމެނަށް ވާސިލުވެވޭ ގޮތަށް ކުރިއެރުވުން" މެވެ.
ޝިއާރުގެ މުހިއްމު ކަމުގެ މައްޗަށް އިޝާރާތްކުރައްވާ ރައީސްގެ ހިތާބުގައި ވިދާޅުވެފައި ވަނީ، އެ ޝިއާރަކީ ފަތުރުވެރިކަން ތަރައްގީ ކުރުމަށް ސަރުކާރުން ކުރިއަށް ގެންދާ ސިޔާސަތާ ވަރަށް ގުޅުން ހުރި ޝިއާރެއް ކަމަށާއި ފަތުރުވެރިކަމުގެ ސިޔާސަތަކީ ހަރުދަނާ ސިޔާސަތެއް ކަމުގައި ގަބޫލުކުރެވޭ ކަމަށެވެ.
"މާތްﷲގެ ހެޔޮ ރަޙްމަތްފުޅާ އެކު، ރާއްޖޭގެ ފަތުރުވެރިކަން މިދަނީ އެއްދުވަހުން އަނެއްދުވަހަށް ތަރައްގީވެ ކުރިއަރަމުންނެވެ. ދިވެހިރާއްޖެއަކީ، ފަތުރުވެރިކަން ތަރައްގީ ކުރުމުގެ ލާމަސީލު މިސާލެއްގެ ގޮތުގައި، މި ޞިނާޢަތުގައި މަސައްކަތްކުރާ ފަރާތްތަކުން ދަނީ ފާހަގަކުރަމުންނެވެ." ރައީސްގެ ހިތާބުގައި ވިދާޅުވެފައިވެ އެވެ.
އެމަނިކުފާނު ވިދާޅުވީ، ފަތުރުވެރިކަމުގެ ހިދުމަތް އެންމެ ފުރިހަމަ ގޮތުގައި ފޯރުކޮށްދިނުމަށް ދަތުރުފަތުރުކުރުމުގެ ދަތިކަން އިޙްސާސްކުރަން ޖެހިފައިވާ މީހުންނަށް، ރާއްޖޭގައި ޗުއްޓީ ހޭދަކުރެވޭނެ މަގު ފަހިކޮށްދިނުމަށް ބޭނުންވާ، ދަތުރުފަތުރުގެ ވަސީލަތްތައް ތަރައްގީ ކުރުމަށް ފަތުރުވެރިކަމުގެ ދާއިރާގައި ހިދުމަތް ކުރައްވަމުން ގެންދަވާ ހުރިހާ ފަރާތްތަކަށް އިލްތިމާސްކުރައްވާ ކަމަށެވެ.
އަދި އެފަދަ ވަސީލަތްތައް ގާއިމުކުރެވުމުން ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު މިހާރަށްވުރެ އިތުރުވެ، އެކަމުގެ ފައިދާ ފެނިގެންދާނެ ކަމަށް ޔަގީން ކުރައްވާ ކަމަށް ރައީސް ވިދާޅުވި އެވެ.
ރައީސްގެ ހިތާބުގައި ފަތުރުވެރިކަމުން ސީދާ ގޮތެއްގައި ފައިދާ ލިބިދޭ ފަރާތްތައް އިތުރުކުރުމުގެ ގޮތުން އަމިއްލަ ފަރުދުންނަށާއި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ފުރުސަތުތަކެއް މިހާރު ހުޅުވާލާފައިވާ ކަމަށް ފާހަގަކުރެއްވި އެވެ.
އެގޮތުން، މެދު ފަންތީގެ ޓޫރިޒަމް ރާއްޖެ އަށް ތައާރަފްކޮށް، ޓޫރިޒަމްގެ ފައިދާ ސީދާ ގޮތެއްގައި ލިބޭ ފަރާތްތައް އިތުރުކުރުމަށް "މޯލްޑިވްސް އިންޓަގްރޭޓެޑް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން"ގެ ނަމުގައި ކުންފުންޏެއް އުފައްދަވާފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.
"މީގެ އިތުރުންވެސް ތަފާތު ގިނަ މަޝްރޫޢުތަކެއް މުސްތަގުބަލުގައި ތައާރުފުކުރުމުގެ މަސައްކަތްތައް ސަރުކާރުން މިދަނީ ކުރަމުންނެވެ.،" ރައީސްގެ ހިތާބުގައި ވިދާޅުވެފައިވެ އެވެ.