ވޮޝިންޓަން (ސެޕްޓެމްބަރު 27): އެމެރިކާގެ ރިޔާސީ އިންތިހާބުގައި އެ ގައުމުގެ މައި ދެ ޕާޓީން ވާދަ ކުރާ ރިޔާސީ ކެނޑިޑޭޓުން ކަމަށްވާ ޑޮނަލްޑް ޓްރަމްޕާއި ހިލަރީ ކްލިންޓަންގެ ފުރަތަމަ ޓީވީ ބަހުސް ރޭ ބާއްވައިފި އެވެ.

ސަތޭކަ މިލިއަން މީހުންނާ އެކު ޓީވީގެ ތާރީހުގައި އެންމެ ގިނަ މީހުން ބެލި ބަހުސަށް ވެދާނެ ކަމަށް ބެލެވޭ އެމެރިކާގެ ރިޔާސީ ބަހުސުގައި ރޭ ހިލަރީ އާއި ޓުރަމްޕު ވަނީ އެމެރިކާގައި ވަޒީފާގެ ފުރުސަތުތައް ގާއިމު ކުރުމާއި ޓެރަރިޒަމް އާއި ނަސްލީ ތަފާތު ކުރުމާ ބެހޭ ގޮތުން ވާހަކަ ދައްކައިފަ އެވެ.

އެބަހުސް ފެށުމުގެ ކުރިން އެކި އޭޖެންސީތަކުން ނަގާފައިވާ ހިޔާލު ހޯދުމުގެ ވޯޓުތަކުން ދެއްކި ގޮތުގައި އެމެރިކާގައި ދެކެނޑިޑޭޓުންނަށް ތާއިދު އޮތީ ގާތްގަނޑަކަށް އެއްވަރަކަށެވެ. އެހެންކަމުން ބަހުސް މެދުވެރިކޮށް އިތުރު ވޯޓު ހޯދުމަށް ދެކެނޑިޑޭޓުން ވެސް ވަނީ ވަރުގަދައަށް ވާހަކަ ދައްކަވާ އެކަކު އަނެކަކަށް ރައްދު ދެއްވައިފަ އެވެ.

ރޭގެ ބަހުސްގައި ހިލަރީ ވަނީ ޓްރަމްޕް އިންކަމް ޓެކްސްގެ ގޮތުގައި ދައްކާފައިވާ ފައިސާގެ ތަފްސީލު އާއްމުކޮށްފައި ނުވަނީ އޭނާ ޓެކްސް ދައްކާފައި ނުވާތީ ކަމަށް ވިދާޅުވެފަ އެވެ. އަދި އޭގެ މާނައަކީ އެމެރިކާގެ ސިފައިންނަށާއި، ސްކޫލުތަކަށާއި ސިއްހީ ދާއިރާއަށް ޓްރަމްޕް ހަރަދު ކުރައްވާފައި ނުވާކަން ކަމަށް ހިލަރީ ވިދާޅުވި އެވެ.

ހިލަރީ އަށް ރައްދު ދެއްވަމުން ޓްރަމްޕް ވަނީ ހިލަރީ އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓްގެ ގޮތުގައި ހުންނެވި އިރު ރަސްމީ ބޭނުންތަކަށް އަމިއްލަ އީމެއިލް ސާވާއެއް ބޭނުން ކުރެއްވި މައްސަލައަށް އިޝާރާތް ކުރައްވައިފަ އެވެ.

"ހިލަރީ ކްލިންޓަން ޑިލިޓް ކުރެއްވި 33،000 އީމެއިލް އާއްމު ކުރުމުން އަޅުގަނޑު ދެއްކި ޓެކްސްގެ ތަފްސީލު އަޅުގަނޑުގެ ވަކީލުގެ ލަފަޔާ ދެކޮޅަށް ވިޔަސް އާއްމު ކުރާ ނަން،" ޓްރަމްޕް ވިދާޅުވި އެވެ.

އަދި ހިލަރީ ވަނީ އޭނާ ކުރިން ވެސް ވިދާޅުވެފައިވާ ފަދައިން، ރަސްމީ ކަންތަކަށް އަމިއްލަ އީމެއިލް ސާވާއެއް ބޭނުން ކުރުމަކީ ރަނގަޅަށް ކުރެވުނު ކަމެއް ނޫން ކަމަށް ވިދާޅުވެފަ އެވެ. ނަމަވެސް އެ މައްސަލައާ ގުޅިގެން "އެމެރިކާގެ ރައްޔިތުންގެ (އެކައުންޓުތައް) ހެކް ކުރަން" ޓްރަމްޕް ގޮވާލެއްވުމަކީ ހައިރާން ވާންވީ ކަމެއް ކަމަށާއި އޭގެ އިން އެނގެނީ ޓްރަމްޕަކީ އެމެރިކާގެ ރައީސަށް ވުމަށް ކުފޫ ހަމަނުވާ މީހެއް ކަން ކަމަށް ވިދާޅުވެފަ އެވެ.

މީގެ އިތުރުން، ރައީސް އޮބާމާ އުފަންވެވަޑައިގަތީ އެމެރިކާގައި ނޫން ކަމަށް ގިނަ ދުވަސްތަކެއް ވަންދެން ޓްރަމްޕް ވިދާޅުވުމާ ބެހޭ ގޮތުން ވާހަކަފުޅު ދައްކަވަމުން ހިލަރީ ވަނީ ޓްރަމްޕަކީ "ނަސްލީ ތަފާތު ކުރުމުގައި ދިގު ތާރީހެއް" އޮތް މީީހެއް ކަމަށް ވިދާޅުވެފަ އެވެ.

އޮބާމާ އުފަންވެވަޑައިގަތީ އެމެރިކާގައި ނޫން ކަމަށާއި އެހެންކަމުން އެމެރިކާގެ ރައީސަކަށް ވުމުގެ ހައްގު އޮބާމާއަށް ލިބިގެންވޭތޯ ގިނަ ދުވަސްތަކެއް ވަންދެން ސުވާލު އުފެއްދުމަށް ފަހު ޓްރަމްޕް ވަނީ ދާދި ފަހުން އޭނާގެ ހިޔާލު ބަދަލު ކުރައްވައިފަ އެވެ. އަދި ޓްރަމްޕް ފަހުން އެގޮތަށް އަމަލު ކުރެއްވީ ކީއްވެތޯ އެހުމުން ޓްރަމްޕް ވިދާޅުވީ އެއީ އެކަމަށް ވުރެ ބޮޑު އަދި މުހިއްމު ކަންތަކަށް އިސްކަން ދެއްވަން ކަމަށެވެ.

ނޮވެމްބަރު އަށެއްގައި ބާއްވަން ހަމަޖައްސާފައިވާ އެމެރިކާގެ ރިޔާސީ އިންތިހާބުގެ ކުރިން އަންނަ މަހު އެފަދަ އިތުރު ދެ ރިޔާސީ ބަހުސް ބާއްވަން ހަމަޖައްސާފައިވެ އެވެ. (ބީބީސީ)