ރެއާލް މެޑްރިޑްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯއާ ދެމެދު އެއްވެސް މައްސަލައެއް ނެތް ކަމަށާއި މުޅި ޓީމް ވެސް އޮތީ ވަރަށް އެއްބައިވަންތަކޮށް ކަމަށް އެ ޓީމްގެ ކޯޗު ޒައިނުއްދީން ޒިދާން ބުނެފި އެވެ.

ސްޕެނިޝް ލީގްގައި އެންމެ ފަހުން ރެއާލް މެޑްރިޑް ލަސް ޕާމްސްއާ ދެކޮޅަށް ކުޅެ 2-2ގެ ނަތީޖާއަކުން އެއްވަރުވި މެޗުގެ 71 ވަނަ މިނެޓްގައި ރޮނާލްޑޯ ބަދަލުކުރުމުން އޭނާ ވަނީ ހިތް ހަމަ ނުޖެހުން ފާޅުކޮށްފަ އެވެ. ޕޯޗުގަލްގެ މީޑިއާތަކުން ވަނީ އެމައްސަލް ވަރަށް ބޮޑު ކޮށްލައިގެން ގެނަސްދީފަ އެވެ.

ނަމަވެސް ޗެމްޕިއަންސް ލީގްގައި މިރޭ ޖަރުމަނުގެ ބްރޫޝިއާ ޑޯޓްމަންޑްއާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން ވާހަކަ ދައްކަމުން ޒިދާން ބުނީ ހުރިހާ ކުޅުންތެރިން ވެސް 90 މިނެޓް ކުޅެން ބޭނުންވާނެ ކަމަށާއި ދަނޑުން ފައިބާކަށް ވެސް ބޭނުން ނުވޭނެ ކަމަށެވެ.

"ރޮނާލްޑޯ އެކަންޏެއް ނޫން. ހުރިހާ ކުޅުންތެރިން ވެސް ހިތް ހަމަ ނުޖެހޭ ބަދަލުކުރުމުން. އަހަރެންގެ ވިސްނުން ބޮޑަށް ހުރީ މިރޭގެ މެޗަށް. ހުރިހާ ކަމެއް ވެސް ކުރަނީ ކުޅުންތެރިންގެ ފައިދާއަށް،" ޒިދާން ބުންޏެވެ.

ޒިދާން ބުނީ އޭނާ ގޯސް ކޮށް ކަމެއް ނުކުރާނެ ކަމަށާއި ރޮނާލްޑޯ އަކީ ވެސް ވަރަށް ވިސްނުންތޫނު މޮޅު ކުޅުންތެރިއެއް ކަމަށެވެ. އެހެންކަމުން ހުރިހާ ކަމެއް ވެސް ދަނީ ވަރަށް އަމާން އޮމާންކޮށް ރަނގަޅަށް ކަމަށެވެ.

މިސީޒަނުގައި ރޮނާލްޑޯގެ ފަރާތުން އޭނާގެ އެންމެ މޮޅު ކުޅުން ނުފެންނަ ސަބަބާ މެދު ވެސް ޒިދާން ވަނީ ވާހަކަ ދައްކައިފަ އެވެ.

"އެންމެނަށް ވެސް އިނގޭނެ ޔޫރޯގައި ލިބުނު އަނިޔާގެ ސަބަބުން ރޮނާލްޑޯއަށް ވަނީ ޕްރީ ސީޒަން އެއްކޮށް ގެއްލިފައި. ލީގްގެ ވެސް ދެ ތިން މެޗެއް ގެއްލުނު. އެހެންކަމުން އަދި ރޮނާލްޑޯ މުޅިން ފިޓްވި ނަމަވެސް އޭނާގެ ކުރީގެ ކުޅުމަށް އަދި އެނބުރި ނާދެވިދާނެ،" ޒިދާން ބުންޏެވެ.