27 Sep 2016, 10:32
ރާމަﷲ (ސެޕްޓެމްބަރު 27) : އެމެރިކާގައި ބާރުގަދަ ޔަހޫދީ ލޮބީ ގްރޫޕްތަކުގެ ތާއީދު ހޯދުމަށްޓަކައި އެމެރިކާގެ ރިޔާސީ ދެ ކެންޑިޑޭޓުން ކަމަށްވާ ޑޮނަލްޑް ޓްރަމްޕާއި ހިލަރީ ކްލިންޓަން ފަލަސްތީނުގެ ހައްގުތަކަށް އިހާނާތްކޮށް އިސްރާއީލުގެ އަނިޔާވެރިކަމާއި އިސްތިޢްމާރަށް ތާއީދުކޮށް ދެއްވަމުން ގެންދަވާ ބަޔާންތަކަށް ފަލަސްތީނުން ދެކޮޅު ހަދައިފިއެވެ.
ފަލަސްތީނުގެ ޚާރިޖީ ވުޒާރާއިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އެމެރިކާގެ ރިޔާސީ ކެންޑިޑޭޓުންގެ އަމަލުތަކާއި ބަސްމަގު ހުންނަނީ އދ. ގެ ގަރާރުތަކާއި ބައިނަލްއަގްވާމީ ގާނޫނުތަކާއި އިންސާނީ ހައްގުތަކުގެ މިންގަނޑުތަކާ މުޅިން ޚިލާފަށްކަމަށާ މިފަދަކަން ގަބޫލުނުކުރެވޭނެ ކަމުގައެވެ.
އެމެރިކާގެ ހަރުކަށި ވިސްނުމުގެ ކެންޑިޑޭޓް ކަމަށްވާ ރިޕަބްލިކަން ޕާޓީގެ ޑޮނަލްޑް ޓްރަމްޕް ވަނީ އޭނާއަށް އެމެރިކާގެ ވެރިކަން ލިބިއްޖެނަމަ އިސްރާއީލު ގަދަބާރުން ހިފާފައިވާ ފަލަސްތީނުގެ ރަށެއް ކަމަށްވާ ގުދްސަކީ އިސްރާއީލުގެ ވެރިރަށް ކަމަށް އެމެރިކާ ސަރުކާރުން ގަބޫލުކުރާނެ ކަމަށް ވިދާޅުވެފައެވެ. އަދި ޑިމޮކްރެޓިކް ޕާޓީގެ ކެންޑިޑޭޓް ހިލަރީ ކްލިންޓަންވަނީ އެކަމަނާއަށް އެމެރިކާގެ ވެރިކަން ލިބިއްޖެނަމަ ފަލަސްތީނުގެ މައްސަލަ އިސްރާއީލު އެދޭ ގޮތަށް ނޫން ގޮތަކަށް ހައްލު ކުރުމުގެ ފުރުސަތު ނުދެއްވާނެ ކަމަށް ވިދާޅުވެ ފަލަސްތީނުގެ މައްސަލާގައި ފާސްކޮށްފައިވާ އދ. ގެ ގަރާރުތަކަށް ގޮންޖައްސަވައި ވާހަކަ ދައްކަވާފައެވެ.
ފަލަސްތީނުގެ މައްސަލަ ހައްލު ކުރުމަށް އިސްރާއީލު ބޭނުން ވަނީ އިސްރާއީލު ގަދަބާރުން ހިފާފައިވާ ފަލަސްތީނުގެ އެއްވެސް ބިމަކުން ނުފާބައި އަދި ވަޒަނުން ބޭރުކޮށްލާފައިވާ ފަލަސްތީނުގެ ރެފިއުޖީންނަށް އެނބުރި އައުމުގެ ހައްގު ނުދިނުމުގެ މައްޗަށެވެ. މީގެ އިތުރުން ފަލަސްތީނުގެ ބިމުގައި ފަލަސްތީނުގެ މިނިވަން މުސްތަގިއްލު ދައުލަތެއް އުފެއްދުމުގެ ފުރްސަތު ނުދިނުމަކީ ވެސް އިސްރާއީލުގެ އަމާޒެކެވެ.
ފަލަސްތީނުގެ މައްސަލަ އދ. ގެ އޮނިގަނޑުން ބޭރުގައި ހައްލު ކުރުމަށް އެމެރިކާއިން އަބަދުވެސް މަސައްކަތް ކުރަމުންދެ އެވެ. މިކަމުގެ ބޭނުމަކީ ވެސް އދ. ގެ ގަރާރުތަކާއި ބައިނަލްއަގްވާމީ ގާނޫނުތަކުގައި އެކަށައަޅާފައިވާ ފަލަސްތީނުގެ ހައްގުތަކުން ފަލަސްތީނުގެ ރައްޔިތުން މަހްރޫމްކޮށް ފަލަސްތީނުގެ މިނިވަން ދައުލަތެއް ގާއިމު ކުރުމުގެ ފުރުސަތު ނުދިނުމެވެ.
އިސްރާއީލުން ގެންދަނީ ހިފާފައިވާ ފަލަސްތީނުގެ ހުޅަނގު އައްސޭރީގެ ބިންތަކުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށް 1970 ވަނަ އަހަރުން ފެށިގެން މަސައްކަތް ކުރަމުންނެވެ. މިގޮތުން ހުޅަނގު އައްސޭރީގެ ބިންތަކުގައި މިހާތަނަށް އިސްރާއީލުން މިލިޔަނަކަށްވުރެ ގިނަ ޔަހޫދީން ވަޒަންވެރިކުރުވާފައިވެ އެވެ. މިއީވެސް އދ. ގެ ގަރާރުތަކާއި ބައިނަލްއަގްވާމީ ގާނޫނުތަކާ މުޅިން އިދިކޮޅު ކަމެކެވެ.
ނަމަވެސް މިކަން ހުއްޓުވުމަށް އެމެރިކާ އެއްވެސް މަސައްކަތެއް ކޮށްފައެއް ނުވެއެވެ. އެމެރިކާގެ ވެރިކަމަށް އަންނަން މަސައްކަތް ކުރާ ކެންޑިޑޭޓުންނަކީ އެމެރިކާގައި ބާރުގަދަ ޔަހޫދީ ލޮބީ ގްރޫޕްތަކުގެ ތާއީދު ހޯދުމަށް އަބަދުވެސް މަސައްކަތް ކުރަމުންގެންދާ ބައެކެވެ. މިފަދަ ކަންކަމުގައި އިންސާނީ ހައްގުތަކާއި ޑިމޮކްރަސީގެ މިންގަނޑުތަކާ އަދި ބައިނަލްއަގްވާމީ ގާނޫނުތަކާއި އދ. ގެ ގަރާރުތައް ބޮލާލައިޖެހުމާއި އިސްރާއީލުގެ ދިފާއުގައި އަނިޔާވެރިކަން ކުރިޔަށްނެރުމަކީ އެމެރިކާގެ ރިޔާސީ ކެންޑިޑޭޓުން އާންމުކޮށް ކުރަމުން ގެންދާކަންކަމެވެ.
ފަލަސްތީނުގެ ޚާރިޖީ ވުޒާރާއިން ނެރުނު ބަޔާނުގައި ދުނިޔޭގެ ބޮޑުބާރެއްގެ ހައިސިއްޔަތުންނާ އަދި ފަލަސްތީނުގެ މައްސަލަ ހައްލުކުރުމަށް އެމެރިކާ ކުރާ މަސައްކަތްތަކުގެ ދަށުން އދ. ގެ ގަރާރުތަކާއި ބައިނަލްއަގްވާމީ ގާނޫނުތަކާ އަދި އިންސާނީ ހައްގުތަކުގެ މިންގަނޑުތަކާ އެމެރިކާގެ ރިޔާސީ ކެންޑިޑޭޓުން ޚިލާފުވަމުން ދިޔުމަކީ ދެރަ އަދި ހިތާމަ ހުރިކަމެއްކަމަށް ބަޔާން ކޮށްފައިވެއެވެ. (ނޫސްއެޖެންސީތައް)