ދުނިޔޭގެ ޓޫރިޒަމް ދުވަސް މިއަދު ރާއްޖޭގައި ވެސް ފާހަގަކުރަމުން އަންނަ އިރު، މިއަދު ހެނދުނުގެ ޕީކް ގަޑީގައި އައިއެންއައިއޭގައި ޖެއްސި ފްލައިޓްތަކުގެ ފަސިންޖަރުންނަށް ޓޫރިޒަމް މިނިސްޓްރީން މަރުހަބާ ކިޔައިފި އެވެ.

އައިއެންއައިއޭ އެރައިވަލް ޓާމިނަލްގައ،ި މިއަދު ހެނދުނު ޖެއްސި ފްލައިޓްތަކަށް މަރުހަބާކީ އެމްއޭސީއެލްގެ ސްޓާފުންނާއި ޓޫރިޒަމް މިނިސްޓްރީގެ ސްޓާފުންނެވެ.

ފަތުރުވެރިންނަށް މަރުހަބާ ކިޔުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން --- ސަން ފޮޓޯ/ ފަޔާޒު މޫސާ

ޓޫރިޒަމް މިނިސްޓްރީގެ އެސިސްޓެންޓް ޑިރެކްޓަރު އަހުމަދު އަބީރު އިސްމާއިލް ވިދާޅުވީ ޓޫރިޒަމް ދުވަހާ ގުޅުވައިގެން ރާއްޖޭގައި ތަފާތު ހަރަކާތްތަކެއް ހިންގަން ނިންމާފައިވާ ކަމަށެވެ. އެގޮތުން ފަތުރުވެރިންނަށް މަރުހަބާ ކިޔުމާއި ޓޫރިޒަމް ދާއިރާގެ ފަރާތްތައް ގުޅިގެން ހާއްސަ ފޯރަމެއް މިއަދު ކުރިއަށް ގެންދާނެ ކަމަށް ވިދާޅުވި އެވެ.

އެމްއޭސީއެލްގެ އެސޯސިއޭޓް ޖެނެރަލް މެނޭޖަރު، ކޯޕަރޭޓް ކޮމިއުނިކޭޝަން ހަސަން އަރީފް ވިދާޅުވީ، ހެނދުނު ޕީކްގަޑީގައި ޖެއްސި ފްލައިޓްތަކުގެ ފަސިންޖަރުންނަށް މަރުހަބާ ކިޔާފައިވާ އިރު، މިއަދު މެންދުރުގެ ޕީކް އަދި ރޭގަނޑުގެ ޕީކް ގަޑީގައި ވެސް މަރުހަބާ ކިޔުން އޮންނާނެ ކަމަށެވެ.

ފަތުރުވެރިންނަށް މަރުހަބާ ކިޔުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން --- ސަން ފޮޓޯ/ ފަޔާޒު މޫސާ

އެރައިވަލް ގޭޓުން ފަތުރުވެރިންނަށް މަރުހަބާ ކިޔާއިރު، ދިވެހި ސަގާފީ އައިޓަމްތައް ވެސް ދަނީ އެތަނުގައި ދައްކައިދެމުންނެވެ.