27 Sep 2016, 09:21
ބޮލީވުޑްގެ މަޝްހޫރު ދެ ތަރިން ކަމަށްވާ ކަންގަނާ ރަނައުތު އާއި ރިތިކު ރޯޝަންގެ ލޯބީގެ ކޯޅުންގަނޑުގެ ވާހަކަ އަކީ ގިނަ ބައެއްގެ ސަމާލުކަން ހޯދި ވާހަކަ އެކެވެ.
ރިތިކް އާއި ކަންގަނާއާ ދެމެދު މައްސަލަ ޖެހުނީ ކަންގަނާ ކުރި ޓުވީޓަކަށް ރިތިކު ރައްދު ދިން ހިސާބުންނެވެ. އެއަށްފަހު ދެ ތަރިން އެކަކު އަނެކަކަށް މެދުކެނޑުމެއް ނެތި ރައްދު ދެމުން ދިޔަ އެވެ. އަދި އެ ދެ ތަރިންގެ މެދުގައި އޮތް ގުޅުމުގެ ފަތިފުށް މީޑިއާ އަށް ހާމަވަމުން ދިޔަ އެވެ.
ނަމަވެސް، ދެތަރިންގެ ދެމެދުގައި ލޯބީގެ ގުޅުމެއް އޮތް ކަމަށް ދޭހަވާ ފަދަ ގޮތަކަށް ކަންގަނާ ދައްކަމުން ދިޔަ ވާހަތައް ރިތިކު އައީ ދޮގު ކުރަމުންނެވެ. އެފަދަ ގުޅުމެއް ކަންގަނާ އާއެކު ނުބާއްވާކަމަށް ރިތިކު އައީ ބުނަމުންނެވެ. ޓުވިޓާއިން ފެށުނު އެ ކޯޅުންގަނޑު އެންމެ ފަހުން ކޯޓާ ހިސާބަށް ދިޔަ އެވެ.
އެ ހަނގުރާމައިގައި އެއްބަޔަކު ރިތިކް އަށް ސަޕޯޓު ކުރާ އިރު އަނެއް ބަޔަކު ތިބީ ކަންގަނާގެ ޓީމުގަ އެވެ. ޖެހިގެން އުޅޭ މައްސަލައިގެ ހަގީގަތް ވެސް މާބޮޑަށް ސާފުވާ ގޮތެއް ނުވެ އެވެ.
ނަމަވެސް ރިތިކްގެ ބައްޕަ ރާކޭޝް ރޯޝަން މި ވަނީ ހަގީގަތް އެނގޭ ދުވަހުން އެންމެނަށް ސިހުން ލިބިގެންދާނެ ކަމަށް ބުނެފަ އެވެ.
ހިންދުސްތާން ޓައިމްސް އަށް ދިން އިންޓަވިއު އެއްގައި ރާކޭޝް ރޯޝަން ބުނީ ރިތިކް އަކީ ވަރަށް މަޑުމައިތިރި މިޒާޖެއްގެ މީހެއް ކަމަށާއި، ރިތިކްއާ ގުޅޭ ގޮތުން ކަންގަނާ ދޮގު ވާހަކަތަކެއް ފަތުރަމުން ދިޔަ އިރު ވެސް ރިތިކް ހުރީ ހަމަޖެހިގެން ކަމަށެވެ.
"ރިތިކް ހަގީހަތް ހާމަކުރާ ދުވަހުން އެންމެނަށް ސިހުން ލިބޭނެ،" ރާކޭޝް ރޯޝަން ބުންޏެވެ.