ރާއްޖޭގެ ސަލާމަތީ ދާއިރާތަކާއި، ޤައުމީ ސަލާމަތާ ގުޅުންހުރި މުއައްސަސާތައް ވިލަރެސްކޮށް، ޤައުމީ ސަލާމަތީ އޮނިގަނޑު އެކުލަވާލުމަށް، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރުގެ އޮފީހުން ކުރަމުން ގެންދާ މަސައްކަތް ކުރިއަށްދާ ގޮތުގެ މައުލޫމާތު، ވަޒީރުންގެ މަޖިލީހަށް ހިއްސާކޮށްފި އެވެ.

ރައީސް އޮފީހުން ބުނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވެވި ބައްދަލުވުމުގައި، ރާއްޖޭގެ ޤައުމީ ސަލާމަތީ އޮނިގަނޑެއް އެކުލަވާލުމަށް ކުރާ މަސައްކަތުގެ މައުލޫމާތާއި، އެ މަސައްކަތުގައި ހޯދިފައިވާ ކުރިއެރުން ވަޒީރުންގެ މަޖިލީހާއެކު ހިއްސާކޮށް، އެކަންކަމާ ބެހޭގޮތުން ވަޒީރުންގެ މަޖިލީހުގެ މެންބަރުންނާ މަޝްވަރާކޮށްފައިވާ ކަމަށެވެ.

އެ ބައްދަލުވުން ތައާރުފް ކުރެއްވުމުގެ ގޮތުން، ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރު އަމީން ފައިސަލް ދެއްކެވި ވާހަކަފުޅުގައި، ކަމާބެހޭ ހުރިހާ ފަރާތެއް ބައިވެރިވާ، ހަރުދަނާ ޤައުމީ ސަލާމަތީ ސިޔާސަތެއް އެކުލަވާލެއްވުމަކީ، ސަރުކާރުގެ ވަރަށް މުހިންމު އަމާޒެއްކަމާއި އަދި ސަރުކާރުގެ މައިގަނޑު އެއް މަސައްކަތްކަން ފާހަގަކުރެއްވި އެވެ. އަދި ޤައުމީ ސަލާމަތީ ސިޔާސަތުގެ ބޭނުމަކީ، ރާއްޖޭގެ ހުރިހާ މަސްލަހަތުތަކެއް ދެނެގަނެ، ޤައުމީ މަސްލަހަތުތައް ހިމާޔަތްކޮށް، ރައްކާތެރިކުރުމާއެކު، އެމަސްލަހަތުތައް ކުރިއެރުވުން ކަމުގައި އަމީން ވިދާޅުވި އެވެ.

ޤައުމީ ސަލާމަތީ އޮނިގަނޑެއް އެކުލަވާލުމަށް، ރާއްޖޭގެ ސަލާމަތާގުޅޭ ހުރިހާ ފަރާތްތަކެއްގެ ބައިވެރިވުމާއެކު ކުރަމުން ގެންދާ މަސައްކަތްތަކުގެ މައްޗަށް ބައްލަވާލައްވަމުން، އެމަސައްކަތްތަކުން ޤައުމީ ސިޔާސަތު ކަނޑައެޅުމުގެ ފެންވަރުގައި، ސްޓްރެޓީޖިކް އެނަލިސިސް މަސައްކަތާއި، ސަލާމަތާބެހޭ ދާއިރާއަށް އަންނަ ބަދަލުތަކާއި، ރާއްޖޭގެ ސަލާމަތަށް ހުރި ގޮންޖެހުންތައް ދެނެގަތުމުގެ މަސައްކަތް ފެށިފައިވާ ކަމަށް އަމީން ވިދާޅުވި އެވެ.

ރާއްޖޭގެ ޤައުމީ ސަލާމަތީ އޮނިގަނޑު އެކުލަވާލެއްވުމަށް، ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރުގެ އޮފީހުން ކުރަމުން ގެންދާ މަސައްކަތުގެ ތެރެއިން، އެމެރިކާގެ "ޑިފެންސް އިންސްޓިޓިއުޝަން ރީފޯމް އިނިޝިއޭޓިވްސް"ގެ އެއްބާރުލުމާއި، ރާއްޖޭގެ ސަލާމަތާގުޅޭ ހުރިހާ ފަރާތްތަކުގެ ބައިވެރިވުމާއެކު، ރާއްޖޭގެ ޤައުމީ ސަލާމަތީ އޮނިގަނޑު އެކުލަވާލުމާބެހޭ ދެ މަސައްކަތު ބައްދަލުވުން، މީގެކުރިން އެއޮފީހުން ބާއްވަވާފައިވެ އެވެ. އެ ސިލްސިލާގެ ތިންވަނަ މަސައްކަތު ބައްދަލުވުން މިއަދާ މާދަމާ ކުރިއަށްދާނެ ކަމަށް ރައީސް އޮފީހުން ބުނެ އެވެ.

ޤައުމީ ސަލާމަތީ އޮނިގަނޑު އެކުލެވިފައިވަނީ، އަސާސީ ދެބައެއްގެ މައްޗަށެވެ. އެއީ، ޤައުމީ ސަލާމަތާބެހޭ ސިޔާސަތު އެކުލަވާލުމާ ގުޅޭ ބަޔާއި، ޤައުމީ ސަލާމަތާބެހޭ ކަންކަމުގެ އިންސްޓިޓިއުޝަނަލް އޮނިގަނޑެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާއަށް ރައީސުލްޖުމްހޫރިއްޔާ ހުށަހެޅުއްވި ރިޔާސީ ބަޔާނުގައި ވިދާޅުވެފައިވާ ފަދައިން، ޤައުމީ ސަލާމަތީ އޮނިގަނޑުގެ ތެރޭގައި ހިމެނޭ، މެރިޓައިމް ސެކިއުރިޓީއާބެހޭ ޤައުމީ ސިޔާސަތެއް އެކުލަވާލައްވައި، ރައީސުލްޖުމްހޫރިއްޔާގެ ލަފާފުޅަށް ހުށަހަޅުއްވާފައިވާ ކަމަށް ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރު ވިދާޅުވި އެވެ. މެރިޓައިމް ސެކިއުރިޓީ ޕޮލިސީގެ އިތުރުން، ނޭޝަނަލް ކްރައިމް ޕްރިވެންޝަން ޕޮލިސީއާއި، އިންޑަސްޓްރިއަލް ސެކިއުރިޓީ ޕޮލިސީއާއި އަދި ނޭޝަނަލް ކައުންޓަރ-ޓެރަރިޒަމް ސްޓްރެޓިޖީއެއް އެކުލަވާލެއްވުމަށް ބޭނުންވާ މައިގަނޑު މަސައްކަތްތައް، ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރުގެ އޮފީހުން، ކަމާބެހޭ ދާއިރާތަކުގެ އެހީގައި މިހާރު ފުރިހަމަ ކުރައްވާފައިވާ ކަމަށްވެސް އަމީން ފާހަގަކުރެއްވި އެވެ.

ރާއްޖޭގެ ސަލާމަތާ ގުޅޭ ހުރިހާ ދާއިރާތަކުގެ ބައިވެރިވުން ހިމެނޭ ގޮތުގައި، ޤައުމީ ސަލާމަތާ ބެހޭގޮތުން ލަފާދޭ ކޮމިޓީތައް އެކުލަވާލެއްވިފައިވާކަމީ، ޤައުމީ ސަލާމަތީ ވިއުގަ އެކުލަވާލައްވައި، އިންސްޓިޓިއުޝަނަލައިޒް ކުރެއްވުމަށް ކުރާ މަސައްކަތަށް، އިތުރު ބާރެއް ލިބިގެންދިޔަ ކަމެއް ކަމުގައިވެސް އަމީން ވިދާޅުވި ކަމަށްވެސް ރައީސް އޮފީހުން ބުނެ އެވެ.
އެ ބައްދަލުވުމުގައި، ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދާއި، ނައިބު ރައީސް ޑޮކްޓަރ މުހައްމަދު ވަހީދާއި، ވަޒީރުންގެ މަޖިލީހުގެ މެންބަރުން ބައިވެރިވެވަޑައިގެންނެވި އެވެ.