27 Sep 2016, 10:35
ބޮލީވުޑްގެ ކުޅަދާނަ ކޮރެއޮގްރާފަރު އަދި ޑައިރެކްޓަރު ރޭމޯ ޑިސޫޒާގެ ޑާންސް ރިއަލިޓީ ޝޯވ، "ޑާންސް ޕްލަސް 2" ގެ އެއްވަނަ އުމުރުން 14 އަހަރުގެ ތަނޭ މަޅާރާ ހޯދައިފި އެވެ.
މަހާރާޝްތުރަ އަށް އުފަން ތަނޭ، ޝޯވގެ އެއްވަނަ ހޯދާފައި ވަނީ މިދިޔަ އާދީއްތަ ދުވަހުގެ ރޭ ކުރިއަށް ދިޔަ ގްރޭންޑް ފިނާލޭގައި ވައިލްޑް ރިޕާސް ކްރޫ އާއި ޕިޔޫޝް ބަގަތު އަދި ސުޝާންތި ޚަތްރީ އާ ވާދަކޮށެވެ.
"ޑާންސް ޕްލަސް" އަކީ ރޭމޯ ސުޕަރ ޖަޖެއްގެ ގޮތުގައި ބައިވެރިންގެ ހުނަރަށް މާކްސް ދޭ އިރު، ތިން ކެޕްޓަނުންގެ އިރުޝާދުގެ ދަށުން ޝޯވގެ ބައިވެރިން ތިން ގްރޫޕަކަށް ބަހާލާނެ އެވެ.
ޝޯގައި ކެޕްޓަނުންގެ ގޮތުން ބައިވެރި ވެފައި ވަނީ، ޒީޓީވީ އިން ގެނެސްދޭ ޑާންސް ރިއަލިޓީ ޝޯވ "ޑާންސް އިންޑިއާ ޑާންސް" ގެ ދެވަނަ ސީޒަނުގެ އެއްވަނަ ހޯދި ޝަކްތީ މޯހަން، ދެވަނަ ހޯދި ދަރްމޭޝް ޔެލާންދޭ އަދި ތިންވަނަ ހޯދި ޕުނީތު ޖޭ ޕަންކަޖް އެވެ.
ތަނޭ އަކީ ކެޕްޓަން ދަރްމޭޝްގެ ޓީމުގެ ނެށުންތެރިއެކެވެ. ޝޯވގެ އެއްވަނަ ލިބުމުން އަދިވެސް އެކަން ގަބޫލު ނުކުރެވިފައި ހުރި ތަނޭ ބުނީ، އަދިވެސް ހައިރާން ކަން ނުފިލާ ކަމަށާއި އެހާ ގިނަ ބަޔަކު އޭނާ އަށް ސަޕޯޓު ކުރާކަން ނޭނގޭ ކަމަށެވެ.
"މުޅި ޝޯވ ގައި ވެސް އަހަންނަށް އެންމެ ބޮޑަށް އެހީތެރިވެދީ ސަޕޯޓު ދިނީ ދަރްމޭޝަ ސަރ. އެހެންވީމަ އަހަންނަށް މި ލިބުނު ކާމިޔާބީ ޚާއްސަ ކުރަނީ ދަރްމޭޝް ސަރ އަށް،" ތަނޭ ބުނެފައިވެ އެވެ.
އަދި ކެޕްޓަން ޝަކްތީ އާއި ކެޕްޓަން ޕުނީތުގެ ފަރާތުން ލިބުނު އެއްބާރުލުން ވެސް ތަނޭ ފާހަގަ ކުރި އެވެ.
ޝޯވގެ ގްރޭންޑް ފިނާލޭގައި ބޮލީވުޑްގެ އެކްޓަރު ރަންބީރު ކަޕޫރު އާއި މި އަހަރުގެ އޮލިމްޕިކްސް ގައި އިންޑިއާ އަށް ބްރޯންޒް މެޑަލް ހޯދައިދިން ރެސްލިން ކުޅުންތެރިޔާ ސާކްޝީ މަލިކް ވެސް ވަނީ ބައިވެރިވެފަ އެވެ.