ތުރުކީގައި އަށް ހިޖުރަކުރުމަށްފަހު އެ ގައުމުގައި ދިރިއުޅެމުން އަންނަ ސީރިއާގެ ރެފިއުޖީންނަށް އަމާޒުކޮށްގެން ޔޫރިޕިއަން ޔޫނިއަން އިން ޑެބިޓް ކާޑު ސްކީމެއް ތައާރަފްކޮށްފި އެވެ.

އީޔޫގެ މެމްބަރު ގައުމުތަކުގެ އެހީތެރިކަމާއެކު ގާތްގަނޑަކަށް 350 މިލިއަން ޔޫރޯގެ އަގުހުރި އެ ސްކީމް ތައާރަފްކުރުމުގެ ރަސްމިއްޔާތުގައި އީޔޫގެ ހިއުމަނިޓޭރިއަން އެއިޑް ކޮމިޝަނާ ކްރިސްޓޮސް ވިދާޅުވީ، ސްކީމުގެ ސަބަބުން ގޮތް ހުސްވެފައިވާ ރެފިއުޖީންނަށް އެމީހުންގެ މިހާރުގެ ދިރިއުޅުން ދޫކޮށް އާއްމު ދިރިއުޅުމަކަށް ރުޖޫއުވުމުގެ އިހުސާސެއް ގެނުވާނެ ކަމަށެވެ.

އަދި ސްކީމުގެ ދަށުން ތުރުކީގެ އާއްމު ރައްޔިތު މީހާގެ ވިޔަފާރިއަށް ވެސް ރަނގަޅުވެ ތުރުކީގެ ރައްޔިތުންނާއި ރެފިއުޖީންނާ ދެމެދު ގުޅުން ބަދަހިވާނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

ތުރުކީ ސަރުކާރުގައި ރަޖިސްޓްރީ ކޮށްފައިވާ ހުރިހާ ރެފިއުޖީންނަށް ވެސް ބައިވެރިވެވޭ އެ ސްކީމުގެ ދަށުން ކޮންމެ މަހަކު ޕްރި ޕެއިޑް ޑެބިޓް ކާޑަކަށް 100 ތުރުކިޝް ލިރާ (33.50 ޑޮލަރު) ޖަމާކޮށްދޭ އިރު، ސްކޫލަށް ދާ ކުދިން ތިބޭ އާއިލާތަކަށް ފައިސާ ޖަމާކޮށްދޭނީ ގިނައިންނެވެ.

އެ ފައިސާ ބޭނުންކޮށްގެން ރެފިއުޖީއަކު ބޭނުންވާ ހޭދައެއް ކުރެވޭއިރު، ފިހާރަތަކުން ކާއެއްޗިއްސާއި އަންނައުނު ގަތުމަށް ނުވަތަ ތައުލީމަށާއި ގެދޮރު ގަތުމަށް ވެސް ބޭނުން ކުރެވޭނެ އެވެ. އަދި ކާޑު ބޭނުންކޮށްގެން އޭޓީއެމް މެދުވެރިކޮށް ފައިސާ ވެސް ނެގޭނެ އެވެ.

ޔޫރަޕަށް އެތެރެވާ ރެފިއުޖީންގެ އަދަދު ކޮންޓްރޯލް ކުރުމަށް މިދިޔަ މާޗް މަހުގެ ތެރޭގައި އީޔޫ އާއި ތުރުކީއާ ދެމެދު ވެފައިވާ ހަ މިލިއަން ޔޫރޯ (6.75 ބިލިއަން އެމެރިކާ ޑޮލަރު) ގެ އެއްބަސްވުމުގެ ދަށުން ކުރިއަށް ގެންދާ އެ ސްކީމް ހިންގާނީ ތުރުކީގެ އިދާރާތަކުގެ އެއްބާރުލުމާއެކު ތުރުކީގެ ރެޑް ކެރެސެންޓުންނާއި ޔޫއެން ވޯލްޑް ފުޑް ޕްރޮގްރާމުން ރޯލްކުރާ ގޮތަށެވެ.

ތުރުކީގައި ގާތްގަނޑަކަށް ތިން މިލިއަނެއްހާ ރެފިއުޖީން ދިރިއުޅެމުންދާއިރު، އޭގެ ތެރޭގައި ގިނައީ ސީރިއާގައި ހިނގަމުންދާ ދާހިލީ ހަނގުރާމައިގެ ސަބަބުން ރައްކާތެރިކަން ހޯދަން ހިޖުރަކުރާ އެ ގައުމުގެ ރައްޔިތުންނެވެ.