27 Sep 2016, 09:18
ސައުދީ އަރަބިއާ ސަރުކާރުގެ ކެބިނެޓް ވަޒީރުންގެ މުސާރައިން 20 ޕަސެންޓް އުނިކުރައްވާ ދައުލަތުގެ އެހެން އޮފިޝަލުންގެ ބައެއް އިނާތްތައް އުނިކުރަން އެ ގައުމުގެ ރަސްގެފާނު ސަލްމާން އިއްޔެ ނިންމަވައިފި އެވެ.
ރަސްގެފާން ސަލްމާން ޗެއާ ކުރެއްވި އިއްޔެގެ ކެބިނެޓް ބައްދަލުވުމުގައި ރަސްގެފާން ނެރުއްވި ގަރާރާއި ވަޒީރުންގެ މަޖިލީހުގެ ނިންމުމާ ހަވާލާދީ ސައުދީ ގެޒެޓުގައި ބުނެފައި ވަނީ، ކެބިނެޓް ވަޒީރުންގެ މުސާރައިން 20 ޕަސެންޓް އުނިކުރުމުގެ އިތުރުން ޝޫރާ ކައުންސިލުގައި ހިމެނިވަޑައިގަންނަވާ މެމްބަރުންނަށް ދޭ ކާރު އެލެވެންސާއި ހައުސިން އަދި ފަރުނީޗަރު އެލެވެންސްގެ 15 ޕަސެންޓް ވެސް ކަނޑާލަން ނިންމަވާފައިވާ ކަމަށެވެ.
ޝޫރާ ކައުންސިލަކީ ކެބިނެޓަށް ލަފާ ދެއްވުމަށް ހަތަރު އަހަރުގެ މުއްދަތަކަށް ރަސްގެފާނު އައްޔަން ކުރައްވާފައި ތިއްބަވާ 160 މެމްބަރުން ހިމެނޭ ކައުންސިލެކެވެ.
ތެލުގެ ވިޔަފާރިއަށް ބަރޯސާވެފައި އޮންނަ ސައުދީ ސަރުކާރުން އެގޮތަށް ނިންމެވީ މިދިޔަ އަހަރުގެ މެދު ތެރެއިން ފެށިގެން ދުނިޔޭގެ މާކެޓުގައި ތެލުގެ އަގު ވެއްޓެމުން ދިއުމާ ގުޅިގެން އެކަމުން އަރައިގަތުމަށް ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.
ތެލުގެ އަގު ދުނިޔޭގެ ބާޒާރުގައި ވެއްޓުމުގެ ސަބަބުން މިދިޔަ އަހަރު ސައުދީގެ ބަޖެޓުން ވަނީ 100 ބިލިއަން އެމެރިކާ ޑޮލަރުން ޑެފިސިޓްވެފަ އެވެ.
ސައުދީ ކެބިނެޓުގެ އިއްޔެގެ ބައްދަލުވުމުގައި ސަރުކާރު މުވައްޒަފުންގެ އޯވަޓައިމް އެލަވެންސް ވެސް އަސާސީ މުސާރައިގެ ދެބައިކުޅަ އެއްބައިން ހަތަރު ބައިކުޅަ އެއްބަޔަށް ބަދަލުކުރަން ނިންމިއިރު، މުވައްޒަފުންނަށް 30 ދުވަހަށްވުރެ އިތުރަށް ޗުއްޓީ ވެސް ނުލިބޭ ގޮތަށް ވެސް ވަނީ ނިންމަވާފަ އެވެ.
އެއްވެސް މުވައްޒަފެއްގެ މުސާރަ އަންނަ އަހަރުގެ ތެރޭގައި ބޮޑު ނުކުރުމަށް ވެސް އަންގާފައިވާއިރު މިނިސްޓަރުންނާއި ސަރުކާރު މުވައްޒަފުންގެ ވެސް ފޯން ބިލަށް 1000 ސައުދީ ރިޔާދަށްވުރެ އިތުރަށް އަރާ އެއްޗެއް އަމިއްލައަށް ދެއްކުމަށް އަންގާފައިވެ އެވެ.
އަންނަ އޮކްޓޯބަރު މަހުގެ ދެ ވަނަ ދުވަހުން ފެށިގެން އަމަލު ކުރަން ފަށާ އެ އެންގުމުގައި ސައުދީގެ ދެކުނު ބޯޑަރު ސަރަހައްދުގައި ހަރަކާތްތެރިވާ ސިފައިންނަށާއި ސެކިއުރިޓީ ބަލަހައްޓާ އޮފިޝަލުންނަށާއި އިންޓެލިޖެންސް އޮޕަރޭޝަންތަކުގައި ހަރަކާތްތެރިވާ މީހުންގެ މުސާރަ އަންނަ އަހަރުގެ ތެރޭގައި ބޮޑު ނުކުރެވޭނެ ކަމަކަށް ބުނެފައެއް ނުވެ އެވެ.
ނަމަވެސް ސައުދީ ސަރުކާރުން ކުރަން ނިންމި ކަންތައްތަކުގެ ސަބަބުން ސަލާމަތްވާނީ ކިހާވަރެއްގެ ފައިސާއެއް ކަމެއް ހާމަކޮށްފައެއް ނުވެ އެވެ.