އެއީ މާރީތި ހަށިގަނޑެއްގެ ވެރިއެއް ކަމަށް އޭނާ ދެކެ އެވެ. އޭނާއަކީ އެންމެ ރީތި މީހާކަމަށް ވެސް ބުނާ ފަހަރު ގިނައެވެ. އެކަން ކުރަނީ އޭނާގެ އެކުވެރިން ބޭނުންކޮށްގެން ހިންގާ ސޯޝަލް މީޑިއާ ޕޭޖެއްގައެވެ. މުސްލިމް ގައުމެއްގެ އިޖްތިމާއީ މިންގަނޑުތަކާ ހިލާފް އެތައް ކަމެއް އެ ޕޭޖު މެދުވެރިކޮށް ދަނީ ފަތުރަމުންނެވެ. ޖިންސީ ގުޅުންތަކަށް ފާޅުގައި ގޮވާލައި ދައުވަތުދެ އެވެ. އައުރަ ނިވާނުވާ ހާލުގައި ނަގާފައި ހުންނަ ފޮޓޯ އާންމުކޮށް ނަހަމަ ޖިންސީ ގުޅުންތަކަށް ދަނީ ގޮވާލަމުންނެވެ. ޖިންސީ ގުޅުން ހިންގާ ފޮޓޯ އާއި އެފަދަ ވާހަކަތައް ހިމެނޭ ވީޑިއޯ އަދި އޯޑިއޯ އަޕްލޯޑްކޮށް އެކަމަށް ދަނީ ހިތްވަރު ދެމުންނެވެ. މަޖަލަކަށް ހަދައި އެފަދަ ޕޯސްޓްތައް އެތައް ބަޔަކު ބަލައި ޝެއާކޮށް ހެދުމުގެ ނަތީޖާއަކީ ނުގޮތަކަށް އެކަން އިސްތިހާރު ކުރުމެވެ.

ފޭސްބުކް ޕޭޖް ބޭނުންކުރާ ކޮންމެ ދިވެއްސަކަން ހެން މި ބުނާ ކަންތައް ފާހަގަވާނެ އެވެ. ފަހަރެއްގަ މަޝްހޫރު ވުމަށް މޮޔައަކަށް ވަނީ ކަންނޭނގެއެވެ. ހިތާމައަކީ "މިއީ މޮޔައެއްތަ؟" އެ ސުވާލާއެކު ވެސް އެތައް ބަޔަކު އެ ޕޯސްޓްތައް ފަތުރާތީ އެވެ. ހާއްސަކޮށް ރަހްމަތްތެރީން އެކަކު އަނެކަކަށް ސަމާސާ ކުރުމަށް އެކުރާ ކަންތަކުން ވަރަށް ނުބައި ނަތީޖާއެއް ނުކުމެއެވެ. އެއީ އެކަމަށް ހިތްވަރު ދެވުމެވެ. ފާހިޝް ކަންކަން ފެންނަ ގޮތަށް އެކަން ނުކުރާށޭ ބުނެ އެތަކެތި ސޯޝަލް މީޑިއާއަށް ލަނީ ހެޔޮނިޔަތެއްގައި ނަމަވެސް ނަތީޖާ ގޯހެވެ.

ޖަމިއްޔަތުއް ސަލަފުގެ ނައިބު ރައީސް ޝެއިހް ޙަސަން މޫސާ ފިކުރީ ވިދާޅުވީ، ފާހިޝް އަމަލުތައް ކުރުމުން އެއްކިބާވުމުގެ އިތުރުން އެކަންކަން ފެތުރުމާއި ދެކޮޅުވުމަށް ކީރިތި ގުރުއާނާއި ރަސޫލާގެ ސުންނަތުން އަންގަވާފައިވާ ކަމަށެވެ.

"ދީނީ ގޮތުން އެކަން މަނާ އެކަން ފަތުރަން އެކަން އެހެން މީހުންގެތެ ރޭގައި ފާހިޝްކަންކަން އާންމުކުރުން. ތިމާ ފާފަ ކުރުން އެއީ އެއްކަންތައް. އޭގެ އިތުރުން އެހެން މީހުން އެކަންކަމަށް ލެންބުމަކީ ތިމާގެ ފާފަވެރިކަން ބޮޑުވެގެންދާ ކަމެއް. މިކަންކަން ހުއްޓުވަންޖެހޭ. ރަސޫލާގެ ހަދީޘެއްގެ މާނައިގައި ވޭ، ވިޔާނުދާ އަމަލުތައް ކުރާ މީހުން ހުއްޓުވައި އެމީހުން ހަމަމަގަށް އަޅުވަން މަސައްކަތް ކުރުމަށް،" ޝެއިހް ފިކްރީ ވިދާޅުވިއެވެ.

ލޯބިވާކަން ދައްކަން ވެސް އެ ގޯސްހަދާ!

ދެ މަފިރިން ނުވަތަ ލޯބިވެރިން އެކަކު އަނެކަކު ދެކެވާ ލޯބި އެހެން މީހުންނަށް ބުނެ ދިނުމަށް ވެސް އެތައް ގޯހެއް އެބަހަދަ އެވެ. ބަދުއަހުލާގީ އަމަލުތައް ސިފަކޮށްދޭ އެތައް މަންޒަރެއް އެބަ ހާމަކުރެއެވެ. ތުންފަތާއި ތުން ގުޅުވައިގެން ނުވަތަ އައުރަ ނިވާނުވާ ހާލު ނަގާފައިވާ ފޮޓޯތައް އާންމު ކުރުމަކީ ކުށަށް ދެވޭ ދައުވަތަކަށް ނޫނީ ނުވާނެއެވެ.

ލޯބީގެ އަވައިގައިޖެހި ހިންގާ ފާހިޝް އަމަލުތަކުގެ ތެރެއިން ލޯބިވެރިންގެ ދެމެދުގައި އޮރިޔާން ފޮޓޯ އާއި ވީޑިއޯ އެކަކު އަނެކަކަށް ފޮނުވުމަކީ މިއަދު އާންމު ކަމެކެވެ. އާހިރު ނަތީޖާ އަކަށް ވެގެން ދަނީ ދެ މީހުންގެ ލޯބީގެ ގުޅުން ނިމި ޒުވާބު ހޫނުވާ ހިސާބުން ފޮޓޯތައް އެތަށް ގޮތަކަށް އާންމުވުމެވެ. އެގޮތަށް ލީކުވެފައި ހުންނަ ފޮޓޯތައް ސޯޝަލް މީޑިއާތަކުގަޔާއި ބައެއް ވެބްސައިޓްތަކުގައި ވެސް ގެންގުޅެ އެވެ.

"ދެމަފިރިން އެކަކު އަނެކަކަށް ހިންގާ އަމަލުތައް ވެސް އެހެން މީހުން ގާތު ކިޔުން މަނާކޮށްފައި ވަނީ. މިކަންކަން ހުއްޓުވަންޖެހޭ. އެއީ އޭނަގެ މިނިވަންކަމޭ ތިމަންނަމެންނާ ބެހޭ ކަމެއް ނޫނޭ މިހެން ބުނެ އުޅުމަކީ އިސްލާމީ މުޖުތަމައުއެއްގައި އޮންނާނެ އުސޫލެއް ނޫން،" ޝެއިހް ވިދާޅުވިއެވެ.

ގާނޫނީ އަދަބުތައް ކަނޑައަޅާފައިވޭ!

ރާއްޖެއަށް ގެނައުން މަނާ ތަކެތީގެ ގާނޫނުގައި ބުނެފައިވާ ގޮތުން ރާއްޖެއަށް އެތެރެކުރުމާއި ރާއްޖޭގައި އުފެއްދުމުގެ އިތުރުން ގެންގުޅުން މަނާތަކެތީގެ ގޮތުގައި "އޮރިޔާން ކާޑު" ހިމެނެ އެވެ. އޮރިޔާން ކާޑުގެ ގޮތުގައި ހިމެނޭ ތަކެތީގެ ތެރޭގައި ފޮޓޯ އާއި ފިލްމާއި އަޑާއި ވާހަކަ ހިމެނެ އެވެ.

ބަދުއަހުލާގީ އަމަލުތައް ދައްކުވައި ދޭ އެފަދަ ތަކެތި އުފެއްދުމާއި ގެންގުޅުމަކީ އަދަބުތައް ކަނޑައަޅާފައިވާ ކުށްތަކެވެ. ހަމަ އެހެންމެ ފޮޓޮގްރާފަރުން ފޮޓޯނެގުމުގެ ހުނަރު ދެއްކުމަށް މީހުން ބަރަހަނާކޮށް ފޮޓޯނެގުމަކީ ވެސް މިހާރު އާންމުވަމުންދާ ބޮޑެތި ކުށްތަކެވެ.

ގާނޫނު ބުނާ ގޮތުން އެފަދަ ތަކެތި އުފައްދައި ނުވަތަ އަތުގައި ބަހައްޓައި، ނުވަތަ ފަތުރައިފި މީހެއްގެ އަދަބަކީ ތިން މަހާއި ތިން އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުން ނުވަތަ އަރުވާލުން ނުވަތަ ގޭގައި ބަންދު ކުރުން ނުވަތަ 1000 ރުފިޔާއާއި 50،000 ރުފިޔާ އާ ދޭތެރޭ އަދަދަކުން ޖޫރިމަނާ ކުރުމެވެ. އެފަދަ ކުށްތައް ކޮށްގެން ވަރަށް ފަހުން ވެސް އެތައް ބަޔަކު ވަނީ ޖަލަށްލައިފައެވެ.

ޕީޖީ އޮފީހުގައި މަސައްކަތް ކުރައްވާފައިވާ ތަޖުރިބާކާރު ގާނޫނީ ވަކީލަކު ވިދާޅުވީ، ދިވެހިންގެ ތެރެއިން ވަކި މީހެއްކަން އެނގޭ ގޮތަށް ލީކްވެފައި ހުންނަ އޮރިޔާން ކާޑުތަކުގެ މައްސަލަތައް ބަލައި ފިޔަވަޅު އަޅަމުން އަންނަ ކަމަށެވެ. މީގެ ކުރިން ބައެއް ފަރާތްތަކުގެ ފޮޓޯތައް ސޯޝަލް މީޑިއާގައި ލީކްވެފައިވުމުން ދައުވާކުރަން ފޮނުވާފައި އެބަހުރި ކަމަށް އޭނާ ވިދާޅުވި އެވެ.

"ރާއްޖޭގައި ގިނަ ފަހަރަށް މިވާގޮތަކީ އަމިއްލަ ބޭނުމަށް ނަގާ ފޮޓޯއެއް އެ މަރާމާތު ކުރުމަށްޓަކައި (ލެޕްޓޮޕް ނުވަތަ ފޯނު) ކޮންމެވެސް ތާކަށް ދިނުމުން ނޫނީ ކޮންމެވެސް ގޮތަކުން އެމީހުންގެ ފޯނަށް ނޫނިއްޔާ އެހެން މީހަކަށް ލިބުމުން ސްޓޯކުރުމުން ފަޅާމިއަރަނީ. ރާއްޖޭގައި ވެސް އޮރިޔާން ކާޑު އުފައްދައި ގެންގުޅޭ ނަމަ ފިޔަވަޅު އަޅާ،" ގާނޫނީ ތަޖުރިބާކާރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، ބައެއް ފަރާތްތަކުން ސަމާސައަށް ގެންގުޅޭ އެފަދަ ފޮޓޯތައް އެމީހެއްގެ އަތުން ފެނި ފުލުހުން ފިޔަވަޅުތައް އަޅާފައިވާ ކަމަށެވެ. އަދި އެފަދަ އަމަލުތަކަކީ "އެއްވެސް ކަމެއްގެ ގޮތުގައި ނުބަލައި" ކުރަމުންދާ ކަމެއް ކަމަށާއި މިފަދަ ކަންކަން އިންތިހާއަށް އިތުރުވެފައި ވަނީ މުޖުތަމައުގެ އަހުލާގަށް އައިސްފައިވާ ބަދަލުތަކުން ކަމަށް އޭނާ ވިދާޅުވި އެވެ.

ސޯޝަލް މީޑިއާގައި ބުރުގާ ނެގުން!

ފޮނި ދެއްކުމަށް ބައެއް އަންހެން ކުދިންގެ ފަރާތުންވެސް ހަމަ އެފަދަ އެތައް ކަމެއް ފާހަގަކުރެ އެވެ. ބުރުގާ އަޅައިގެން އުޅޭ ކުދިން އިންސްޓަގުރާމް ނުވަތަ ސޯޝަލް މީޑިއާގެ އެހެނިހެން ވަސީލަތްތަކަށް ވެސް، ބުރުގާ ނާޅައި ނަގާފައި ހުންނަ ފޮޓޯ އެޅުން އާންމެވެ. މިއީ އަމިއްލަ މިނިވަންކަން ކަމަށް ބުނެ އެކުރާ ކަމަކީ ވެސް މާތްވެގެންވާ އިސްލާމް ދީނުގައި ނަހީ ކުރައްވާފައިވާ ކަންކަން ކަމަށް ދީނީ އިލްމުވެރިން ވިދާޅުވެއެވެ.

"ބުރުގާ އަޅައި މި ނިވާކުރަނީ ﷲ ގެ ރުހުން ހޯދައި ތިމާގެ އަމަލުތައް ދީނުގެ މިންގަނޑުގައި ބެހެއްޓުމަށް. މިޒަމާނުގައި ސޯޝަލް މީޑިއާގައި ހާމަކުރުމެކޭ މަގުމައްޗަށް ނުކުމެ ކުރުމެކޭ ވަކި ތަފާތެއް ނެތް. އެއީ ފާޅުގައި ކުރުން. އެއީ ތިމާގެ އަމިއްލަ ކަމެއްގެ ގޮތުގައި ނުބެލެވޭނެ،" ފިކްރީ ވިދާޅުވިއެވެ.

ނުރައްކާ ފާފައެއް!

މިނިވަންކަން ކަމަށް ބުނެ ފާހިޝް ކަންކަން ކުރުން މިވަނީ އާންމުވެގައެވެ. ސަކަަރާތަކަށް ހަދައި އެކަން އާންމު ކުރުން މާ ބޮޑަށް ވެސް އިތުރުވެއްޖެ އެވެ. ދީނީ އިލްމުވެރިން ވިދާޅުވާ ގޮތުގައި އެއީ ކުރެވޭ ވަރަށް ބޮޑު ފާފައެކެވެ.

"ނޫރު ސޫރަތުގެ 19 ވަނަ އާޔަތުގައި ވަހީ ކުރައްވާފައިވޭ، އީންމާންވި މީސްތަކުންގެ މެދުގައި ފާހިޝް އަމަލުތައް ފެތުރުމަށް ލޯބިކުރާ މީހުންނަށް ގަދަވެގެންވާ އަޒާބެއް ދުނިޔެ އާއި އަދި އާހިރުގައި ވެސް އެބަހުއްޓޭ،" ޝެއިހް ފިކްރީ ވިދާޅުވި އެވެ.

މިފަދަ ކަންކަން ހުއްޓުވުމަށް އެންމެންގެ ފަރުދީ ޒިންމާއެއްވެ އެވެ. ދަރިންނާއި ބެލެނިވެރިކަމުގެ ދަށުގައި ތިބި ފަރާތްތަކަށް ހެޔޮމަގު ބުނެދީ ހެޔޮ މަގަށް މަގު ދައްކަންޖެހެ އެވެ. ޝެއިހް ވިދާޅުވީ، އިސްލާމިކް މިނިސްޓްރީން އެފަދަ ކަންކަމަށް މީހުން ހޭލުންތެރި ކުރުވާންޖެހޭއިރު ގާނޫނު ތަންފީޒު ކުރާ ފަރާތްތަކުން އެކަންކަން ކުރަންޖެހޭ ކަމަށެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ، އާއްމުކޮށް އާއްމު އިޖުތިމާއީ މިންގަނޑާ ހިލާފު ކަންތައްތަކާއި ރާއްޖޭގެ ގާނޫނުތަކާ ހިލާފު ކަންތައްތައް ފެތުރޭނަމަ އެފަދަ ކަންތައްތައް ފުލުހުން ބަލަމުން ގެންދާ ކަމަށާއި ނުވަތަ ކޮންމެ ވެސް ފަރާތަކުން ފުލުހުންނަށް އެ މައްސަލަ ހުށަހަޅާ ކަމަށެވެ.

ސޯޝަލް މީޑިއާގެ ތެރެއިން ލިބިފައިވާ މިނިވަން ކަމާއެކު ތި ހަދަނީ ބޮޑު ހޯހެކެވެ. މަޖަލަކަށް ހަދައި ތި އިސްތިހާރު ކުރެވެނީ ފާހިޝް ކަންކަމެވެ. އެނޫން ގޮތްގޮތަށް ވެސް އުފާކޮށް މަޖާ ކުރެވޭނެއެވެ. ފާހިޝް ކަންކަމަށް ހިތްވަރު ނުދީ ސަކަރާތްޖަހާ އެތައް ގްރޫޕެއް ވެސް ހިންގައެވެ. ނަމަވެސް މިހާރު އާންމުވެފައިވަނީ ކުށެކެވެ. ނަތީޖާ ވަރަށްވެސް ގޯހެވެ. އެފަދަ ކަންކަމަށް ދޭ ސަމާލުކަން ދޫކުރަންޖެހެއެވެ.