05 Jun 2011, 17:25
މަސާޖް ސެންޓަރުތަކާއި ސްޕާ ފަދަ ތަންތަން ކުރިން ރެގިއުލޭޓް ކުރަމުންދިޔަ ނަމަވެސް 2006 ވަނަ އަހަރުގެ ފަހުން އެފަދަ އެއްވެސް ތަނެއް އެ މިނިސްޓްރީން ރެގިއުލޭޓް ނުކުރާ ކަމަށް ހެލްތު މިނިސްޓްރީން މިއަދު ބުނެފި އެވެ.
ހެލްތު މިނިސްޓްރީން ނެރެފައިވާ ބަޔާނެއްގައި ބުނެފައި ވަނީ މަސާޖް ސެންޓަރު ނުވަތަ ސްޕާ ފަދަ ތަންތަން 2005 އަދި 2006 ވަނަ އަހަރު އެ މިނިސްޓްރީން ރެގިއުލޭޓް ކުރަމުންދިޔަ ކަމަށެވެ. ނަމަވެސް މަސާޖް ސެންޓަރު ނުވަތަ ސްޕާގެ ގޮތުގައި ހިންގަމުން ދިޔަ ހުރިހާ ތަނެއް ބަންދު ކުރުމަށް އެ މިނިސްޓްރީން ނިންމުމާ އެކު ޖުލައި 31، 2006 އަކުން ފެށިގެން އެފަދަ ތަންތަން ރެގިއުލޭޓް ކުރުން ހުއްޓާލާފައިވާ ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ. އަދި އެފަދަ ތަނެއް ނުވަތަ އެފަދަ ތަނެއްގައި މަސައްކަތް ކުރާ ފަރާތެއް ވިޔަސް އެ މިނިސްޓްރީގައި ރަޖިސްޓްރީ ކުރަމުންނުދާ ކަމަށް އެ ބަޔާނުގައިވެ އެވެ.
"....]މަސާޖް ސެންޓަރުތައް ނުވަތަ ސްޕާތައް ފަދަ ތަންތަން[ ބަންދު ކުރުމަށް އެންގުމާ އެކު އެފަދަ ތަންތަން ރެގިއުލޭޓް ކުރުން މި މިނިސްޓްރީން ވަނީ 31 ޖުލައި، 2006ގެ ފަހުން ހުއްޓާލާފައި،" އެ ބަޔާނުގައިވެ އެވެ. "އެފަދަ ތަނެއްގައި މަސައްކަތް ކުރާ ފަރާތެއް ވެސް އަދި ހިދުމަތްދޭ ތަނެއް ވެސް މި މިނިސްޓްރީގައި ރަޖިސްޓްރީ ކުރެވެމުން ނުދޭ."
އެ ބަޔާނުގައި ބުނެފައި ވަނީ ޑޮކްޓަރީ ބޭސް ފަރުވާ އާއި ދިވެހި ބޭސް ވެރިކަމާއި އޯލްޓަނޭޓިވް މެޑިސިންގެ ބޭސް ފަރުވާތައް ބަލަހައްޓަނީ އެ މިނިސްޓްރީން ކަމަށެވެ. އެގޮތުން ސިއްހީ ހިދުމަތްދޭ ތަންތަނާއި އެތަންތަނުން ދޭ ހިދުމަތްތަކުގެ ފެންވަރާއި އެތަންތަން މޮނީޓާ ކުރުމާއި ހުއްދަ ދިނުމުގެ މަސައްކަތް ކުރަނީ ހެލްތު މިނިސްޓްރީން ކަމަށް ވެސް އެ ބަޔާނުގައި ބުނެފައިވެ އެވެ.
"މި މިނިސްޓްރީން އުއްމީދު ކުރަނީ މި މިނިސްޓްރީގައި ރަޖިސްޓްރީކޮށް ހިނގަމުންދާ ތަންތަނުން ދޭ ހިދުމަތްތަކުގެ ފެންވަރު ރަނގަޅުވުމާ އެކު ހުއްދަ ދެވިފައިވަ ހިދުމަތްތައް ރަޖިސްޓްރީ ކުރެވި ލައިސަންސް ދެވިފައިވާ ގޮތުގެ މަތިން އިންސާނިއްޔަތަށް ހިދުމަތް ކުރުމުގެ ނިޔަތުގައި ޕްރެކްޓިސް ކުރަމުން ދިޔުން،" އެ ބަޔާނުގައިވެ އެވެ.
ހެލްތު މިނިސްޓްރީން މި ބަޔާން ނެރެފައި ވަނީ، ބިއުޓީ ސެލޫނާއި އަދި ކްލިނިކްތަކުގެ ނަމުގައި މާލޭގައި ހިންގާ ގިނަ ތަންތަނުގައި ފުޅާދާއިރާއެއްގައި ހަށިވިއްކުމުގެ ވިޔަފާރި ކުރަމުންދާކަން ހާމަކޮށް، ސަން އިން އިންވެސްޓިގޭޓިވް ރިޕޯޓުތަކެއް ޝާއިއުކުރިތާ މާ ގިނަދުވަސްތަކެއް ނުވަނީހެވެ. ސަން އިން ކުރި ތަހުގީގުތަކުން އެނގިފައިވާ ގޮތުގައި، ބޭރު ގައުމުތަކުން އަންހެން ކުދިން ގެނެސްގެން އެތަންތަނުގައި ހަށިވިއްކުމުގެ ވިޔަފާރި ފުޅާދާއިރާއެއްގައި ކުރަމުންދާކަމުގެ މައުލޫމާތު ގިނަ ބަޔަކަށް އެނގޭ ނަމަވެސް، އެތަންތަނާ މެދު ފިޔަވަޅެއް އަޅައިފައެއް ނުވެ އެވެ.