މިދިޔަ މަހުގެ 13 ވަނަ ދުވަހު ފުވައްމުލަކު ފަރަށް އެރި ބޯޓުގެ ސަބަބުން އެރަށު ފަރުގެ ބޮޑު ބަޔަކަށް ގެއްލުން ވެފައިވާ ކަމަށް އެންވަޔަރަންމަންޓު ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ)އިން ބުނެފި އެވެ.

އީޕީއޭގެ ޑިރެކްޓަރު ޖެނެރަލް އިބްރާހިމް ނައީމް މިރޭ "ސަން"އަށް ވިދާޅުވީ، "އެމްވީ އެންޖީއޯސީ ސަން" ނަމަކަށް ކިޔާ ބޯޓު ފުވައްމުލަކުގެ ފަރަށް އެރި މައްސަލައާ ގުޅޭގޮތުން ކުރި ދިދާސާ މިހާރު ނިމިފައިވާ ކަމަށެވެ. ނަމަވެސް އެ ބޯޓުން ދައްކަންޖެހޭ ފައިސާގެ އަދަދު ނިންމާނީ ދެފަރާތުންވެސް ވާހަކަދެއްކުމަށް ފަހު ކަމަށް ނައީމް ވިދާޅުވި އެވެ.

"އަޅުގަނޑުމެން އީޕީއޭއިން ފުވައްމުލަކު ފަރަށް ލިބުނު ގެއްލުންތަކުގެ ތަފްސީލީ ދިރާސާއެއް ހެދިއިރު އެ ފަރަށް އެރި ބޯޓު ފުން ކުރުމުގެ މަސައްކަތް ކުރަމުން ދިޔަ ސިންގަޕޫރުގެ ކުންފުނިންވެސް ވަނީ ފަރުގެ ހާއްސަ ދިރާސާއެއް ކޮށްފައި. އެ ދިރާސާވެސް މިހާރު ވަނީ ނިމިފައި،" ނައީމް ވިދާޅުވި އެވެ.

ނައީމް ވިދާޅުވީ، އީޕީއޭއިން ހެދި ދިރާސާ އާންމު ކުރާނީ ސަރުކާރުން ބަލަންޖެހޭ ބެލުންތައް ބެލުމަށްފަހު ކަމަށެވެ.

މިދިޔަ މަހުގެ 13 ވަނަ ދުވަހު ފުވައްމުލަކުގެ ފަރަށް އެރި "އެމްވީ އެންޖީއޯސީ ސަން" ފުން ކުރުމަށް އެ ބޯޓުގެ އޭޖެންޓުން ވަނީ ސިންގަޕޫރުގެ ސެލްވޭޖު ކުންފުންޏާ ހަވާލުކޮށް، އެ ކުންފުނީގެ ފަރާތުން ޓަގުތަކެއް ވެސް ގެނެސްފައެވެ. ނަމަވެސް އާގުބޯޓުގައި ހުރި 5،700 ޓަނުގެ ހިލައާއި ހިލަވެލީގެ ސަބަބުން ބޯޓު ފުން ވާ ގޮތް ނުވިއެވެ. އެހެންކަމުން އެ ބޯޓު ފުން ކުރެވުނީ މަސް ދުވަސް ފަހުން އަދި ގިނަ އަދަދެއްގެ ހިލަ ކަނޑަށް އުކާލުމަށް ފަހު އެވެ. އެ ބޯޓު ފުންކުރީ މި މަހުގެ 15ވަނަ ދުވަހު އެވެ.

ޓްރާންސްޕޯޓް އޮތޯރިޓީން މީގެކުރިން ބުނެފައި ވަނީ ފުވައްމުލަކު ފަރަށް އެރި ބޯޓަށް ރާއްޖެއިން ފުރޭނީ ފަރަށް ލިބުނު ގެއްލުމުގެ ފައިސާ ދިވެހި ސަރުކާރަށް ދެއްކުމަށްފަހުގައި ކަމަށެވެ.