26 Sep 2016, 16:27
ލޯކަލް ކައުންސިލް އިންތިހާބުގައި ރާއްޖެ އިން ބޭރުގައި އެއްވެސް ވޯޓް ފޮއްޓެއް ނުބެހެއްޓުމަށް އިލެކްޝަން ކޮމިޝަންއިން ނިންމައިފި އެވެ.
އިލެކްޝަންސް ކޮމިޝަންގެ މެމްބަރު އަހުމަދު އަކްރަމް މިއަދު ސަން އަށް ވިދާޅުވީ އެކޮމިޝަނުން މިއަދު ނިންމާފައި ވަނީ އަންނަ ޖެނުއަރީމަހު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބުގައި ރާއްޖެ އިން ބޭރުގައި އެއްވެސް ވޯޓް ފޮއްޓެއް ނުބެހެއްޓުމަށް ކަމަށެވެ.
އަކްރަމް ވިދާޅުވީ އެގޮތަށް ނިންމާފައި ވަނީ ދުނިޔޭގެ އެހެން ގައުމުތަކުގައި ލޯކަލް ކައުންސިލް އިންތިހާބުތަކުގެ ކަންކަން އެކަންކަން ކުރިއަށްގެންދަނީ އެގައުމެއްގައި އެކަނި ކަމަށްވާތީ ކަމަށެވެ.
"ކަމާ ބެހޭ ފަރާތްތަކާއި މަޝްވަރާ ކުރުމަށް ފަހު އަޅުގަނޑުމެން މިނިންމީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި އެކަނި ވޯޓްލުން ކުރިއަށްގެންދާނީ ރާއްޖޭގައި އެކަނި ކަމަށް،" އަކްރަމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ރާއްޖޭގެ ކޮންމެ ސަރަހައްދެއްގައި ވެސް ކުރިއާއި އެއްގޮތަށް ވޯޓްލުމުގެ ކަންކަން ކުރިއަށްގެންދާނެ ކަމަށެވެ.
ރާއްޖޭގައި އެންމެ ގިނަ ބަޔަކު އިންތިހާބް ކުރާ ލޯކަލް ކައުންސިލް އިންތިހާބު އޮތީ އަންނަ އަހަރު ޖެރުއަރީ މަހުގެ 14 ވަނަ ދުވަހު އެވެ.