ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރު ރީކޯ މުސާ މަނިކު އެމްއެންބީސީގެ ޗެނަލް ވަންގެ ލައިބްރަރީ ތެރޭ، އާކައިވްތަކާ ކުޅުއްވަން އިންނަވަނިކޮށް ފޮޓޯ ނަގައި ލީކުކޮށްލި ކަމަށް ތުހުމަތުކޮށް އެމްއެންބީސީގެ ޔޫތު ޓީވީ ހިންގެވުމާ ހަވާލުވެހުންނެވި އެސިސްޓެންޓް މެނޭޖާ އިބްރާހިމް މުއާޒް ވަޒީފާއިން މިއަދު ވަނިކޮށްފި އެވެ.

މިކަމުގައި އެމްއެންބީސީގެ ބަހެއް ސަން އަށް ލިބޭ ގޮތެއް ނުވި އެވެ. އެތަނުގެ އިސްވެރިޔަކު މީޑިއާގައި ވިދާޅުވެފައިވަނީ، ރީކޯ މޫސަގެ ފޮޓޯ ލީކުކޮށްލި މައްސަލައާ މުއާޒް ވަޒީފާއިން ވަކިކުރަން ނިންމި ނިންމުމާ ގުޅުމެއް ނެތް ކަމަށެވެ.

މުއާޒް މިއަދު ވިދާޅުވީ، ވަޒީފާއިން ވަކިކުރި ސަބަބެއް ކަމަށް ޗިޓުގައި ބުނެފައިވަނީ "ކުންފުންޏަށް ހިޔާނާތްތެރިވެފައިވާ ކަމަށް ބެލެވޭ އަމަލުތައް" އޭނާގެ ކިބައިން ފެނިފައިވާތީ ކަމަށާއި އަދި ވަޒީފާގައި އިތުރަށް ހުރެއްޖެނަމަ ކުންފުންޏަށް ގެއްލުންވެދާނެ ކަމަށް ފެންނާތީ ކަމަށެވެ.

ނަމަވެސް، މިހާތަނަށް ވަޒީފާގެ އެއްވެސް މައްސަލައެއް ދިމާވެފައި ނޯންނާނެ ކަމަށާއި ޗިޓުގައި އޭނާގެ މައްޗަށް ހިޔާނާތުގެ ތުހުމަތުކޮށްފައިވަނީ މޫސަގެ ފޮޓޯ ލީކުކޮށްލި މައްސަލައާ ގުޅުވައިގެން ކަމަށް ބެލެވޭ ހެކިތައް އެބަހުރި ކަމަށް ވެސް މުއާޒް ވިދާޅުވި އެވެ. އެގޮތުން މޫސަގެ މައްސަލައާ ގުޅޭ ގޮތުން ސުވާލު ކޮށްފައިވާ ކަމަށާއި ފޮޓޯތައް ލީކުކުރީ އޭނާ ކަމަށް އޮފީހުން ތުހުމަތުކޮށް، ސުވާލުކޮށްފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.

"މިހާރު ދެ އަހަރު މިވަނީ އެތަނުގައި މަސައްކަތްކުރާތާ. އަޅުގަނޑާ ހަވާލުކޮށްފައި އޮތީ ޔޫތު ޓީވީ އުފެއްދުމާ ހިންގުން. އެކަމުގައި އެއްވެސް މައްސަލައެއް ނުޖެހޭ. އެހެންވެ ]ޗިޓުގައި[ ހިޔާނާތް ތެރިވިއޭ އެބުނާ ވާހަކަ ނިސްބަތްވަނީ އެމީހުން އެކުރާ ތުހުމަތާ. އެމީހުން މީގެ ދެތިން ދުވަހެއް ކުރިން އަޅުގަނޑު ހާޒިރުކޮށް ސުވާލުކުރި ރީކޯ މޫސަގެ އެއްޗެހި މީޑިއާ އަށް ލީކުކޮށް ހެދިންތޯ؟ އެހެންވީމަ އެކަން ކުރި ކަމަށް އެމީހުން އަޅުގަނޑަށް ތުހުމަތުކުރަންޏާ ބުނެފާނެތާ އަޅުގަނޑު ހިޔާނާތްތެރިވީއޭ،" ކުރީގައި ދިޓީވީގައިވެސް މަސައްކަތްކޮށްފައިވާ މުއާޒް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، އޭނާ އެ ފޮޓޯތައް ލީކު ނުކުރާ ކަމަށާއި ކުއްލިއަކަށް އޭނާ ވަކިކުރީ "ސިޔާސީ ކުލަވަރުތަކެއް ޖެހިގެން" ކަމަށް ގަބޫލުކުރެވޭ ކަމަށެވެ. އެހެންކަމުން އެ މައްސަލައާ މެދު އަމަލުކުރާނެ ގޮތުގެ ގާނޫނީ ލަފާ ހޯދަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ؛ "އަޅުގަނޑު މިހާރު ގާނޫނީ މާހިރުންގެ ލަފާ ހޯދަމުން މިދަނީ. އަޅުގަނޑުގެ ހައްގު ހޯދާނަން،"

ކުރީ ސަރުކާރުގެ ދުވަސްވަރު ޓީވީއެމްގައި ވަޒީފާ އަދާކުރަމުންދަނިކޮށް ވެސް މުއާޒް ވަޒީފާއިން ވަކިކޮށްފައިވެ އެވެ. އެ މައްސަލަ ކޯޓަށް ހުށަހެޅުމުން އޭނާ ވަޒީފާއިން ވަކިކުރީ ގަވައިދާ ހިލާފަށް ކަމަށް ކަނޑައަޅައި، ބަދަލު ދިނުމަށް ކޯޓުން އޭރު ހުކުމްކޮށްފައިވެ އެވެ.