ނިއު ދިއްލީ (ސެޕްޓެމްބަރު 26): ކަޝްމީރުގައި އިންޑިއާ އިން ވެރިކަންކުރާ ފަޅީގައިވާ އުރީ ޓައުންގައި ތިބި އިންޑިއާގެ 18 ސިފައިން މަރާލުމާ ގުޅިގެން ޕާކިސްތާނާ ހަނގުރާމަ ކުރަން ތައްޔާރަށް އޮތް ކަމަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވިދާޅުވެއްޖެ އެވެ.

އުރީގައި ހުރި އިންޑިއާގެ އަސްކަރީ ބޭސްއަކަށް ދިން ހަމަލާއަށް އިޝާރަތް ކުރައްވައި ފުރަތަމަ ފަހަރަށް ވާހަކަފުޅު ދައްކަވަމުން މޯދީ ވަނީ ޕާކިސްތާނަށް ބަހުގެ ހަމަލާތައް ދެއްވައި އެ ހަމަލާގައި ޒިންމާވާ ބަޔަކަށް އަދަބު ނުދީ ދޫކޮށްނުލައްވާނެ ކަމަށް ވިދާޅުވެފަ އެވެ.

އުރީގައި ހަމަލާ ދިން ސަރަހައްދުން ފެނުނު ގްރެނޭޑުތަކާއި ކާނާ ބަންދުކޮށްފައިވާ ޕެކެޖުތަކުގައި ޕާކިސްތާނުގެ ނިޝާންތައް ހުރި ކަމަށް ބުނެ އިންޑިއާ އިން ވަނީ އެހަމަލާ ދީފައި ވަނީ ޕާކިސްތާނުން ކަމަށް ތުހުމަތުކޮށްފަ އެވެ.

މޯދީގެ ވާހަކަފުޅުގައި އޭނާ ވަނީ ދުނިޔެ އިން ޕާކިސްތާނު އެކަހެރި ކުރުމަށް ކުރެވެން އޮތް ހުރިހާ ކަމެއްކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ. އަދި ފާއިތުވި މަސްތަކުގެ ތެރޭގައި ޕާކިސްތާނުން ވަނީ އިންޑިއާ އަށް ޓެރަރިސްޓުން ފޮނުވަން 17 ފަހަރެއްގެ މަތިން މަސައްކަތް ކޮށްފައި ކަމަށާއި ނަމަވެސް އިންޑިއާގެ އަސްކަރިއްޔާ އިން ވަނީ އެމީހުން ނާކާމިޔާބު ކޮށްފަ ކަމަށް ވިދާޅުވެފަ އެވެ.

"ޕާކިސްތާނުގެ ރައްޔިތުންނަށް އަޅުގަނޑު ބުނެލަން ބޭނުން އެގައުމާ ހަނގުރާމަ ކުރަން އިންޑިއާ އިން ތައްޔާރަށް އޮތްކަން. ހިތްވަރު ހުރިއްޔާ ފަގީރުކަމާ ހަނގުރާމަ ކުރަން ފަށަންވީ. މޮޅުވަނީ ކޮންބައެއްތޯ ބަލަން ހިނގާ،" މޯދީ ވިދާޅުވި އެވެ.

ޕާކިސްތާނުގެ ބޮޑުވަޒީރު ނަވާޒު ޝަރީފު ވަނީ އުރީގައި ދިން ހަމަލާގެ ޒިންމާ އެއްވެސް ހެއްކަކާ ނުލައި އިންޑިއާ އިން ޕާކިސްތާނުގެ ބޮލުގައި އެޅުވުމުން އިންޑިއާއަށް ފާޑުވިދާޅުވެފަ އެވެ. އަދި އެހަމަލާއަކީ ކަޝްމީރުގެ ހާލަތު ހުރި ގޮތުން އާއްމުން ދިން ރައްދެއް ކަމަށް ވެދާނެ ކަމަށް ވިދާޅުވެފަ އެވެ. (ޓައިމްސްއޮފްއިންޑިއާ)