26 Sep 2016, 15:04
ޗައިނާގެ ސިޔާސީ މަސްރަހު އޮތް ގޮތުން މުޅި ދުނިޔޭގެ އިގްތިސާދަށް ނުރައްކާ ވެދާނެ ކަމުގެ އިންޒާރު އިންޓަނޭޝަނަލް މަނިޓަރީ ފަންޑުގެ ކުރީގެ ޗީފް އިކޮނޮމިސްޓު ކެން ރުގޮފް ދެއްވައިފި އެވެ.
ކެން ވިދާޅުވި ގޮތުގައި ދުނިޔޭގެ އިގްތިސާދުގެ އެންމެ މުހިއްމު އެއް ގުނަވަން ކަމަށްވާ ޗައިނާ މިސްރާބު ޖަހާފައި ވަނީ ސިޔާސީ ބޮޑު އިންގިލާބަކާ ދިމާލަށް ކަމަށާއި އެއީ މުޅި ދުނިޔޭގެ އިގްތިސާދަށް އޮތް ބޮޑު ނުރައްކަލެއް ކަމަށެވެ.
"ޗައިނާގެ އިގްތިސާދު ދަނީ ވަރަށް ހީނަރު ވަމުން. އެގައުމުގެ އިގްތިސާދު ދަށަށް ގޮސްދާނެ ކަމަށް ލަފާ ކުރެވުނު މިންވަރަށް ވުރެ ދަށަށް ދާ މަންޒަރު މިހާރު ފެނިގެންމިދަނީ،" ކެން ވިދާޅުވި އެވެ.
އޭނާ އިތުރަށް ވިދާޅުވީ ޗައިނާ ކުރިއަށް ދަނީ ދަރަނި ވެރިވެގެން ލޯނު ފަދަ މާލީ އެހީ ހޯދައިގެން ކަމަށެވެ. ނަމަވެސް އެއީ ދާއިމަށް ފައިދާ ކުރާނެ ކަމެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.
ބޭންކް އޮފް އިންޓަނޭޝަނަލް ސެޓްލްމެންޓްސް އިން މިދިޔަ ހަފްތާތެރޭގައި ހާމަ ކުރި ގޮތުގައި ޗައިނާގެ ދަރަނީގެ މިންވަރު ހުރީ އެގައުމުގެ ބޮލަކަށް ޖެހޭ މިންވަރުގެ 30 ޕަސެންޓްގަ އެވެ. އަދި މިއީ އެ ގައުމު އިގްތިސާދަށް ވަރަށް ނުރައްކާތެރި ފިގާއެއް ކަމަށް ވެސް އެ ބޭންކުން ބުނެފައިވެ އެވެ.
ބޭންކް އޮފް އިންގްލޭންޑުގެ ފިނޭންޝަލް ޕޮލިސީ ކޮމިޓީން ހާމަކޮށްފައިވާ ގޮތުގައި އެ އަދަދަކީ ބައިނަލްއަގުވާމީ ނަޒަރަކުން ބަލާއިރު ވަރަށް ބޮޑު އަދަދެއް ކަމަށެވެ.
ޗައިނާގައި ތިބި އިނގިރޭސި ވިލާތުގެ ބޭންކުތަކާއި ވިޔަފާރިތަކުން ޗައިނާ އަށް 530 ބިލިއަން ޑޮލަރު، ލޯނުގެ ގޮތުގައި ދޫކުރުމުގެ ގާބިލްކަން ލިބިފައިވެ އެވެ. އެއީ އިނގިރޭސި ވިލާތުގެ ބޭންކުތަކުގެ ފޮރިން އެސެޓްގެ 16 ޕަސެންޓެވެ.
ކެން ވަނީ ޗައިނާގެ އިގްތިސާދަށް އަންނަ ބަދަލާ ގުޅިގެން ދުނިޔޭގެ އިގްތިސާދަށް އައިސްދާނެ ބަދަލު އައުމަށް ވުރެ ކުރިން އެމެރިކާއާއި ޔޫރަޕްގެ ގައުމުތައް އެގައުމުތަކުގެ އަމިއްލަ ފައިމައްޗަށް ތެދުވެ ތިބުމަށް އިލްތިމާސްކޮށްފަ އެވެ.