ރާއްޖޭގެ ހުރިހާ ވިޔަފާރިއަކީ ވެސް ތިމާވެއްޓާ ރަހުމަތްތެރި ގޮތެއްގައި ކުރާ ވިޔަފާރިތަކަކަށް ހަދައި ދިނުމަށް ވިޔަފާރިވެރިންނަށް ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު އިލްތިމާސްކުރައްވައިފި އެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ދުނިޔޭގައި މިއަދު ފާހަގަކުރަމުން ގެންދާ، ތިމާވެށީގެ ދުވަހުގެ މުނާސަބަތުގައި ދެއްވި ހިތޯބެއްގަ އެވެ.

ރައީސްގެ ހިތޯބުގައި ތިމާވެށީގެ ދުވަސް ފާހަގަކުރާއިރު އެންމެ އިސްކަމެއް ދޭންވީ ރާއްޖޭގެ ނާޒުކު ތިމާވެށި ހިމާޔަތްކޮށް ރައްކާތެރިކުރުމަށް އިތުރު މަސައްކަތްތައް ކުރުމަށް އަޒުމުކަނޑައަޅާ ދުވަހެއްގެ ގޮތުގައި ކަމަށާއި ލިބުނު ގެއްލުމުގެ ވާހަކަތައް ދެއްކުމަށްވުރެ ބޮޑަށް، ބަލަންވީ އިތުރު ގެއްލުންތައް ނުވާނެފަދަ ގޮތަކަށް، އަމަލުތައް ބެހެއްޓުމުގެ މުހިންމުކަމުގެ މައްޗަށް ކަމަށް ފާހަގަ ކުރެއްވެވި އެވެ.

"... ތިމާވެއްޓާ ރަހުމަތްތެރި ގޮތުގައި އިޤްތިސާދީ ނަފާ ހޯދިދާނެކަން، މިއަދު މިވަނީ އަޅުގަނޑުމެންނަށް އެނގި ކަށަވަރުވެފައި، ތިމާވެއްޓާ ރަހުމަތްތެރި ގޮތުގައި އުފައްދާ އުފެއްދުންތަކަށް ދުނިޔޭގެ ބާޒާރުގައި މަތީ އަގު ލިބެމުންދޭ،" ރައީސްގެ ހިތޯބުގައި ވެއެވެ.

ރައީސް ވިދާޅުވީ ރާއްޖޭގެ އިގުތިސާދުގެ އެންމެ މުހިންމު އެއް ތަނބަކީ ޓޫރިސްޓުން ކަމަށާއި ޒަމާނުއްސުރެ ޓޫރިޒަމް ގުޅިފައިވަނީ، ރާއްޖޭގެ ރީތި ގޮނޑުދޮށްތަކާއި، ސާފު ރީތި މޫދައި، މުރަކައިގެ ބަގީޗާތަކަށް ކަމަށެވެ. ރާއްޖޭގެ ކަނޑުތަކުގެ ދިރުމުގެ މައި އިންޖީނަކީ، މުރަކައިގެ ފަރުތައް ކަމަށާއި އެފަރުތައް ދެމިއޮވެ، އާލާވުމަށް ވަކި ފިނި ހޫނުމިނެއް ބޭނުންވާ ކަމަށްވެސް ރައީސް ވިދާޅުވި އެވެ.

ބައިނަލްއަޤްވާމީ މައިދާނުގައި، ތިމާވެށީގެ ރޮނގުން ރާއްޖެ އަދާކުރަމުންދާ ދައުރަކީ، މިއަދު ޤައުމުތަކުން ބަލައިގަނެފައިވާ ދައުރެއްކަމުގައި ވެފައިވާ ކަމަށާއި ބައިނަލްއަޤްވާމީ މުޖްތަމައުގައި ތިމާވެއްޓާ ގުޅޭ ގޮތުން ނިންމޭ މުހިންމު ނިންމުންތަކުގައި ރާއްޖެއަކީ ކިތަންމެ ކުޑަ ޤައުމެއް ނަމަވެސް، އެ ނިންމުންތަކުގައި ބޮޑު ހިއްސާއެއް އަދާކުރާ ޤައުމަކަށް މިއަދު ރާއްޖެވެފައިވާކަމީ، އެކަމުގެ އުފާ ކޮންމެ ދިވެއްސަކަށް ވެސް ލިބޭނެ ކަމެއް ކަމުގައި ވެސް ރައީސް ވިދާޅުވި އެވެ.

" އެނގިވަޑައިގަންނަވާނެ ފަދައިން، 2020 ވަނަ އަހަރު ދިވެހިރާއްޖެ ކާބަން ނިއުޓްރަލް ޤައުމަކަށް ހެދުމަށް، ސަރުކާރުން ވަނީ މަސައްކަތްތަކެއް ފައްޓާފައި. ސަރުކާރުގެ އެ ސިޔާސަތުގެ ދެ މަގްސަދެއް ހިމެނޭ. އެއް މަގްސަދަކީ، ދުނިޔޭގެ މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ގޮތުން ރާއްޖެފަދަ ކުޑަ ޤައުމަކުން ބައިނަލްއަޤްވާމީ ފެންވަރުގައި އިސް ދައުރެއް އަދާކުރުން،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ގުދުރަތީ ވަސީލަތްތަކަކީ އިގުތިސާދުގެ އެއް އަސާސްކަމުގައިވާއިރު ތިމާވެށީގެ މައްސަލަތައް ހައްލުކުރެވެން އަންނަނީ އިގުތިސާދީ ހައްލުތަކުގެ ތެރެއިން ކަމަށާއި ޖައްވަށް ދޫކުރެވޭ ވިހަ ގޭސް ބޭރުކުރެވޭ މިންވަރު ދަށްކުރެވޭނީ ގުދުރަތީ ވަސީލަތްތައް ބޭނުންކުރެވޭ ގޮތް ނުވަތަ އިގުތިސާދީ އަސާސްތައް ބަދަލުކުރެވިގެން ކަމަށެވެ.

ރާއްޖެ ކާބަން ނިއުޓްރަލް ޤައުމަކަށްވުމަށް ނިންމި ދެ ވަނަ މަގުސަދަކީ، ހަކަތަ އުފެއްދުމަށް ރާއްޖެއިންކުރާ ބޮޑު ހޭދައަށް ލުޔެއްގެނެސް، ރާއްޖޭގެ އިގުތިސާދު ރަނގަޅު ކުރުން ކަމަށްވެސް ރައީސް ވިދާޅުވި އެވެ.
" އިގުތިސާދީ އެ ބަދަލުތަކުގެ ތެރެއިން ތިމާވެށީގެ މައްސަލަތައް ހައްލުކުރުން. ހަގީގީ ތަރައްގީއަކީ ތިމާވެއްޓާއި ރަށްޓެހި ހަކަތައާއި ވަސީލަތްތަކުން ލިބޭ ކުރިއެރުމެއް. އެ ލަނޑުދަނޑިއަށް ވާސިލްވުމަށްޓަކައި، އަޅުގަނޑުމެންގެ ސިޔާސަތުތަކަށް ގެންނަންޖެހޭ ބަދަލުތައް ގެނެސް އެކަން ތަންފީޒުކުރުމުގެ މަސައްކަތްތައް ސަރުކާރުން މިހާރު މިދަނީ ކުރަމުން،"

ހިތޯބުގައި ރާއްޖޭގެ ހަކަތައާ ގުޅޭ މައްސަލަތައް އިގުތިސާދީ ގޮތުން ހައްލުކޮށް، އެކަންތައްތައް އިތުރަށް ހަލުވިކަމާއެކު ތަންފީޒުކޮށް، ހަކަތައާ ގުޅޭ މަސައްކަތްތައް ހަރުދަނާ ގޮތެއްގައި ހިންގުމަށްޓަކައި ''ރިނިއުބަލް އެނާޖީ އިންވެސްޓްމަންޓް އޮފީސް'' އެ ނަމުގައި އޮފީހެއް އުފެއްދުމަށް ސަރުކާރުން މިހާރު ވަނީ ނިންމާފަ އެވެ. އެ އޮފީސް އުފެއްދުމަށް ނިންމި އެންމެ މުހިންމު މަގުސަދަކީ، ރާއްޖޭގެ ހަކަތައާ ގުޅޭ ގޮތުން ކުރެވޭ މަސައްކަތްތައް، ހަރުދަނާ ގޮތެއްގައި ކުރިއަށް ގެންދިއުން ކަމަށް ރައީސް ވިދާޅުވި އެވެ.