އީ ގަވަމަންޓްގެ ނިޒާމް ހަރުދަނާކުރުމާ ގުޅޭގޮތުން ސިވިލް ސާވިސް ކޮމިޝަނުން ނޭޝަނަލް ސެންޓަރ ފޯ އިންފޮމޭޝަން ޓެކްނޮލޮޖީ (އެންސީއައިޓީ) އާ އެކު މަޝްވަރާކޮށްފި އެވެ.

އިއްޔެ ސިވިލް ސާވިސް ކޮމިޝަނުގައި ބޭއްވި މަޝްވަރާ ބައްދަލުވުމުގައި މަޝްވަރާ ކޮށްފައިވަނީ މިހާރު ބޭނުންކުރަމުންދާ އީގަވަރމަންޓް ޕޯޓަލްގައި ހުރި މައްސަލަތައް ހައްލުކޮށް، އެ ނިޒާމުގެ ތެރެއިން އިތުރު ފަސޭހަތައް ލިބޭނެ އިންތިޒާމްތައް ހަމަޖެއްސުމާ ބެހޭގޮތުންނެވެ.

ސިވިލް ސާވިސް ކޮމިޝަނުން ބުނީ އީގަވަރމެންޓު ނިޒާމުގެ ބޭނުންކޮށްގެން އޮފީސް ހިންގުން ހަރުދަނާކޮށް، ހިންގުމުގެ ޚަރަދުތައް ކުޑަކުރުމާ ބެހޭގޮތުންވެސް އެ ބައްދަލުވުމުގައި މަޝްވަރާކޮށްފައިވާ ކަމަށެވެ.

އެ ކޮމިޝަނުން ބުނީ މިހަފްތާތެރޭގައި އިތުރު މަޝްވަރާގެ ބައްދަލުވުމެއް ބާއްވާނެ ކަމަށެވެ.

އެ ބައްދަލުވުމުގައި ސިވިލް ސަރވިސް ކޮމިޝަނުގެ ރައީސާއި މެންބަރުންނާއި އަދި ސިވިލް ސަރވިސް ކޮމިޝަނުގެ އިސް މުވައްޒަފުންނާއި އެންސީއައިޓީގެ އިސްވެރިން ބައިވެރިވެ ވަޑައިގެންފައިވެ އެވެ.