ދުނިޔޭގައި ހުޅުވާ އެންމެ ފުރަތަމަ ކަނޑުއަޑީގެ ހޮޓާ ރާއްޖޭގެ ރިސޯޓެއް ކަމަށްވާ ޒެން ރިސޯޓުގައި ހުޅުވުމަށް ނިންމައިފި އެވެ.

ކަނޑުގެ ހަ މީޓަރު އަޑީގައި ބިނާ ކުރާ މި ހޮޓަލުގައި 22 ކޮޓަރި ހުންނާނެ ކަމަށްވެ އެވެ. ޕޮލޭންޑްގެ ކުންފުންޏެއް ކަމަށްވާ ޑީޕް އޯޝަން ޓެކްނޮލޮޖީސްއިން ގާއިމް ކުރާ މި ހޮޓާ އެޅުމަށް ނިންމާފައި ވަނީ ކަނޑުއަޑީގައި ހޮޓަލެއް ބިނާ ކުރުމަށް ބޭނުންވާ ޓެކްނޮލޮޖީތައް ޓެސްޓު ކުރުމަށް ފަހު އެންމެ އެކަށީގެންވާ މާހައުލެއް ހުރީ ރާއްޖޭގައި ކަމަށްވުމުންނެވެ.

މިއީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތް ފުޅާވެ ކުރިއަރަމުން އަންނަ ކަމުގެ އަލި ގަދަ ހެއްކެކެވެ. އަދި ފަތުރުވެރިކަން އިތުރަށް ކުރިއަށް ގެންދިއުމަށް ގިރާ ކުރެވޭ މުހިއްމު ހަރުފަތެއް ވެސް މެ އެވެ.

ޑިސްކް ޝޭޕަށް، ވަށްކޮށް ފަރުމާ ކުރެވިފައިވާ މި ހޮޓަލުގައި ލިފްޓެއް ވެސް ހުރެ އެވެ. އެއީ ކަނޑުއަޑީގެ ކޮޓަރިތަކުން ކަނޑުގެ ސާފޭސް މަތީގައި ގާއިމްކުރާ ކޮޓަރިތަކަށް ދިއުމުގެ ބޭނުމުގައި ހުންނަ ލިފްޓެކެވެ.

މި ހޮޓަލަކީ ރާއްޖޭގެ އެހެން ރިސޯޓުތަކުން ފޯރުކޮށްދޭ ފަދަ ލަކްޒަރީ ޚިދުމަތްތައް ފޯރުކޮށްދޭ ހޮޓަލަކަށް ވެގެންދާނެ ކަމަށް ލަފާ ކުރެވެ އެވެ.

ރާއްޖޭގައި މިފަދަ ހޮޓަލެއް ގާއިމް ކުރުމަށް ނިންމާފައިވާ އިރު ދުނިޔޭގެ އެންމެ ފުރަތަމަ ކަނޑުއަޑީގެ ރެސްޓޯރެންޓު ވެސް ހުޅުވާފައި ވަނީ ރާއްޖޭގައި އެވެ. އަދި ދުނިޔޭގެ ފުރަތަމަ ކަނޑުއަޑީގެ ސްޕާވެސް ހުޅުވާފައި ވަނީ ހަމަ ރާއްޖޭގައި އެވެ.