ެމިދިޔަ އަހަރު ފެބުރުއަރީ މަހުގެ ތެރޭގައި ރުބާރުގޭ ކައިރިން ހ. ހަންޑްރެޑްފްލާވާ ޖައިލަމް އަހްމަދު ޝާކިރު މަރާލި ކަމަށް ތުހުމަތު ކުރެވޭ ގއ. ވިލިނގިލީ ފިޔަޖަހާގޭ މުހައްމަދު ހުމައިދު ހޯދުމަށް އިންޓަޕޯލުން ރެޑްނޯޓިސް ނެރެފައި ވަނިކޮށް އޭނާ އަމިއްލަޔަށް ފުލުހުންނާ ހަވާލުވެއްޖެ އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލު 'ސަން' އަށް މިއަދު ވިދާޅުވީ ހުމައިދު އަމިއްލަޔަށް ސްރީލަންކާގައި ހުންނަ ދިވެހި ހައިކޮމިޝަނަށް ދިޔުމުން، ހައި ކޮމިޝަނު މެދުވެރިކޮށް މާލޭ ގެނެސް އޭނާ ހައްޔަރު ކޮށްފައިވާ ކަމަށެވެ. ހައްޔަރު ކުރީ މިމަހުގެ 24 ވަނަ ދުވަހު ކަމަށާއި އޭނާގެ ބަންދަށް ކްރިމިނަލް ކޯޓުން 15 ދުވަސް ޖަހާފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

ހުމައިދު އަމިއްލަޔަށް ފުލުހުންނާ ހަވާލުވެފައި މިވަނީ އޭނާ ހޯދުމަށް އިންޓްޕޯލްއިން ރެޑް ނޯޓިސް ނެރުނުތާ އަހަރަކަށްވުރެ ގިނަ ދުވަސްވީ ފަހުންނެވެ.

ޖައިލަމްގެ މަރާ ގުޅިގެން މިހާތަނަށް ތިން މީހެއްގެ މައްޗަށް ވަނީ ދައުވާ އުފުލައިފަ އެވެ. އެއީ ވ. ސިނަމާލެ 4 01-04 އިސްމާއީލް އަނީގު އާއި ސ. ފޭދޫ ވީނަސްވިލާ ނަސީބު ސައީދު އާއި ޏ. ފުވައްމުލައް ޖަމްނާ އަލީ އިރުފާނެވެ.

ނަސީބު ސައީދާއި އަލީ އިރުފާންގެ މައްޗަށް އުފުލާފައި ވަނީ ތޫނުއެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މަރާލުމުގައި ބައިވެރިވުމުގެ ދައުވާ އެވެ. އިސްމާއީލް އަނީގުގެ މައްޗަށް އުފުލާފައި ވަނީ ތޫނުއެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ކުށުގެ ދައުވާ އެވެ.

އެތިން މީހުންގެ މައްޗަށް ދައުލަތުން އުފުލި ދައުވާގައި ބުނެފައި ވަނީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ 21 ވަނަ ދުވަހުގެ ރޭ 10:00 އެހައިކަންހާއިރު ހ. ހަންޑްރެޑްފްލާވާ ގޭގެ ކައިރީގައި ޖައިލަމް ހުއްޓައި އިތުރު މީހަކާ އެކު އަނީގާއި ނަސީބާއި އިރުފާން ދެ ސައިކަލެއްގައި އެތަނަށް ދިޔަ ކަމަށެވެ. އަދި އަނީގާ އެކު ދިޔަ އިތުރު މީހާ ތިލައިގެ ދިގުމިނުގައި ގާތްގަނޑަކަށް 12 އިންޗި ހުންނަވަރުގެ ވަޅިއެއް ބޭނުންކޮށްގެން ޖައިލަމާ މެދު މާރާމާރީ ހިންގިއިރު، އަނީގު އޭނާގެ އަތުންނާއި ފައިން ޖައިލަމާ މެދު މާރާމާރީ ހިންގާފައިވާ ކަމަށް ވެސް ދައުވާގައި ވަނީ ބުނެފަ އެވެ.

އެ ތިން މީހުން ވެސް ވަނީ ދައުވާއަށް އިންކާރު ކޮށްފަ އެވެ.