26 Sep 2016, 12:37
މިދިޔަ ދުވަސްތަކުގެ ތެރޭގައި ބޭންކްތަކުން ދޫކުރި ލޯނުތައް 16 ޕަސެންޓް އިތުރުވެ 20 ބިލިއަން ރުފިޔާ އަށް އަރާފައިވާ ކަމަށް އެމްއެމްއޭގެ ގަވަރުނަރު އަޒީމާ އާދަމް ވިދާޅުވެއްޖެ އެވެ.
ކޮމާޝަލް ބޭންކް އޮފް މޯލްޑިވްސް (ސީބީއެމް) ހުޅުވުމަށް މިއަދު ހެނދުނު ހޮޓެލް ޖެންގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ގަވަރުނަރު އަޒީމާ ވިދާޅުވީ ރާއްޖޭގެ މާލީ ދާއިރާގެ ކުރިއެރުން ހުރީ ހަލުވި ދުވެލީގައި ކަމަށެވެ.
އެމްއެމްއޭގެ ތަފާސްހިސާބުތަކަށް އަލިއަޅުއްވާލައްވައި ގަވަރުނަރު ވިދާޅުވީ ބޭންކްތަކުގެ އެސެޓް ބޭސް 13 ޕަސެންޓަށް އިތުރުވެފައިވާ ކަމަށާއި ބޭންކްތަކުގެ ޑިޕޮސިޓާއި ރައުސްމާލު ވެސް އިތުރުވެފައިވާ ކަމަށެވެ. ފައިދާނުވާ ލޯނުތައް އަނބުރާ ދެއްކުން އިތުރުވުމުގެ ސަބަބުން ބޭންކްތަކުގެ ފައިދާ ވެސް 17 ޕަސެންޓް އިތުރުވެފައިވާ ކަމަށް ގަވަރުނަރު ވިދާޅުވި އެވެ.
"ރާއްޖޭގެ މާލީ ދާއިރާގެ ކުރިއެރުން މިހާރު މި ހުރީ ރަނގަޅަށް. އަންދާޒާ ކުރެވެނީ ވަރަށް ޕޮޒިޓިވްކޮށް. ބޭންކްތަކުން ދޫކޮށްފައި ހުރި ލޯނުތައް 16 ޕަސެންޓް އިތުރުވެ، 20 ބިލިއަނަށް މި ވަނީ އަރާފައި. މިއީ ރާއްޖެ އަށް އަންނަމުންދާ އިގްތިސާދީ ކުރިއެރުން ދައްކުވައިދޭ ކަމެއް. މި ދާއިރާ ކުރިއެރުމުގެ އަސްލަކީ ވެސް މިއީ،" ގަވަރުނަރު އަޒީމާ ވިދާޅުވި އެވެ.
އިތުރަށް ވާހަކަ ދައްކަވަމުން އަޒީމާ ވިދާޅުވީ، މިހާރަށް ވުރެ ބޮޑަށް މާލީ ދާއިރާގެ ވާދަވެރިކަން އިތުރުކުރަން ޖެހޭ ކަމަށެވެ. އަދި ޓެކްނޮލޮޖީގެ ޒަމާނީ ވަސީލަތްތައް ބޭނުންކޮށް ދިވެހި ހުރިހާ ރައްޔިތުންނަށް ބޭންކިން ހިދުމަތްތަކާއި މާލީ އެހެނިހެން ވެސް ހިދުމަތްތައް ލިބޭނެ ގޮތްތައް މަގުފަހި ކުރަން ޖެހޭ ކަމަށް އަޒީމާ ވިދާޅުވި އެވެ.
އަޒީމާ ވިދާޅުވީ ރާއްޖޭގެ މާލީ ދާއިރާއާ މެދު އާންމުންގެ ތެރޭގައި މިހާރަށް ވުރެ ބޮޑަށް އިތުބާރު އުފައްދަން ޖެހޭ ކަމަށެވެ. އަދި މާލީ މުއާމަލާތްތަކުގެ އިތުބާރު ދެމެހެއްޓުމަކީ ސަރުކާރަށް ޓަކައި ކޮށްދޭން ޖެހޭ ކަމެއް ނޫން ކަމަށާއި އެއީ މުޅި އެންމެހާ ރައްޔިތުންގެ ލާބަޔަށް މާލީ ދާއިރާގެ ކުރިއެރުމަށް ކޮންމެހެން މުހިންމު ކަމެއް ކަމަށް ވިދާޅުވި އެވެ.
މިއަދު އަލަށް ހުޅުވި ބޭންކަކީ ދިވެހިންގެ ބޮޑު ހިއްސާއެއް އޮންނަ ބޭންކަކަށް ވުމުން ރާއްޖޭގެ މާލީ ދާއިރާއަށް އިތުބާރު ބޮޑުވެގެން ގޮސް އެއީ މާލީ ދާއިރާއަށް ލިބޭ އިތުރު ކުރިއެރުމެއް ކަމަށް ގަވަރުނަރު އަޒީމާ ފާހަގަކުރެއްވި އެވެ.
މާލީ މުއާމަލާތްތައް ވީހާ ވެސް ހާމަކަންބޮޑުކޮށް އިތުބާރު ހުރި ގޮތެއްގައި ކުރުމާއި ބޭންކިން ސެކްޓާގެ ނަޒާހަތްތެރިކަން ކަށަވަރު ކުރަން އެމްއެމްއޭ އިން އަޅަން ޖެހޭ ފިޔަވަޅުތައް އަޅާނެ ކަމަށް އަޒީމާ ވިދާޅުވި އެވެ. މާލީ ދާއިރާ ހަރުދަނާކުރުމުގެ އިތުރަށް އެ ދާއިރާ ކުރިއަރުވަން ގެންނަން ޖެހޭ ބަދަލުތައް ވެސް ގެންނަމުން ދާނެ ކަމުގެ ޔަގީންކަން ގަވަރުނަރު ދެއްވި އެވެ.