05 Jun 2011, 16:19
ނިޔުޔޯކް: އެޗްއައިވީ އާއި އެއިޑްސް ޖެހިފައިވާ 34 މިލިޔަން މީހުން މިހާރު ދުނިޔޭގައި އެބަތިބި ކަމަށް އދ. ން ބުނެފިއެވެ.
ދުނިޔެއިން އެއިޑްސް ބަލި ފެނުނުތާ 30 އަހަރު ފުރުމުގެ މުނާސަބަތާގުޅިގެން ނެރުނު ޚާއްސަ ބަޔާނެއްގައި އދ. ން ބުނީ ވޭތުވެދިޔަ 30 އަހަރު ތެރޭގައި 60 މިލިޔަން މީހުންނަށް އައިޑްސްބަލި ޖެހިފައިވާއިރު އެބަލީގައި 26 މިލިޔަން މީހުން މަރުވެފައިވާ ކަމުގައެވެ.
އދ. ގެ ރިޕޯޓް ބުނާގޮތުން ދުނިޔޭގެ އެކި ޤައުމުތަކުގައި 7 މިލިޔަން ކުޑަކުދިންނަށް އެޗް އައި. ވީ. އާއި އެއިޑްސްބަލި ޖެހިފައިވާއިރު އެބަލީގައި މައިން ބަފައިން މަރުވުމުގެ ސަބަބުން 16 މިލިޔަން ކުޑަކުދިން ޔަތީމް ވެފައިވާ ކަމުގައެވެ.
2015 ވަނަ އަހަރުގެ ކުރިން އެއިޑްސް ބަލިފެތުރުން ހުއްޓުވުމަށް އދ. ން މަސައްކަތް ކުރަމުން ގެންދާއިރު މި ލަނޑުދަނޑި ޙާސިލް ކުރުމާ ދެކޮޅަށް ވަރަށް ބޮޑެތި ގޮންޖެހުންތަކެއް އެބަހުރި ކަމަށް ތަޖްރިބާކާރުން ވިދާޅުވެއެވެ.
އދ. ން ގެންދަނީ އެއިޑްސް ބައްޔާ ދެކޮޅަށް ދުނިޔޭގެ ޤައުމުތަކުން މަސައްކަތްކުރާ މިންވަރު ވަޒަން ކުރުމުގެ މަހާސިންތާއެއް އަންނަ ބުދަ ދުވަހު އދ. ގެ މައިމަރުކަޒުގައި ބޭއްވުމަށް ތައްޔާރުވަމުންނެވެ. މިމަހާސިންތާގައި ދުނިޔޭގެ ޤައުމުތަކުގެ އިސްވެރިން ބައިވެރިވެ ވަޑައިގަތުމަށް ހަމަޖެހިފައިވެއެވެ. -- އަލްޖަޒީރާ / ޖަވާދު