26 Sep 2016, 12:52
އދ. މަޖިލިސް (ސެޕްޓެމްބަރު 26) : ސޫރިޔާގެ ހާލުގައި ޖެހިފައިވާ ފަސް ރަށަކަށް އިންސާނީ އެހީ ފޯރުކޮށްދީފި ކަމަށް އިންޓަނޭޝަނަލް ރެޑް ކޮރޮސް ޖަމާއަތުން ބުނެފި އެވެ.
އެޖަމާއަތުން ބުނީ ހަނގުރާމައިގާ ހާލުގައި ޖެހިފައިވާ ސޫރިޔާގެ ހަތަރު ރަށްކަމަށްވާ މަޟާޔާ، ކަފްރިއްޔާ، ފޫއާ އަދި ޒަބަދާނީ އަށް ޖުމްލަ 70 ލޮރީގެ އެހީގެ ތަކެތި ފޯރުކޮށްދެވިއްޖެ ކަމުގަ އެވެ. މިހަތަރު ރަށުގައި ތިބި އިންސާނީ އެހީއަށް ބޭނުންވެފައިވާ މީހުންގެ އަދަދު 70 ހާހަށް އަރާކަމަށް ވެއެވެ. މަޟާޔާ، ކަފްރިއްޔާ، ފޫއާ އަދި ޒަބަދާނީ އަކީ ސޫރިޔާގެ ހުޅަނގު އުތުރުގެ ޕްރޮވިންސެއްކަމަށްވާ އިދްލިބް އަށް ނިސްބަތްވާ ހަތަރު ރަށެވެ.
މިރަށްތަކުގެ ތެރޭން ކަފްރިޔާ އަދި ފޫޢާ އަކީ 2015 ވަނަ އަހަރުގެ އެޕްރީލް މަހުން ފެށިގެން ސޫރިޔާގެ އިދިކޮޅު ހަނގުރާމަވެރި ޖަމާއަތްތަކުގެ ޙިސާރުގެ ދަށުގައިވާ ދެރަށެވެ. އަނެއް ދެރަށް ކަމަށްވާ މަޟާޔާއާއި ޒަބަދާނީ ވަނީ ސޫރިޔާ ސަރުކާރަށް ވާގިވެރިވާ ޖަމާއަތްތަކުގެ ހިސާރުގެ ދަށުގަ އެވެ. ހަނގުރާމައިގެ ސަބަބުން ހާލުގައިޖެހިފައިވާ ސޫރިޔާގެ ރައްތަކަށް އިންސާނީ އެހީ ފޯރުކޮށްދިނުމުގެ މަސައްކަތް ހަނގުރާމައިގެ ސަބަބުން 48 ގަޑީއިރަށް ހުއްޓާލުމަށް ފަހު މިހަފްތާ ފެށުމާ އެކު އަލުންވަނީ މިމަސައްކަތް ފަށައިފަ އެވެ.
ނަމަވެސް ހަނގުރާމަ އެންމެ ބޮޑަށް ހިނގަމުންދާ ހަލަބްގައި ތާށިވެފައިވާ ލައްކައަށް ވުރެ ގިނަ މީހުންނަށް އަދިވެސް ވަނީ އިންސާނީއެހީ ފޯރުކޮށްނުދެވި އެވެ. ހަލަބްގައި އިދިކޮޅު ހަނގުރާމަވެރިންގެ އަތްދަށުގައިވާ އަވަށްތަކަށް ސޫރިޔާ ސިފައިންނާއި ރަޝިޔާ ސިފައިން ދެމުން ގެންދާ ވައިގެ ޙަމަލާތަކުގެ ސަބަބުން އިންސާނީ އެހީފޯރުކޮށްދެވޭނެގޮތެއް އަދި ނެތްކަމަށް ސޫރިޔާގެ ރެޑް ކްރެސެންޓް ޖަމާއަތުންނާއި އދ. އިން ބުނެ އެވެ.
ހަލަބް އަށް އިންސާނީ އެހީ ހިފައިގެންދިޔަ އދ.ގެ ގާފިލާއަކަށް މިދިޔަ ހުކުރު ދުވަހު ދިން ވައިގެ ހަމަލާތަކެއްގައި އިންސާނީ އެހީގެ ދާއިރާގައި މަސައްކަތްކުރާ ބަޔަކު މަރުވެ އިތުރު ބަޔަކު މަރުވެފައިވެ އެވެ. މިއާ އެކު ހަލަބް އަށް ގެންދިޔުމަށް ތައްޔާރުކޮށްފައިވާ އެހީގެ ލޮރީތައްވަނީ ތުރުކީއާއި ސޫރިޔާގެ ސަރަހައްދީ ރޮނގުގެ ކައިރީގައި ތާށިވެފަ އެވެ.
ހަލަބް ގެ އާންމުންނަށް އިންސާނީ އެހީ ފޯރުކޮށްދިނުމަށްޓަކައި ހަމަލާތައް ވަގުތީގޮތުން ހުއްޓާލުމަށް ގޮވާލުމަށް އިއްޔެ ބޭއްވި އދ.ގެ ސަލާމަތީ މަޖިލީހުގެ ޖަލްސާ ވެސް ވަނީ ނާކާމިޔާބުވެގެން ނިމިފަ އެވެ. އެޖަލްސާގައި އެމެރިކާއާއި ރަޝިޔާއިން ވަނީ ސޫރިޔާގެ ހަނގުރާމަ ދިގުދަންމާ ކަމުގެ ތުހުމަތު އެއްގައުމު އަނެއް ގައުމަށް ކޮށްފައެވެ. އަދި އެޖަލްސާގައި ވާހަކަ ދެއްކެވި ސޫރިޔާގެ މަންދޫބު ވަނީ ހަލަބުން އިދިކޮޅު ޖަމާއަތްތައް ބޭރުވަންދެން ހަނގުރާމަ ކުރިޔަށްގެންދާނެ ކަމުގެ އިންޒާރު ދެއްވާފައެވެ. (ރޮއިޓާސް)