26 Sep 2016, 12:41
ޗެލްސީން އެ ޓީމުގެ ކުޅުން ރަނގަޅު ނުކޮށްފި ނަމަ މިދިޔަ ސީޒަނުގައި ދިމާވި ހިތި ތަޖުރިބާ މި ސީޒަނުގައި ވެސް ކުރަން ޖެހިދާނެ ކަމަށް އެ ޓީމްގެ ކޯޗު އެންޓޯނިއޯ ކޮންޓޭ ބުނެފިއެވެ.
އިނގިރޭސި ޕްރިމިއާ ލީގްގެ މިދިޔަ ސީޒަން ޗެލްސީން ނިންމާލީ ކުޅުނު 38 މެޗުގެ ތެރެއިން 14 މެޗުން މޮޅުވެ 12 މެޗުން ބަލިވެ ލިބުނު 50 ޕޮއިންޓާ އެކު ތާވަލުގެ 10 ވަނައިގައި އޮވެގެންނެވެ. މިސީޒަނުގައި މިހާތަނަށް ޗެލްސީ ހަ މެޗު ކުޅެފައިވާއިރު އެ ޓީމް އޮތީ ތިން މެޗުން މޮޅުވެ އެއް މެޗު އެއްވަރުކޮށް ދެ މެޗުން ބަލިވެ ލުބުނު 10 ޕޮއިންޓާއި އެކު ތާވަލުގެ އަށް ވަނައިގައެވެ.
"އަހަރެމެން އެބަ ޖެހޭ ވަރަށް ބޮޑުތަން ރަނގަޅު ކުރަން މިއަށް ވުރެން މައްޗަށް ޖެހެން ބޭނުން ނަމަ. ޗެލްސީގެ އަމާޒަކީ ތާވަލުގެ މެދުގައި އޮތުމެއް ނޫން. ތާވަލުގެ އެންމެ ކުރިއަށް އަރަން ބޭނުންވަނީ،" ކޮންޓޭ ބުންޏެވެ.
ކޮންޓޭ ބުނީ އެ އަމާޒަށް ވާސިލްވުމުގައި އެންމެ އިސްދައުރެއް އަދާކުރެވޭނީ އޭނާއަށް ވުރެން ދަނޑަށް އަރާ ޗެލްސީގެ ކުޅުންތެރިންނަށް ކަމަށާއި ކޮންމެ ކުޅުންތެރިއަކު ވެސް އެކުޅުންތެރިއެއްގެ އެންމެ މޮޅު ކުޅުން ދައްކައިގެން ޗެލްސީ މޮޅުކޮށްދޭން ޖެހޭ ކަމަށެވެ.
ޗެލްސީ ވަނީ ލީގުގައި އެންމެ ފަހުން ވާދަވެރި އާސެނަލް އާއި ލިވަޕޫލާ ދެކޮޅަށް ކުޅުނު މެޗުން ވެސް ބަލިވެފައެވެ.
"ޗެލްސީއިން އެންމެ ފަހުން ކުޅުނު ދެމެޗުން ވެސް ބަލިވުމުން އަހަރެން މިހުރީ ވަރަށް ރުޅި ގަދަވެފަ. ނަމަވެސް އަހަރެން މިހުރީ އެ ރުޅި މައިތިރި ކޮށްގެން. އަހަރެމެންގެ ކުޅުމާއި މެދު އެއްވެސް ވަރަކަށް ހިތްހަމަ އެއް ނުޖެހޭ،" ކޮންޓޭ ބުންޏެވެ.
އިޓަލީގެ ގައުމީ ޓީމަށް އެންމެފަހުން ކޯޗުކަން ކޮށްދިން ކޮންޓޭ ޗެލްސީއާ ހަވާލުވީ މިދިޔަ ސީޒަނުގައި އެ ޓީމްގެ ކޯޗުކަމުން މޮރީނިއޯ ވަކިކުރުމަށް ފަހު މި ސީޒަނަށެވެ.
ޗެލްސީއަށް ކުރިއަށް އޮތީ ވެސް ވަރަށް ވަރުގަދެ ދެ މެޗެވެ. އަންނަ މަހު އެއްވަނަ ދުވަހު ހަލް ސިޓީއާ ދެކޮޅަށް ކުޅޭ މެޗަށް ފަހު ދެން އޮތީ އެންމެ ފަހުގެ ޗެމްޕިއަން ލެސްޓާ ސިޓީ އާއި މޮރީނިއޯގެ އިރުޝާދުގެ ދަށުން ކުޅެމުންދާ މެންޗަސްޓާ ޔުނައިޓެޑާ ދެކޮޅަށް ކުޅޭ މެޗެވެ.