26 Sep 2016, 12:21
މޫސުމާ ގުޅުން ހުރި މޫސުމީ ކާރިސާތަކުން ދިމާވާ ނުރައްކާތައް ދުރާލާ ލަފާކުރުމަށް ވާންޖެހޭ ތައްޔާރީތައް ވުމަށް ދުނިޔޭގެ މޫސުމާ ބެހޭ ޖަމިއްޔާއާ ގުޅިގެން އިމްޕެކްޓް ބޭސްޑް ފޯކާސްޓާ ބެހޭ މަސައްކަތު ބައްދަލުވުމެއް މިއަދު ފަށައިފި އެވެ.
ޗަމްޕާ ސެންޓްރަލް ހޮޓެލްގައި މިއަދުން ފެށިގެން ތިން ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ އެ މަސައްކަތު ބައްދަލުވުމުގައި ރާއްޖޭގައި އިމްޕެކްޓް ބޭސްޑް ފޯކާސްޓްގެ ހިދުމަތް ކުރިއަށް ގެންދެވިދާނެ ގޮތްތައް ދެނެގަނެ އެ މަސައްކަތް ފެށުމަށް ދުނިޔޭގެ މޫސުމާ ބެހޭ ޖަމިއްޔާ އިން އެހީތެރި ވެދޭނެ ކަމަށް މޫސުމާ ބެހޭ ޖަމިއްޔާ އިން ބުންޏެވެ.
އެ މަސައްކަތު ބައްދަލުވުން ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އެންވަޔަރަންމަންޓް މިނިސްޓަރު ވިދާޅުވީ ރާއްޖޭގެ މީޓިއަރޮލޮޖިކަލް ސާވިސްގެ ހިދުމަތް ރަނގަޅު ކުރުމަށް ވޭތުވެ ދިޔަ އަހަރުތަކުގެ ތެރޭގައި ގިނަ މަސައްކަތްތަކެއްކޮށް ކުރިއެރުންތަކެއް ހޯދާފައިވާ ކަމަށެވެ.
ރާއްޖޭގެ ދެ ސަރަހައްދެއްގައި 1942 ވަނަ އަހަރު ވަރަށް އާދައިގެ ސްޓޭޝަނަކުން ފެށި އެ ހިދުމަތުގައި މިހާރު ފުޅާކޮށް އިތުރު ތިން ސަރަހައްދެއްގައި ދޭ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ. އެގޮތުން ހަނިމާދޫ، ކައްދޫ އަދި ކާޑެއްދޫގައި 20 އޮޓޮމެޓިކް މޫސުމާބެހޭ ސްޓޭޝަންތައް ގާއިމް ކޮށްފައިވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

އިމްޕެކްޓް ބޭސްޑް ފޯކާސްޓާ ބެހޭ މަސައްކަތު ބައްދަލުވުން ފެށުމުގެ ރަސްމިއްޔާތުގައި މިނިސްޓަރު ވާހަކަފުޅު ދައްކަވަނީ --- ސަން ފޮޓޯ/ އިހްތިޝާމް މުހައްމަދު
"އިމްޕެކްޓް ބޭސްޑް ފޯކާސްޓިން ހިދުމަތުގެ ސަބަބުން ގުދުރަތީ ކާރިސާއެއް ކުރިމަތި ވުމުގެ ކުރިން އެކަށީގެންވާ ރައްކާތެރި ކަމުގެ ފިޔަވަޅު އެޅުމަށް ފަސޭހަ ވެގެންދާނެ،" މިނިސްޓަރު ވިދާޅުވި އެވެ.
މޫސުން ކުރިއަށް ލަފާކުރުމަކީ "އިމްޕެކްޓް-ފޯކާސްޓް"ގެ އެއްބައި ކަމުން މޫސުން ކުރިއަށް ލަފާ ކުރާ ފެންވަރު ރަނގަޅު ކުރުމަކީ އެ ހިދުމަތް ދިނުމަށް ވަރަށް މުހިއްމު ކަމެއް ކަމަށް މެޓް އޮފީހުން ބުނެ އެވެ. އަދި އިމްޕެކްޓް ބޭސްޑް ފޯކާސްޓް ކުރަން ދުނިޔޭގައި ފަށާފައި ވަނީ ކާރިސާތަކުން ލިބޭ ގެއްލުން ކުޑަކުރުމުގައި ހަރަކާތްތެރިވާ ބޭފުޅުންނާއި އާއްމު ރައްޔިތުންނަށް ވެސް އެފަދަ ފޯކާސްޓްގެ ބޭނުން ހިފައިގެން ލިބޭ ގެއްލުން ކުޑަކުރުމަށް އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމަށް ކަމަށް ވެސް އެ އޮފީހުން ބުނެ އެވެ.
ތިން ދުވަހުގެ އެ މަސައްކަތު ބައްދަލުވުމުގައި އިމްޕެކްޓް މެޓްރިކްސް އަދި މިޓިގޭޝަން އެޑްވައިސް މެޓްރިކްސް ތައްޔާރު ކުރުމަށް ހަމަޖެހިފައިވެ އެވެ.
އެ މަސައްކަތު ބައްދަލުވުމުގައި މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސްއާއި ދުނިޔޭގެ މޫސުމާ ބެހޭ ޖަމިއްޔާގެ އިތުރުން ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް ސެންޓަރާއި އެމް އެންޑީއެފް އަދި ކަމާގުޅޭ އޮފީސްތަކާއި ކުންފުނިތައް ބައިވެރިވެ އެވެ. އޭގެ އިތުރުން ބައެއް މީޑިއާތަކާއި ކާރިސާތަކުން ލިބޭ ގެއްލުން ކުޑަކުރުމުގައި ހަރަކާތްތެރިވާ ފަރާތްތަކުގެ މަންދޫބުން ވެސް އެ ބައްދަލުވުމުގައި ބައިވެރިވެ އެވެ.