26 Sep 2016, 12:24
މެންޗަސްޓާ ސިޓީގެ ބެލްޖިއަމް ފޯވާޑް ކެވިން ޑެ ބްރޫންއަށް އަނިޔާވެ ހަތަރު މަސް ދުވަހަށް ކުޅުމާ ދުރަށް ދާން ޖެހިއްޖެއެވެ.
ލީގުގައި އެންމެ ފަހުން ސިޓީ އިން ސްވޮންސީ ސިޓީއާ ދެކޮޅަށް ކުޅުނު މެޗުގެ 81 ވަނަ މިނެޓްގައި އުމުރުން 25 އަހަރުގެ ޑެ ބްރޫންއަށް ވަނީ އަނިޔާވެގެން ބަދަލުކޮށްފައެވެ. މެޗަށް ފަހު ސިޓީއިން ބުނީ، ޑެބްރޫންގެ ފައިގެ ކުޑަކަޅުވާއަށް އަނިޔާވެފައިވާ ކަމަށާއި އަނިޔާއިން ސަލާމަތްވެ ކުޅުމުގެ ތެރެއަށް އައުމަށް ހަތަރު ހަފްތާ ނަގާނެ ކަމަށެވެ.
ގާތްގަޑަކަށް މަހެއްހާ ދުވަހަށް ޑެބްރޫން ކުޅުމާ ދުރަށް ދާން ޖެހިފައިވާއިރު ލީގްގައި ސިޓީއިން ސެލްޓިކާއި ޓޮޓެންހަމް ހޮޓްސްޕާ އަދި އެވަޓަން އާއި ދެކޮޅަށް ކުޅޭ މެޗުގައި ވެސް އޭނާއަށް ނުކުޅެވޭނެއެވެ. އަދި އޭގެ ފަހުން އަންނަ މަހު 19 ވަނަ ދުވަހު ޗެމްޕިއަންސް ލީގްގައި ބާސެލޯނާ އާ ދެކޮޅަށް ކުޅޭ މެޗުގައި ވެސް ޑެބްރޫންއަށް ކުޅެވޭނެ ކަމާއި މެދު މިހާރު ވަނީ ސުވާލު އުފެދިފައެވެ.
ޕެޕް ގާޑިއޯލާގެ އިރުޝާދުގެ ދަށުން ސީޓީއިން ލީގްގައި މިހާތަނަށް ހަ މެޗު ކުޅެފައިވާއިރު އެ ހަ މެޗު ވެސް ވަނީ އެ ޓީމުން ކާމިޔާބު ކޮށްފައެވެ. ހަ މެޗުގައި ވެސް ޑެބްރޫން ވަނީ ކުޅެ ދެ ގޯލު ކާމިޔާބްކޮށްދީފައެވެ.
ޑޭ ބްރޫން އަކީ ގާޑިއޯލާއަށް ސިޓީގައި އެންމެ ކަމުދާ އެއް ކުޅުންތެރިޔާއެވެ. އޭނާއާ ގުޅޭ ގޮތުން ވާހަކަ ދައްކަމުން ގާޑިއޯލާ މީގެ ކުރިން ބުނީ އޭނާ އިރުޝާދު ދިން ކުޅުންތެރިންގެ ތެރެއިން ބާސެލޯނާގެ ލިއޮނަލް މެސީ ނަގާފައި ދެން އެންމެ މޮޅު ކުޅުންތެރިއަކީ ޑެ ބްރޫން ކަމަށެވެ.