އައްމާން (ސެޕްޓެމްބަރު 26): އިސްލާމް ދީނާ ދެކޮޅު ކާޓޫނު ކުރެހުމާ ގުޅިގެން ދައުވާ ކޮށްފައިވާ އުރުދުންގެ ލިޔުންތެރިއެއް ކަމަށްވާ ނާހިދު ހައްތާރުގެ ގަޔަށް ބަޑި ޖަހައި މަރާލައިިފި އެވެ.

ޖިހާދީންނަށް ހަޖޫ ޖަހާފައިވާ ކާޓޫނެއް ފޭސްބުކުގައި ޕޯސްޓު ކުރުމާ ގުޅިގެން މިދިޔަ އޮގަސްޓު މަހުގެ 13 ވަަނަ ދުވަހު ހައްޔަރު ކުރުމަށް ފަހު ކަފާލާތުގެ ދަށުން ދޫކޮށްލާފައިވާ ހައްތާރު މަރާލީ ކޯޓު އަޑު އެހުމަކަށް ހާޒިރުވި ވަގުތު ކަމަށް ފުލުހުން ބުންޏެވެ.

"އޭނާ ބަޑި ޖެހީ ނާހިދުއާ ގާތްގަނޑަކަށް އެއް މީޓަރު ދުރުގައި ސުޕްރީމް ކޯޓުގެ ސިޑި މަތީ ހުރެ،" މަންޒަރު ދުށް މީހަކު ބުންޏެވެ.

ފުލުހުން ވަނީ ހާތިރުގެ ގަޔަށް ބަޑި ޖެހި މީހާ ހައްޔަރުކޮށްފަ އެވެ.

މިދިޔަ މަހު ހާތިރު އެކާޓޫނު ޕޯސްޓު ކުރުމާ ގުޅިގެން ގިނަ ބަޔަކު ނުރުހުން ފާޅުކުރި އެވެ. އެއަށް ފަހު ހާތިރު ވަނީ އެ ކާޓުނު ޑިލިޓް ކުރުމަށް ފަހު އެއީ ޓެރަރިސްޓުންނަށް ހަޖޫ ޖަހާފައިވާ ކާޓޫނެއް ކަމަށް ބުނެފަ އެވެ. (އަލްޖަޒީރާ)