05 Jun 2011, 16:14
ބެންޣާޒީ: ލީބިޔާގެ ޒަޢީމް މުޢައްމަރުލް ޤައްޒާފީގެ ވެރިކަން ވަައްޓާލުމަށް މަސައްކަތްކުރާ އެ ޤައުމުގެ އިދިކޮޅު ފަރާތްތަކުގެ މަރުކަޒު ކަމަށްވާ ބެންޣާޒީއަށް އިނގިރޭސި ޚާރިޖީ ވަޒީރު ވިލިޔަމް ހެގް ވަޑައިގެންފިއެވެ.
ބެންޣާޒީގައި ދެއްވި ބަޔާނެއްގައި ހެގް ވިދާޅުވީ އޭނާ ބެންޣާޒީއަށް ވަޑައިގެންނެވީ ގައްޒާފީގެ ވެރިކަމާ ދެކޮޅަށް މަސައްކަތްކުރާ ލީބިޔާގެ އިންތިޤާލީ މަޖިލީހަށާއި ލީބިޔާގެ ރައްޔިތުންނަށް އިނގިރޭސި ސާރުކާރުގެ ތާއީދުއޮތްކަން ހާމަކުރުމުގެ ގޮތުން ކަމުގައެވެ.
މިމޭރުމުން ވާހަކަ ދައްކަވަމުން ގައްޒާފީގެ ވެރިކަން ވައްޓާލުމަށް މަސައްކަތްކުރާ ލީބިޔާގެ އިންތިޤާލީ މަޖިލީހަކީ ލީބިޔާ ރައްޔިތުން ތަމްޘީލްކުރާ ހަމައެކަނި ފަރާތްކަމަށް ހެގް ސިފަކުރެއްވިއެވެ.
ހެގް ގެ އަރިހުގައި އިނގިރޭސިވިލާތުގެ ބައިނަލްއަޤްވާމީ ތަރައްޤީއާބެހޭ ވަޒީރު އެންޑްރޫ މިޝައިލްވެސް ބެންޣާޒީއަށް ޒިޔާރަތް ކުރެއްވިއެވެ. މިއީ ލީބިޔާގެ އިދިކޮޅު ފަރާތްތަކުގެ މަރުކަޒު ކަމަށްވާ ބެންޣާޒީއަށް މިފެންވަރުގެ އިނގިރޭސި މަސްއޫލުވެރިއަކު ޒިޔާރަތް ކުރެއްވި ފުރަތަމަ ފަހަރެވެ.
މިފަހަކަށް އައިސް ގައްޒާފީގެ ސަރުކާރާއެކުވެސް ގާތްގުޅުންތަކެއް ބޭއްވި އިނގިރޭސިވިލާތުން ގައްޒާފީގެ ބަދަލުގައި އޭނާއާ އިދކޮޅު ފަރާތްތަކާ ގުޅުންތައް ބަދަހި ކުރަމުން މިގެންދަނީ ދެންގައްޒާފީގެ ސަރުކާރު މާގިނަ ދުވަސްތަކަށް ދެމިނޯންނާނެ ކަމަށް ލަފާކުރެވޭތީ ކަމަށް މުޙައްލިލުން ދެކެއެވެ.
ލީބިޔާއެކޭ އެއްގޮތަށް ޔަމަނާއި ސޫރިޔާގެ ރައްޔިތުން އެޤައުމުތަކުގެ ސަރުކާރުތަކާ ދެކޮޅަށް ތެދުވަމުންގެން ދާއިރު އެދެޤައުމުގެ ބަދަލުގައި ހުޅަނގުން ލީބިޔާއަށް ޚާއްސަ ސަމާލުކަމެއްދީ އަދި ލީބިޔާއަށް ވަންނަމުންދަނީ ތެލުގެ ދަހިވެތިކަމުގައި ކަމަށް ބައެއް ފަރާތްތަކުން ތުހުމަތުކުރެއެވެ. -- އަލްޖަޒީރާ