26 Sep 2016, 12:10
އެންމެ ފަހުން މެންޗަސްޓާ ޔުނައިޓެޑް ކުޅުނު މެޗުގައި ކެޕްޓަން ވޭން ރޫނީ އިނީ ބެންޗްގައެވެ. އެކަމަށް ގިނަ ފަރާތްތަކަކުން ތަފާތު ގޮތްގޮތަށް ވާހަކަ ދައްކާއިރު ކްރިސް ސްމޯލިން ބުނީ އަދިވެސް އެ ޓީމްގެ ހުރީހާ ވެސް މީހަކީ ރޫނީ ކަމަށެވެ.
ޔުނައިޓެޑް މިދިޔަ ހޮނިހިރު ދުވަހު ޗެމްޕިއަން ލެސްޓާ ސިޓީއާ ދެކޮޅަށް ނިކުތް އިރު އޭގެ ކުރިން އެޓީމް ލީގުގައި ކުޅުނު ދެ މެޗުން ވެސް ވަނީ ބަލިވެފައެވެ. އެހެންކަމުން މޮޅުވާން މަޖުބޫރު މެޗެއްގެ ގޮތުގައި ޔުނައިޓެޑް ނިކުތް އެ މެޗަށް، ކޯޗު ހޯޒޭ މޮރީނިއޯ ނެގި ސްކޮޑުން ރޫނީއަށް ޖާގަ ނުދިނުމުން ރޫނީގެ ކުރިމަގާ މެދު ވަނީ ގިނަ ސުވާލުތަކެއް އުފައްދާފައެވެ.
އެކަމާއި ގުޅޭ ގޮތުން ވާހަކަ ދައްކަމުން ޔުނައިޓެޑްގެ އިނގިރޭސި ޑިފެންޑަރު ސްމޯލިން ބުނީ ރޫނީ ބެންޗްގައި އިން ނަމަވެސް އެހެން މެޗުތަކާ ހިލާފަށް އެ މެޗުގައި ތަފާތު އެއްވެސް ކަމެއް އޭނާގެ ފަރާތުން ނުފެންނަ ކަމަށާއި ރޫނީ ހުރީ ޓީމާ އެކު ކަމަށެވެ.
"ކޮންމެ ހާލަތެއްގައި ކޮންމެ ގޭމެއްގައި ވެސް ރޫނީ ޓީމުގައި ހިމެނުނު ނަމަވެސް ނުހިމެނުނު ނަމަވެސް އޭނާގެ މާބޮޑު ކަންބޮޑުވުމެއް ނޯންނާނެ. އެހެންވެ އަހަރެމެން އަބަދުވެސް ބުނަނީ ރޫނީ އަކީ ޔުނައިޓެޑްގެ އިތުރުން އިނގިރޭސި ޓީމްގެ ވެސް މައި ތަނބޭ،" ސްމޯލިން ބުންޏެވެ.
މިދިޔަ ސީޒަނާ އަޅައިބަލާއިރު މި ސީޒަނުގައި ރޫނީގެ ފަރާތުން އެންމެ އެދެވޭ މޮޅު ކުޅުން އަދި ފެނިގެން ނުދާއިރު ޔުނައިޓެޑްގެ ތާރީހްގައި އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިއާއަށް ވުމަށް ރޫނީއަށް ބޭނުން ވަނީ އެންމެ ހަތަރު ގޯލެވެ.
ލެސްޓާ ސިޓީ އަތުން 1-4ގެ ނަތީޖާ އަކުން މޮޅުވި މެޗަށް ފަހު ރޫނީ އާ ބެހޭގޮތުން މޮރީނިއޯ ވެސް ވަނީ ވާހަކަ ދައްކާފައެވެ. މޮރިނިއޯ ބުނީ އަދި ވެސް އޭނާގެ މީހަކީ ރޫނީ ކަމަށާއި ރޫނީއަށް އޭނާ ފުރިހަމައަށް އިތުބާރު ކުރާ ކަމަށެވެ.
"ޔުނައިޓެޑް މި އޮތް ހާލަތު ރޫނީއަށް ވަރަށް ރަނގަޅަށް އެނގޭނެ. އޭނާ އަކީ ޔުނައިޓެޑްގެ އިތުރުން އިނގިރޭސިންގެ ވެސް އެންމެ މުހިންމު ކުޅުންތެރިއާ. ރޫނީ ވަނީ އެކަން އޭނާގެ ޑިސިޕުލިން އިން ވެސް ދައްކުވައިދީފަ،" މޮރީނިއޯ ބުންޏެވެ.
ޔުނައިޓެޑަށް ދެން އެންމެ އަވަހަށް މެޗެއް އޮންނާނީ ޔޫރޮޕާ ލީގްގައި އަންނަ ހުކުރު ދުވަހު ޒޮރީޔާ އާއި ދެކޮޅަށް ކުޅޭ މެޗެވެ. އެމެޗުގެ ފުރަތަމަ 11 އިން ރޫނީ ފެނުމުގެ ފުރުސަތު ވަރަށް ބޮޑެވެ.