26 Sep 2016, 09:59
އަންނަ އަހަރު ޖުމްލަ 1000 ޒުވާނަކަށް ޓުއަރިޒަމް ދާއިރާގެ މަސައްކަތުގެ ދާއިރާއިން އެޕްރެންޓިސްޝިޕް ޕްރޮގްރާމު ހިންގަން ހަމަޖައްސާފައިވާ ކަމަށް މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އޭޖެންޓްސް އެންޑް ޓްރެވެލަ އޮޕަރޭޓާސް (މަޓާޓޯ) އިން ހާމަކޮށްފި އެވެ.
ޗަންޕާ ސެންޓްރަލް ހޮޓަލުގައި ރޭ ބޭއްވި އެ އެސޯސިއޭޝަންގެ އަހަރީ އާންމު ޖަލްސާގައި ވާހަކަ ދައްކަވަމުން އެސޯސިއޭޝަންގެ ރައީސް އަބްދުﷲ ޣިޔާޒް އިޔާޒް ވިދާޅުވީ 2017 ވަނަ އަހަރުގެ ތެރޭގައި ފަތުރުވެރިކަމުގެ އެކި ދާއިރާތަކުން ވަޒީފާތަކަށް މަގުފަހި ކުރުމުގެ ގޮތުން ގައުމީ ފެންވަރުގައި ޕްރޮގްރާމެއް ފަށަން ހަމަޖައްސާފައިވާ ކަމަށެވެ. އެގޮތުން ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ފަރާތްތަކާ ގުޅިގެން ސްކޫލް ނިންމާފައިވާ ދަރިވަރުންނާއި ގްރެޖުއޭޓްވާ 1000 ދަރިވަރުންނަށް އެޕްރެންޓިސްޝިޕް ޕްރޮގްރާމެއް ފަށަން ހަމަޖައްސާފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން މަޓާޓޯގެ 2017 ވަނަ އަހަރުގެ ކަލަންޑަރުގައި ކުރަން ރާވާފައިވާ ކަންތައްތަކުގެ ތެރޭގައި ރާއްޖޭގައި އިންޓަނޭޝަނަލް ލިޓެރަރީ ފެސްޓިވަލެއް ބޭއްވުމާއި ޗައިނާ އާއި އިންޑީއާގައި ރޯޑް ޝޯ ބޭއްވުމުގެ އިތުރުން ޓްރެވަލް އޭޖެންޓުންނަށް ޚާއްސަ އިންޝުއަރެންސް ސްކީމެއް ތައާރަފް ކުރުން ހިމެނެއެވެ.
މީގެ އިތުރުން އަންނަ އަހަރު މަޓާޓޯއިން ކުރަން ރާވާފައިވާ ފާހަގަކޮށްލެވޭ އަނެއް ކަމަކީ، "މަޓާޓޯ ޓްރެވަލް އެވޯޑްސް - ދަ ޕީޕަލްސް އެޑިޝަން" ތައާރަފް ކުރުމެވެ. އަދި 10 އިންޓަނޭޝަނަލް ޓްރެވަލް އެކްޒިބިޝަންސް ބޭއްވުމަށް ވެސް އެ އެސޯސިއޭޝަނުން ވަނީ ނިންމާފައެވެ.