26 Sep 2016, 09:53
އަލް ގުދުސް (ސެޕްޓެމްބަރު 26): ފަލަސްތީނުގެ ހުޅަނގު އައްސޭރީގައި ހުންނަ ދެ ނޫސް އޭޖެންސީއެއްގެ ފަސް ނޫސްވެރިއެއްގެ ފޭސްބުކް އެކައުންޓު އެއްވެސް ސަބަބަކާ ނުލައި ބްލޮކް ކޮށްފި ކަމަށް އެ ނޫސް އޭޖެންސީތަކުން ބުނެފި އެވެ.
މިދިޔަ ހަފްތާ ތެރޭގައި ފޭސްބުކުން ބްލޮކް ކޮށްފައި ވަނީ އިސްރާއީލުން ހިފާފައިވާ ފަލަސްތީނުގެ ބިންތަކުގައި ހިނގާ ހާދިސާތައް ރިޕޯޓު ކުރާ ޝިހާބް ނޫސް އޭޖެންސީ އަށް ނިސްބަތްވާ ތިން އެޑިޓަރުންނާއި ގުދުސް ނޫސް ނެޓްވޯކަށް ނިސްބަތްވާ ތިން ނޫސްވެރިންގެ އެކައުންޓެވެ.
ޝިހާބް ނޫސް އޭޖެންސީއަށް ފޭސްބުކުން 6.3 މިލިއަން ލައިކްސް ލިބިފައިވާ އިރު ގުދުސް ނޫސް ނެޓްވޯކަށް 5.1 މިލިއަން ލައިކްސް ލިބިފައިވެ އެވެ.
ގުދުސް ނޫސް ނެޓްވޯކުގައި މަސައްކަތް ކުރާ ތަރުޖަމާނެއް އަދި ނޫސްވެރިއެއް ކަމަށްވާ ނިސްރީނު އަލް ޚާތިބު ބުނި ގޮތުގައި ނޫސްވެރިންގެ ފޭސްބުކު އެކައުންޓުތައް ބްލޮކު ކޮށްފައި ވަނީ މި މަހުގެ ކުރީ ކޮޅު އިސްރާއީލާއި ފޭސްބުކުން ހެދި އެއްބަސްވުމަކާ ގުޅިގެންނެވެ.
އިސްރާއީލުން ބުނި ގޮތުގައި އެއެއްބަސްވުމަކީ "ގާނޫނާ ހިލާފު އަމަލުތައް ކުރަން ހިތްވަރު ލިބޭ ގޮތަށް" ސޯޝަލް މީޑިއާގައި ފަލަސްތީނުގެ ރައްޔިތުން ދައްކާ ވާހަކަ ހުއްޓުވުމަށް ހަދާފައިވާ އެއްބަސްވުމެކެވެ.
ނިސްރީނު ބުނި ގޮތުގައި ފޭސްބުކުން އެއެކައުންޓުތައް ބްލޮކް ކުރުމުގެ ކުރިން، އެކައުންޓުތައް ބްލޮކް ކުރި ސަބަބެއް ބުނެ ދީފައި ނުވެ އެވެ. ނަމަވެސް އެ މައްސަލައާ ގުޅިގެން ތަފްސީލަށް އެދުމުން ފޭސްބުކުން ވަނީ އެއެކައުންޓު ބްލޮކް ކުރެވިފައި ވަނީ އޮޅިގެން ކަމަށް ބުނެ ބައެއް އެކައުންޓުތައް އަންބްލޮކް ކޮށްފަ އެވެ.
ނަމަވެސް ޝިހާބް ނޫސް އޭޖެންސީން ބުނި ގޮތުގައި އެއޭޖެންސީއަށް ނިސްބަތްވާ އެއް ނޫސްވެރިއެއްގެ އެކައުންޓް އަދިވެސް ވަނީ ބްލޮކް ކޮށްފަ އެވެ. އެނޫސް އޭޖެންސީއަށް ނިސްބަތްވާ ނޫސްވެރިއެއް ކަމަށްވާ މުބާރަކު ބުނި ގޮތުގައި އެއޭޖެންސީއަކީ ހުޅަނގު އައްސޭރި އާއި ގާޒާ އާއި ހިނގާ ކަންތަކުގެ އިތުރުން އިސްރާއީލުގައި ހިނގާ ކަންތަކުގެ ހަބަރުވެސް ގެނެސްދޭ އޭޖެންސީއެކެވެ.
"ހުޅަނގު އައްސޭރީގައި ފާއިތުވި ދުވަސްތަކުގެ ތެރޭގައި މީހުން މަރާފައިވުމުން އެ މީހުން ބޭނުން ނުވަނީކޮށް އެކަންތައް ރިޕޯޓު ކުރުން. އޭގެ ސަބަބުން ސޯޝަލް މީޑިއާގައި އެމީހުންގެ ނަން ހަޑިވެދާނެތީ އެކަންތަކުގެ ހެކި ފޮރުވަން ބޭނުންވަނީ ކަންނޭނގެ،" މުބާރަކު ބުންޏެވެ.
ގުދުސް ނޫސް ނެޓްވޯކުގެ ނޫސްވެރިޔާ ނިސްރީނު ބުނި ގޮތުގައި މީގެ ކުރިންވެސް ފޭސްބުކުން ވަނީ އެއްވެސް ސަބަބަކާ ނުލައި ފަލަސްތީނުގެ ފަސް ނޫސް ނެޓްވޯކަކަށް ނިސްބަތްވާ ފޭސްބުކު ޕޭޖުތައް ބްލޮކް ކޮށްފަ އެވެ. (އަލްޖަޒީރާ)