ހުޅުމާލެއަށް ބަނގުރާ އެތެރެ ކުރުން ހުއްޓުވުމަށް ހުޅުމާލޭ ފަޅުގައި އަޅާ ސަފާރީތައް މޮނީޓާ ކުރެވޭނެ އުސޫލެއް ވަރަށް އަވަހަށް އިއުލާން ކުރާނެ ކަމަށް ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން ބުނެފިއެވެ.

ހުޅުމާލެއަށް ސަފާރީތަކުން ބަނގުރާ އެތެރެކުރުމާއި ގުޅޭ ގޮތުން "ސަން"ގައި ޝާއިއު ކުރިރިޕޯޓަކާއިގުޅިގެން އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ސައިމަން ވިދާޅުވީ ހުޅުމާލޭ ފަޅު ބެލެހެއްޓުމަށް ހަރުދަނާ ގަވައިދެއް ހަދަމުން އަންނަ ކަމަށެވެ. ކުރިއަށް އޮތްތަނުގައި އެ ފަޅަށް ވަދެވޭނީ ހުއްދަ ދެވޭ ފަރާތަކަށް ފީއެއް ދައްކައިގެން ކަމަށާއި އުސޫލާއި ހިލާފުވާނަމަ ހުއްދަ ބާތިލުކުރެވޭނެ ކަމަށް ސައިމަން ވިދާޅުވި އެވެ.

އެ ގަވައިދާއެކު ސަފާރީތަކުން މިހާރު ނުގަވައިދަށް ކުރާ ކަންކަން ހުއްޓުވޭނެ ކަމަށް ސައިމަން ގަބޫލު ކުރައްވާއިރު ކުރިއަށް އޮތް ހަފްތާއެއްގެ ތެރޭގައި ގަވައިދު ނެރުމަށް ވަނީ ނިންމާފަ އެވެ.

"އެ ސަރަހައްދު ރެގިއުލޭޓް ކުރުމަށް ގައިޑްލައިނެއް ހަދައި އެބަ އިއުލާން ކުރަން، ކުރިއަށް އޮތް ހަފްތާއެއްގެ ތެރޭގައި ކުރެވޭނެ،" ސައިމަން ވިދާޅުވިއެވެ.

ހުޅުމާލެއަށް ބަނގުރާ އެތެރެކުރުންފަދަ ކަންކަން ހައްލު ކުރުމަށް ސަފާރީ ތަކުގެ އެސޯސިއޭޝަނުން އެދެނީ ސަފާރީތަކުން އަރފޭބުމަށް ވަކި ހާއްސަ ޖެޓީއެއް ހެދުމަށެވެ. އަދި އެތަނުގައި ބަލާ ފާސް ކުރުން ކުރިއަށް ގެންދިއުމަށެވެ.

އެކަމާ ގުޅޭ ގޮތުން ސައިމަން ވިދާޅުވީ ހުޅުމާލޭގައި ސަފާރީތަކަށް ވަކި ހާއްސަ ޖެޓީއެއް ހެދި ނަމަވެސް ޑިންގީގައި އެގި ދިމަދިމާލަށް ދިއުމުގެ ފުރުސަތު އެބަ އޮތް ކަމަށާއި އެވަރަށް އަދި ހުޅުމާލެ ތައްޔާރު ނުކުރެވޭ ކަމަށެވެ.

ހުޅުމާލެއަށް ބަނގުރާ އެތެރެ ކުރުން ވަނީ ވަރަށް އިތުރުވެފަ އެވެ. އަދި މަސްތުވެގެން އުޅޭ މީހުން ގިނައިން އެ އަވަށުން ފެނެ އެވެ. އެކަމުގެ ސަބަބުން ނުރައްކާތެރި އެކްސިޑެންޓްތައް ވެސް ހިނގަ އެވެ.