ކަޝްމީރުގައި އިންޑިއާ އިން ވެރިކަންކުރާ ފަޅީގައިވާ އިންޑިއާގެ އަސްކަރީ ބޭސްއަކަށް ހަތިޔާރު އަޅައިގެން ތިބި ބަޔަކު ދިން ހަމަލާއެއްގައި 17 ސިފައިން މަރާލި މައްސަލައާ ގުޅިގެން ހިންދީ ސިނަމާގައި މަސައްކަތް ކުރާ ޕާކިސްތާނު ފަންނާނުން އިންޑިއާ އިން ބޭރުކޮށްލާނެ ކަމުގެ އިންޒާރު މަހާރާޝްތުރަ ނަވްނިރްމަން ސޭނާ (އެމްއެންއެސް) އިން ވަނީ ދީފަ އެވެ.

މަހާރާޝްތުރަ ސަރުކާރު ހިންގާ ޕާޓީން ވަނީ ބޮލީވުޑަށް ނިސްބަތްވާ ޕާކިސްތާނު އެކްޓަރުން އިންޑިއާ އިން ނުކުތުމަށް 48 ގަޑިއިރު ދީފަ އެވެ. އަދި އެ މުހުލަތުގެ ތެރޭގައި އިންޑިއާ އިން ބޭރުނުވެއްޖެ ނަމަ، ގަދަކަމުން ބޭރު ކުރާނެ ކަމަށް ވެސް ވަނީ ބުނެފަ އެވެ.

އެމްއެންއެސްގެ އެ އިންޒާރާ ގުޅިގެން ބޮލީވުޑްގައި މަސައްކަތް ކުރާ ގިނަ ފަންނާނުން ވަނީ އެކަމާ ދެކޮޅަށް ވާހަކަ ދައްކައިފަ އެވެ.

އެގޮތުން ކާމިޔާބު ޕްރޮޑިއުސަރު އަދި ޑައިރެކްޓަރު ކަރަން ޖޯހަރު ބުނެފައި ވަނީ ޕާކިސްތާނު އެކްޓަރުން އިންޑިއާ އިން ބޭރު ކުރުމުން ޓެރަރިޒަމްގެ މައްސަލަ އަށް ހައްލެއް ނާންނާނެ ކަމަށެވެ.

ކަރަންގެ ކުރިއަށް އޮތް ފިލްމު "އޭ ދިލް ހޭ މުޝްކިލް" ގައި ޕާކިސްތާނު އެކްޓަރު ފަވާދު ޚާން ފެނިގެންދާތީ އޭނާ އަށް ވަނީ ފާޑުކިޔުންތައް އަމާޒުވެފަ އެވެ.

"ޕާކިސްތާނު އެކްޓަރުން އިންޑިއާ އިން ބޭރު ކުރުމަކީ ހައްލެއް ނޫން. ޓެރަރިޒަމްގެ މައްސަލަ ހައްލު ކުރެވޭނީ ހުރިހާ އެންމެން އެކަތިގަނޑަކަށްވެ މައްސަލަ ހައްލު ކުރުމަށް މަސައްކަތް ކުރުމުން،" ކަރަން ބުނެފައިވެ އެވެ.

ކަރަން ބުނީ އޭނާ އަކީ ފިލްމު އުފައްދާ މީހެއް ކަމަށާއި، އޭނާ ކުރާ މަސައްކަތަކީ މުޖުތަމައުގައި ލޯބި އިތުރު ކުރުން ކަމަށެވެ.

ބޮލީވުޑުގައި ފިޔަ ޖަހަމުން އަންނަ ޕާކިސްތާނު ފަންނާނުންގެ ތެރޭގައި ފަވާދް ޚާން، އަލީ ޒަފަރު، މާހިރާ ޚާން، ރާހަތު ފަތޭ އަލީ ޚާން، އިމްރާން އައްބާސް އަދި މަވްރާ ހޮކޭން ފާހަގަކޮށްލެވެ އެވެ.

ބައެއް ފަންނާނުން ވަނީ އެމީހުންނަށް ލިބުނު އިންޒާރާ ގުޅިގެން ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

ޕާކިސްތާނާއި އިންޑިއާ އިން ކޮންޓްރޯލް ކުރާ ކަޝްމީރުގެ ސަރަހައްދުތައް ވަކި ކުރާ ހުރަސް ރޮނގު ކައިރީ އޮންނަ އުރީ ޓައުންގައިވާ އިންޑިއާގެ އަސްކަރީ ބޭސްއަކަށް ހަތިޔާރު އެޅި ބަޔަކު ވަދެ ދިން ހަމަލާގެ ޒިންމާ ޕާކިސްތާނުން ނަގަން ޖެހޭ ކަމަށް އިންޑިއާ އިން ވަނީ ބުނެފަ އެވެ.

އެ ހަމަލާގައި 17 އިންޑިއާ ސިފައިން މަރުވެފައި ވާއިރު، ހަމަލާ ދިން ހަތަރު މީހުން ވެސް ވަނީ މަރާލައިފަ އެވެ.