"އޮޕަރޭޝަން ސަންސެޓް"ގެ ނަމުގައި ހަށިވިއްކާ ތަންތަނާ ގުޅޭ ގޮތުން ސަންގެ ނޫސްވެރިން ކުރި އަންޑަކަވާ ރިޕޯޓިންގެ މައްސަލަ ޕްރޮސެކިއުޓާ ޖެނެރަލް ]ޕީޖީ[ އޮފީހަށް ފޮނުވުމަކީ އިންވެސްޓިގޭޓިވް ޖާނަލިޒަމަށް އޮތް ފުރުސަތު ހަނިވެގެންދާނެ ކަމެއް ކަމަށް ބުނެ، އެއީ މީޑިއާ ކައުންސިލްގެ އިމުގެ ތެރޭގައި ހައްލުކުރެވިދާނެ ކަމަށް މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން ]އެމްޖޭއޭ[ އިން މިއަދު ބުނެފި އެވެ.

އެމްޖޭއޭ އިން ނެރެފައިވާ ނޫސް ބަޔާނެއްގައި ބުނެފައި ވަނީ ހަބަރުތަކުގެ ކޮންޓެންޓް މޮނީޓާ ކުރުމުގެ މެންޑޭޓް ލިބިފައިވާ މީޑިޔާ ކައުންސިލުން ސަންގެ ލިޔުންތައް ތަހުގީގު ކުރުމުގެ ބަދަލުގައި އެ މައްސަލަތައް ޕީޖީ އޮފީހަށް ފޮނުވުމަކީ "ހަށިވިއްކުމުގެ މަސައްކަތަށް" މީޑިޔާ އާއި އެހެން ފަރާތްތަކުގެ ސަމާލުކަން ކުޑަވެގެންދާނެ ކަމެއް ކަމަށެވެ. އަދި ސަންސެޓް އޮޕަރޭޝަނާ ގުޅިގެން އުފެދިފައިވާ މައްސަލަތައް މީޑިޔާ ކައުންސިލުގެ އިމުގެ ތެރޭގައި ހައްލު ކުރެވޭނެ ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.

ސަންގެ ނޫސްވެރިން ކޮށްފައިވާ އަންޑަކަވާ ރިޕޯޓިންގެ މަސައްކަތަކީ ދުނިޔޭގެ ނޫސްވެރިކަމުގެ ޕްރޮފެޝަނަލިޒަމްގެ ތެރެއިން އާންމުކޮށް ނޫސްވެރިން ކޮށް އުޅޭ އަދި އެ ގައުމުތަކުގެ ކަމާ ބެހޭ ފަރާތްތަކާއި އާންމުން ބަލައިގަންނަ ނޫސްވެރިކަމެއް ކަމަށް އެ ބަޔާނުގައިވެ އެވެ. އެގޮތުން ގޭންގުތަކާއި މަސްތުވާތަކެތީގެ ވިޔަފާރިކުރާ ގްރޫޕްތަކުގެ ތެރޭގައި ނޫސްވެރިން ޝާމިލްވެ އަންޑަކަވާ މައުލޫމާތުތައް ހޯދާ ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.

އެ ބަޔާނުގައި ބުނެފައި ރާއްޖޭގެ ސަގާފަތާއި ދިރިއުޅުމުގެ ވައްޓަފާޅި އާއި އިސްލާމް ދީނުގެ އަސްލުތަކަށް ބަލާއިރު އަހްލާގީ މިންގަނޑުގެ ތެރޭގައި މަސައްކަތްކޮށްގެން މެނުވީ އާންމު ރައްޔިތުން އެކަން ބަލައިނުގަތުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ. އެހެންކަމުން ސަންސެޓް އޮޕަރޭޝަނަކީ ކާމިޔާބު އޮޕަރޭޝަނެއް ނަމަވެސް އެ ކަމުގެ މައުލޫމާތު އާންމު ކުރި އިރު ރާއްޖޭގެ ވެއްޓާއި ދީނީ އުސޫލުތަކަށް ނުފެތޭ އިބާރާތްތައް ހުރިކަން ފާހަގަވެފައިވާ ކަމަށް އެ ބަޔާނުގައިވެ އެވެ.

"ސަންސެޓް އޮޕަރޭޝަނަކީ ކާމިޔަބު އޮޕަރޭޝަނަކަށް ވިޔަސް އެ އޮޕަރޭޝަނަށް ފަހު މައުލޫމާތުތައް އާންމު ކުރި އިރު ރާއްޖޭގެ ވެއްޓާއި ދީނީ އުސޫލުތަކަށް ނުފެތޭ އިބާރާތްތަކާއި މަންޒަރުތައް ސިފަވާ ގޮތަށް ލިޔެފައި ހުރުމުން އެކަން ވަނީ ފާހަގަ ކުރެވިފައި،" އެމްޖޭއޭގެ ބަޔާނުގައިވެ އެވެ.

މީގެ އިތުރުން އެ ބަޔާނުގައި ވަނީ ޒަމާނާ އެކު ރާއްޖެ އަށް އައި ތަރައްގީގެ ތެރޭގައި ދިވެހި ސަގާފަތާއި ދީނީ އަސްލުތަކަށް ނުފެތޭ ސްޕާތަކާއި ނާސިގެތަކާއި ނައިޓް ކްލަބް ފަދަ ތަންތަން ތައާރަފްވެ ސިއްރާއި ފާޅުގައި އެތަންތަން ހިންގަމުންދާ ކަމަކީ ފެންނަން އޮތް ހަގީގަތެއް ކަމަށެވެ. ހެދުން އަޅާ ސްޓައިލާއި ފިލްމުތަކާއި ބައެއް ވީޑިއޯ ލަވަތަކުގައި ގައިގޯޅިވެ ބެއްދުމަކީ އާންމުވެފައިވާ ކަމެއް ނަމަވެސް އެކަންތައް ބައެއްގެ ލޯތަކަށް އަޅައިގަންނަ ކަމަކަށް ނުވި ނަމަވެސް ސަންގެ ލިޔުންތަކާ މެދު ވަރަށް ގިނަ ބައެއް ހިޔާލު ތަފާތުވެފައިވާ ކަމަށް ވެސް އެ ބަޔާނުގައި ބުނެފައިވެ އެވެ.