ސްރީލަންކާގެ ބައެއް ސްކޫލުތަކުން، އެ ސްކޫލުތަކަށް އަންހެން ބެލެނިވެރިން އަންނަ އިރު ހެދުން އަޅާނެ ގޮތްތަކެއް އަންގަމުން އައި އެންގުންތައް، އެގައުމުގެ ސަރުކާރުން ބާތިލު ކޮށްފި އެވެ.

ކޮލޮމްބޯގެ މަޝްހޫރު ދެ ސްކޫލު ކަމުގައިވާ ސެއިންޓް ޖޯސެފްސް ކޮލެޖާއި ސެއިންޓް ޕީޓާސް ކޮލެޖުން ވަނީ، އެކި ކަހަލަ ހެދުމުގައި ތިބޭ އަންހެނުންގެ ފޮޓޯތަކަކާ އެކު، އެ ސްކޫލަށް ވަންނަ ބެލެނިވެރިންނަށް ލެވޭނެ ހެދުންތަކާއި ނުލެވޭނެ ހެދުންތައް އަންގައިދޭ ބޯޑުތަކެއް ކޮލެޖުގެ ގޭޓުތައް ކައިރީގައި ޖަހާފައެވެ. މި ދެ ސްކޫލަކީ ފިރިހެން ކުދިންނަށް ކިޔަވައިދޭން ޚާއްސަ، ޕްރައިވެޓް ދެ ސްކޫލެވެ.

މި ބޯޑުތަކުގައި ބުނާ ގޮތުން، އަންހެން ބެލެނިވެރިން ސްކޫލަށް އަންނަ އިރު ލެވޭނީ ސާރީގެ އިތުރުން ދޫ ފޭރާމެވެ. ބާރު އަދި ކުރު ހެދުމާއި ސްކާޓު ލައިގެން އަންނަ އަންހެން ބެލެނިވެރިން ސްކޫލަށް ނުވައްދާނެ ކަމަށް އެ ބޯޑުތަކުގައިވާ އެންގުމުގައިވެއެވެ.

ސްރީލަންކާގެ އެޑިއުކޭޝަން މިނިސްޓަރު އަކިލަ ކާރިޔަވަސަމް ބީބީސީއާ ވާހަކަ ދައްކަވަމުން ވިދާޅުވީ، ގިނަ ބެލެނިވެރިންގެ ފަރާތުން ގިނަ އަދަދެއްގެ ޝަކުވާ، އެކަމާ ގުޅިގެން އަންނަމުން ދިޔަ ކަމަށެވެ.

"ސްކޫލުތަކަށް ނުނިންމޭނެ ބެލެނިވެރިން ހެދުން އަޅާނެ ގޮތާއި ނޭޅޭނެ ގޮތެއް. ގިނަ މަންމައިންނަށް ދިޔައީ މިކަމުގެ އުނދަގޫ ފޯރަމުން. ވަޒީފާއަށް ދާ ގިނަ މައިން އަބަދު ސާރީ އަޅައިގެން ނޫން އުޅެނީ. ބައެއް މައިން ޔުނިފޯމް ލައިގެންވެސް އުޅޭ. މި ޑްރެސް ކޯޑުގެ ސަބަބުން ބައެއް މަންމައިން އެބަ ޖެހޭ ހެނދުނު ދަރީން ސްކޫލަށް ލާން ދާންޖެހޭތީ ސާރީ އަޅައިގެން ސްކޫލަށް ގޮސް، އަނެއްކާ ގެއަށް އައިސް ހެދުން ބަދަލުކުރަން،" ސްކޫލުތަކުން ތަންފީޒުކުރި ޑްރެސް ކޯޑުތައް ބާތިލުކުރި ސަބަބު ހާމަ ކުރައްވަމުން ލަންކާގެ އެޑިއުކޭޝަން މިނިސްޓަރު ވިދާޅުވި އެވެ.

ލަންކާގެ އެޑިއުކޭޝަން މިނިސްޓަރު ވަނީ މިކަން އަންގައި، އެގައުމުގެ ހުރިހާ ސްކޫލަކަށް ސާކިއުލާއެއް ވެސް ފޮނުއްވައިފައެވެ.

"ކޮންމެ މަޔަކަށް ވެސް އެނގޭނެ ސްކޫލަކަށް ވަންނަ އިރު ފޭރާން އަޅަންޖެހޭ ގޮތް. ސްކޫލު މާހައުލާ ގުޅޭ އަންނައުނެއް ވިއްޔާ ލެވޭނެ،" މިނިސްޓަރު ވިދާޅުވި އެވެ.