އަންނަ އަންގާރަ ދުވަހު، އިންޑިއާގެ ގޯއާގައި ބާއްވާ، އޭޝިއަން ފުޓްބޯލް ކޮންފެޑެރޭޝަން (އޭއެފްސީ) އެކްސްޓްރާއޯޑިނަރީ ކޮންގްރެސްގައި ބައިވެރިވުމަށް، ރާއްޖޭގެ ފުޓްބޯޅައިގެ މައި އިދާރާ، އެފްއޭއެމްގެ ކުރީގެ ޖެނެރަލް ސެކްރެޓަރީ ބައްސާމް އަދީލް ޖަލީލަށް ދައުވަތު ލިބިއްޖެއެވެ.

ބައްސާމް ވިދާޅުވީ، ސެޕްޓެމްބަރު 27 ވަނަ ދުވަހު، ގޯއާގައި ބާއްވާ އޭއެފްސީ އެކްސްޓްރާއޯޑިނަރީ ކޮންގްރެސްގައި ބައިވެރިވުމަށް، އޭއެފްސީގެ ޖެނެރަލް ސެކްރެޓަރީ ވިންސަރ ޕައުލް ޖޯންގެ ޚާއްސަ ދައުވަތެއް ލިބިފައިވާ ކަމަށެވެ.

"އަޅުގަނޑު ވާނީ، އެ އަދުވަތު ގަބޫލުކޮށްފައި. އަދި އިރާދަކުރެއްވިއްޔާ އެ ބައްދަލުވުމުގައި ބައިވެރި ވާނަން،" ސަންއަށް ބައްސާމް ވިދާޅުވިއެވެ.

އޭޝިއާގެ ގައުމުތަކުގެ ފުޓްބޯޅަ ޖަމިއްޔާތަކުގެ މައި ޖަމިއްޔާއިން ބާއްވާ އެކްސްޓްރާއޯޑިނަރީ ކޮންގްރެސްގައި ބައިވެރިވުމަށް ބައްސާމަށް ދައުވަތު ލިބިފައި ވާއިރު، މިމަހުގެ 18 ވަނަ ދުވަހު، އެފްއޭއެމްގެ ރައީސް އަހްމަދު ޠާރިޤު (ޓޮމް) ވަނީ، އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީގެ މަގާމުން ބައްސާމު ވަކިކޮށްފައެވެ.

ބައްސާމަށް ޠާރިޤު ފޮނުއްވި ސިޓީއެއްގައި ބުނެފައިވަނީ، "ފުޓްބޯޅަ އެސޯސިއޭޝަންގެ ޖެނެރަލް ސެކްރެޓަރީގެ ގޮތުގައި އަދާކުރަމުންދާ ޒިންމާތަކާއި، ވާޖިބުތަކުން މިއަދު (18 ސެޕްޓެމްބަރު 2018) އިން ފެށިގެން ވަކިކުރެވިފައިވާ ވާހަކަ ދަންނަވަން" ކަމަށެވެ. ބައްސާމު މަގާމުން ވަކިކުރި ސަބަބެއް އެ ސިޓީގައި ހާމަކޮށްފައެއް ނުވެއެވެ.

ދުނިޔޭގެ ފުޓްބޯޅައިގެ ޖަމިއްޔާ، ފީފާއިން އަންނަނީ އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީގެ މަގާމުން ބައްސާމު ވަކިކުރި މައްސަލަ ބަލަމުންނެވެ. އަދި ބައްސާމު މަގާމުން ވަކިކޮށްފައި ވަނީ، ގަވާއިދާ ޚިލާފަށް ކަމަށްވާނަމަ، އެ މަގާމު އޭނާއަށް އަނބުރާ ލިބޭނޭ ކަމަށް ފީފާއިން ބުނެއެވެ.

"ޖެނެރަލް ސެކްރެޓަރީ މަގާމުން ވަކުކުރުމަށް އެފްއޭއެމްގެ އެކްސްކޯއިން ނިންމި ބައްދަލުވުމުގެ ޔައުމިއްޔާ ފޮނުއްވައިދިނުމަށް ދަންނަވަން. އަދި ގަވާއިދުގައިވާ ގޮތަށް ކަންކަން ކުރިއަށް ގެންގޮސްފައި ނުވާނަމަ، ކުރީގެ ޖެނެރަލް ސެކްރެޓަރީއަށް އޭނާގެ މަގާމާއި މަސްއޫލިއްޔަތުތައް އަނބުރާ ލިބެނެޖެހޭނެ،" ފީފާގެ ޖެނެރަލް ސެކްރެޓަރީ ފާތުމާ ސަމޫރާ ވިދާޅުވެފައި ވެއެވެ.

ބައްސާމު ވިދާޅުވީ، ފީފާއިން ނިންމާގޮތެއް މާދަމާގެ ވަގުތެއްގައި އެނގޭނޭ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ. އެގޮތުން އޭނާ ހުންނެވީ، ފީފާއިން އަންގާ ގޮތަކަށް ކުރިއަށް ވަޑައިގަތުމަށް ތައްޔާރަށް ކަމަށް ބައްސާމް ވިދާޅުވިއެވެ.

އޭޝިއާގެ ފުޓްބޯޅަ ކުރިއަރުވައި ތަރައްގީ ކުރުމަށް ކުރެވިދާނޭ ކަންކަމާއި، ކުރިއަށް ހުރި އޭއެފްސީ ބައެއް އިވެންޓްތަކާގުޅޭ ގޮތުން ކަންކަން ނިންމުމަށް ގޯއާގައި ބާއްވާ އެ ކޮންގްރެސްގައި ބައިވެރިވެވަޑައިގަތުމަށް އޭއެފްސީގެ ރައީސް ޝެއިޚް ސަލްމާން ބިން އިބްރާހީމް މިހާރު ވަނީ ގޯއާއަށް ވަޑައިގެންފައެވެ.